ހަބަރު

ފިނޭންސް މިނިސްޓްރީ އިމާރާތަށް މެލޭޝިއާއިން ފައިސާ ދެނީ

ހުޅުމާލޭގައި އިމާރާތްކުރަމުން އަންނަ ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތުގެ މަޝްރޫއަށް ބޭނުންވާ ފައިސާ ހަމަ ޖައްސައިދެއްވަން އުޅޭ ކަމުގެ އިޝާރާތެއް މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިއަދު ދެއްވައިފި އެވެ.

ދެ ދުވަހުގެ ރަަސްމީ ދަތުރުރުޅެއްގައި ރާއްޖެއަށް ވަޑައިގެން އުޅުއްވާ ނަޖީބު ރައީސް އަބުދުﷲ ޔާމީނު އަރިހުގައި ރައީސް އޮފީހުގައި ދާދި ދެންމެއަކު ދެއްވި ގުޅިފައިވާ ބަޔާނުގައި ވިދާޅުވީ ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ މަޝްރޫއު ނިމޭތަން ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ. އަދި މިދަތުރުގެ ސަބަބުން އެކަމަށް މަގުފަހިވެގެން އަންނާނެ ކަމުގެ އުންމީދުގައި ހުންނެވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"...އެކަމަށް އިތުރު ފައިސާ ބޭނުންވޭ. އެއީ ގާތްގަނޑަކަށް 132 މިލިޔަން ޑޮލަރު. އަޅުގަނޑުމެން ހަމަ ބޭނުންވޭ އެކަން ނިމިފައިވާތަން ދެކެން. އެހެންވީމާ މިދަތުރުގެ ނަތީޖާއެއްގެ ގޮތުން، އެމަޝްރޫއު ނިންމަން އެހީތެރިވެވޭނެ ކަމަށް އުއްމީދު ކުރަން،" ނަޖީބު ވިދާޅުވިއެވެ.

ނަޖީބު މިހެން ވިދާޅުވި ނަމަވެސް ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ މަޝްރޫއަށް މެލޭޝިއާއިން ހަރަދުކުރާނެ ގޮތުގެ ތަފުސީލެއް އޭނާ ނުދެއްވައެވެ. އެގޮތުން އެކަމަށް ބޭނުންވާ ފައިސާ ދޭނީ އެއްކޮށް ކަމެއް ނުވަތަ ބައެެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި އެފަައިސާ ދޭނީ ހިލޭ އެހީގެ ގޮތުގައި ކަމެއް ނުވަތަ ލޯނެއްގެ ގޮތުގައި ކަމެއް ވެސް އޭނާ ވިދާޅެއް ނުވެއެެވެ.

ދައުލަތުން 1.8 ބިލިޔަން ރުފިޔާ (122.7 މިލިއަން ޑޮލަރު) ހަރަދުކޮށްގެން އަޅާ ފިނޭންސް މިނިސްޓްރީގެ މަސައްކަތް ކުރަމުން އަންނަނީ މެލޭޝިއާގެ ޑަބްލިއު.ޒެޑް.އާރު ކޮންސްޓްރަކްޝަން ކުންފުނިންނެވެ. އެއިމާރާތް ފުރަތަމަ އަޅަން ނިންމީ މާލޭގައި، ފިނޭންސް މިނިސްޓްރީގެ މިހާރުގެ އިމާރާ ޖެހިގެން އެވެ.

ބޮޑުވަޒީރު ނަޖީބުގެ ވަފުދުން ރައީސް ޔާމީނާއި ދިވެހި ސަރުކާރުގެ އިސް އެހެން ބޭފުޅުންނާއި އެކު ރައީސް އޮފީހުގައި މިއަދު ބޭއްްވި މަޝްވަރާތަކަށް ފަހު ބައެއް އެއްބަސްވުންތަކުގައި ދެގައުމުން ވަނީ ސޮއިކޮށްފައެވެ. އެގޮތުން ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން( އެމްއޯޔޫ) ތަކަކީ ތެރޭގައި ސިއްހީ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާއާއި ފަޔާ ފައިޓިން އެންޑް ރެސްކިއުގެ ދާއިރާ އިން އެއްބާރުލުމުގެ އެމްއޯޔޫތަކެވެ. ފިނޭސް މިނިސްޓްރީގެ އިމާރާތް އަޅަން އެހީވުމާ ބެހޭ އެއްބަސްވުމެއް އޭގެ ތެރޭގައި ނުހިމެނެއެވެ.

ގުޅިފައިވާ ބަޔާނުގައި ރައީސް ޔާމީނު ވަނީ އިގުތިސާދީ ގޮތުން މެލޭޝިއާއިން ހޯދާފައިވާ ކުރިއެރުންތަކަށް ތައުރީފު ކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް އުހުވަތްތެރި ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.