ހަބަރު

މެލޭޝިޔާއާ ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު އަޅާނަން: ރައީސް

ހައްދުފަހަނަ އެޅުމާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް މެލޭޝިއާ ގުޅިގެން ރާއްޖޭން ކުރަމުން އަންނަ މަސައްކަތް ދެގުނައަށް އިތުރުކުރައްވާނެ ކަމަށް ރައީސުލް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދެދުވަހުގެ ދަތުރުފުޅުގައި އޭނާގެ އަރިހުގައި ރައީސް އޮފީހުގައި މިއަދު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސް ޔާމީނު ވިދާޅުވީ ހައްދުފަހަނައަޅައި ދިއުމާއި ޓެރަރިޒަމްގެ ނުރައްކާ ދެ ގައުމަށް އޮތް މިންވަރާ ގުޅޭ ގޮތުން ބޮޑުވަޒީރު ނަޖީބާ އެކު މިއަދު މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ދެ ގައުމުން ވެސް ކުރަން ޖެހޭ މަސައްކަތް އިހުނަށް ވުރެ ވަރުގަދަ ކުރަން ޖެހޭކަމަށް ދެ ބޭފުޅުންނަށް ވެސް އެއްބަސްވެ ވަޑައިގެންނެވުނު ކަމަށް ރައީސް ވިދާޅުވި އެވެ.

"... އަޅުގަނޑުމެން ދެބަހެެއް ނެތި އެއްބަސްވީ ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކަލާ ހަނގުރާމަ ކުރުމަށް ގުޅިގެން ކުރާ މަސައްކަތް ދެގުނަ ކުރަން،" ރައީސް ވިދާޅުވިއެވެ.

ގުޅިފައިވާ ބަޔާނުގައި ރައީސް ޔާމީނު ވަނީ އިގުތިސާދީ ގޮތުން މެލޭޝިއާއިން ހޯދާފައިވާ ކުރިއެރުންތަކަށް ތައުރީފު ކުރައްވާފަ އެވެ. އެގޮތުން އިގްތިސާދީ ކުރިއެރުމުގައި މެލޭޝިޔާއަކީ ނަމޫނާއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް އުހުވަތްތެރި ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވީ މެލޭޝިއާއަކީ އިސްލާމިކް ސްޓޭޓް(އައިއެސް)ގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް ގައުމު ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ޖަމާއަތްތަކުގެ ނުރައްކަލުން މެލޭޝިއާ ދުރާލައި ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ މެދު ރައީސް ޔާމީނާ އެކު މަޝްވަރާ ކުރެއްވި ކަމަށެވެ.

"... ދުނިޔޭގެ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ގުޅިގެން މަސައްކަތް ކުރާ ނަމަ މި ނުރައްކާތަކާ ކުރިމަތިލެވޭނެ ކަމުގެ ޔަގީންކަން އަޅުގަނޑަށް އެބަ އޮތް، " ނަޖީބު ވިދާޅުވިއެވެ.

މެލޭޝިއާއާއި ރާއްޖެއާ ދެގައުމަކީ ވެސް ޓެރަރިޒަމްގެ ނުރައްކާ ކުރިމަތިވެފައިވާ ދެގައުމެވެ. ރާއްޖޭގައި ފަހުގެ ތާރީހެއްގައި އެފަދަ ހަމަލާއެއް ދީފައި ނުވިޔަސް އެފަދަ ހަމަލާތައް ދޭން އުޅެގެން މީހުން ހައްޔަރު ކުރުމުގެ ހާދިސާތައް ފަހަަކަށް އައިސް ހިނގާފައި ވެއެވެ. މެލޭޝިއާގައި ދޭން އުޅުނު އެފަދަ ގިނަ ހަމަލާތަކެއް ނާކާމިޔާބުކޮށްލާފައި ވާއިރު އެފަދަ މައްސަލައެއްގެ ތުހުމަތަށް ދިވެހިންގެ ބަޔަކުވެސް ދާދި ފަހުން އެގައުމުގައި ހައްޔަރު ކުރިއެވެ.

ބޮޑުވަޒީރު ނަޖީބުގެ ވަފުދުން ރައީސް ޔާމީނާއި ދިވެހި ސަރުކާރުގެ އިސް އެހެން ބޭފުޅުންނާއި އެކު ރައީސް އޮފީހުގައި މިއަދު ބޭއްްވި މަޝްވަރާތަކަށް ފަހު ބައެއް އެއްބަސްވުންތަކުގައި ދެގައުމުން ވަނީ ސޮއިކޮށްފައެވެ. އެގޮތުން ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން( އެމްއޯޔޫ) ތަކަކީ ތެރޭގައި ސިއްހީ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާއާއި ފަޔާ ފައިޓިން އެންޑް ރެސްކިއުގެ ދާއިރާ އިން އެއްބާރުލުމުގެ އެމްއޯޔޫތަކެވެ.