ދުނިޔެ

ވެރިކަން ބަދަލުކުރި އަސްކަރީ ލީޑަރު ޒިމްބާބްވޭގެ ނައިބު ރައީސް ކަމަށް

ޒިމްބާބްވޭ މިނިވަން ވުމާ އެކު ވެރިކަމަށް ވަޑައިގެންނެވި ގޮތަށް 37 އަހަރުވަންދެން ހުންނެވި ރޮބަޓް މުގާބޭގެ ވެރިކަން ވައްޓައިލުމުގައި އިސް ދައުރެއް އަދާ ކުރެއްވި އަސްކަރީ ލީޑަރު ކޮންސްޓެންޓީނޯ ޗިވެންގާ އަށް ނައިބު ރައީސްކަން ދޭން އުޅޭ ކަމަށް ބެލެވިއްޖެއެވެ.

ސިފައިން ނުކުމެ، މުގާބޭ ގޭ ބަންދުކޮށް އިސްތިއުފާ ދެއްވަން މަޖުބޫރުވީ ހާލަތު މެދުވެރި ކުރި އިރު އެންމެ އިސް ކޮމާންޑަރަކަށް ހުންނެވި ޖެނެރަލް ޗިވެންގާއަށް ނައިބު ރައީސްކަން ދެއްވަން އުޅުއްވާ ކަމުގެ އިޝާރާތެއް ދެއްވީ ރައީސް އެމާސަން ނަންގަގްވާއެވެ.

ޗިވެންގާގެ އިސް ނެންގެވުމާއި އެކު ސިފައިންގެ ބާރުގެ ދަށަށް ޒިމްބާބްވޭގެ ވެރިރަށް ހަރާރޭ ގެނައި ފިޔަވަޅު މިދިޔަ ނޮވެމްބަރު މަހު އެޅީ އޭރު ނަައިބު ރައީސްކަމުގައި ހުންނެވި އެމާސަން ނަންގަގްވާ އެ މަގާމުން ދުރުކުރުމުންނެވެ. އޭރުގެ ރައީސް މުގާބޭ އެފިޔަވަޅު އެޅުއްވީ އޭނާގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވެރިކަމަށް ވަޑައިގަންނަވަން މަގު ކޮށްޓެވުމުގެ ގޮތުންނެވެ.

ޒިމްބާބްވޭގެ ވެރިރަށް ހަރާރޭގެ ކައިރީގައިވާ ސިފައިންގެ މަރުކަޒެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އެމާސަން ނަންގަގްވާ ވަނީ ޗިވެންގާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ. މިއަދު ބޭއްވި އެ ރަސްމިއްޔާތަކީ ސިފައިންގެ ކޮމާންޑަރުކަމުން ޗިވެންގާ ޝަރަފުވެރިކަމާއި އެކު ވަކިވެވަޑައިގެން އެ މަގާމު އެހެން ބޭފުޅަކަށް ދޭން ބޭއްވި ރަސްމިއްޔާތެކެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗިވެންގާއަށް ތައުރީފު ކުރެއްވުމަށް ފަހު ނަންގަގްވާ ވިދާޅުވީ " ދެން ވަޑައިގަންނަވާ މަގާމުގައި ވެސް ހަމަ ތިޔަ ފަދަ ތެދުވެރިކަން ދައްކަވަން ވާނެ " ކަމަށެވެ.

މިހާރު ހުސްވެފައިވާ ނައިބުރައީސްކަމުގެ ދެ މަގާމަށް ބޭފުޅުން ހަމަ ޖައްސަވަން އުޅުއްވާކަން ނަންގަގްވާ ވަނީ ހުކުރު ދުވަހު ހާމަކުރައްވާފައެވެ.