ހަބަރު

ރާއްޖޭގެ ޓޫރިޒަމްގައި މެލޭޝިޔާއިން ބައިވެރިވާން ބޭނުން: ނަޖީބު

ގިނަ ގޮންޖެހުންތަކަކާއި އެކުގައި ވެސް ރާއްޖޭގައި ޓޫރިޒަމް މިހާ ބޮޑަށް ކުރިއެރުވިގޮތް މެލޭޝިއާއިން ދިރާސާކުރަން ބޭނުންވާ ކަމަށާއި މި ސިނާއަތުގައި އިންވެސްޓްކުރަން އެ ގައުމުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ވިދާޅުވެއްޖެ އެެވެ.

ދެދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއަށް ވަޑައިގެން ރައީސް އަބުދުﷲ ޔާމީންގެ އަރިހުގައި ރައީސް އޮފީހުގައި ގުޅިފަައިވާ ބަޔާން ދެއްވަމުން ނަޖީބު ވިދާޅުވީ ރާއްޖޭގެ ޓޫޫރިޒަމް ކުރިއަރާފައި ވަނީ ހީވެސް ނުކުރައްވާ ވަރަށް ކަމަށެވެ. އަދި އެއީ މެލޭޝިޔާއިން ނަމޫނާ އަކަށް ބަލާނެ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ތިޔަބޭފުޅުން ތިޔަވަނީ ދުނިޔޭގެ މައިގަނޑު ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ތަރައްގީ ކުރައްވާފައި. ތިޔަބޭފުޅުން މިކަން ހާސިލުކުރެއްވި ގޮތް ދަސްކުރަން އަޅުގަނޑުމެން ގަޔާވޭ،" ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ތައުރީފުކުރައްވައި ވާހަކަފުޅު ދައްކަވަމުން ނަޖީބު ވިދާޅުވި އެވެ.

އަދި ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީގައި ބައިވެރިވުމުގެ ފުރުސަތު މެލޭޝިއާގެ ކުންފުނިތަކަށް ވެސް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އިމާރާތް ބިނާކުރުމުގެ މަސައްކަތް މެލޭޝިއާގެ ކުންފުންޏަކާ ހަވާލުކޮށްފައި ވާތީ ރައީސް ޔާމީނަށް ނަޖީބު ޝުކުރުއަދާކުރެއްވި އެވެ. އެއިމާރާތަށް ބޭނުންވާ ފައިސާ މެލޭޝިއާއިން ފޯރުކޮށްދެއްވާނެ ކަމުގެ އިޝާރާތެއް ވެސް އޭނާ ކުރެއްވިއެވެ.

"...އެކަމަށް އިތުރު ފައިސާ ބޭނުންވޭ. އެއީ ގާތްގަނޑަކަށް 132 މިލިޔަން ޑޮލަރު. އަޅުގަނޑުމެން ހަމަ ބޭނުންވޭ އެކަން ނިމިފައިވާތަން ދެކެން. އެހެންވީމާ މިދަތުރުގެ ނަތީޖާއެއްގެ ގޮތުން، އެމަޝްރޫއު ނިންމަން އެހީތެރިވެވޭނެ ކަމަށް އުއްމީދު ކުރަން،" ނަޖީބު ވިދާޅުވިއެވެ.

ނަޖީބު މިހެން ވިދާޅުވި ނަމަވެސް ފިނޭންސް މިނިސްޓްރީގެ އިމާރާތުގެ މަޝްރޫއަށް މެލޭޝިއާއިން ހަރަދުކުރާނެ ގޮތުގެ ތަފުސީލެއް އޭނާ ނުދެއްވައެވެ. އެގޮތުން އެކަމަށް ބޭނުންވާ ފައިސާ ދޭނީ އެއްކޮށް ކަމެއް ނުވަތަ ބައެެއް ކަމެއް ވިދާޅެއް ނުވެއެވެ. އަދި އެފަައިސާ ދޭނީ ހިލޭ އެހީގެ ގޮތުގައި ކަމެއް ނުވަތަ ލޯނެއްގެ ގޮތުގައި ކަމެއް ވެސް އޭނާ ވިދާޅެއް ނުވެއެެވެ.

ބޮޑުވަޒީރު ނަޖީބުގެ ވަފުދުން ރައީސް ޔާމީނާއި ދިވެހި ސަރުކާރުގެ އިސް އެހެން ބޭފުޅުންނާއި އެކު ރައީސް އޮފީހުގައި މިއަދު ބޭއްްވި މަޝްވަރާތަކަށް ފަހު ބައެއް އެއްބަސްވުންތަކުގައި ދެގައުމުން ވަނީ ސޮއިކޮށްފައެވެ. އެގޮތުން ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން( އެމްއޯޔޫ) ތަކަކީ ތެރޭގައި ސިއްހީ ދާއިރާއާއި މަތީ ތައުލީމުގެ ދާއިރާއާއި ފަޔާ ފައިޓިން އެންޑް ރެސްކިއުގެ ދާއިރާ އިން އެއްބާރުލުމުގެ އެމްއޯޔޫތަކެވެ. ފިނޭސް މިނިސްޓްރީގެ އިމާރާތް އަޅަން އެހީވުމާ ބެހޭ އެއްބަސްވުމެއް އޭގެ ތެރޭގައި ނުހިމެނެއެވެ.

ގުޅިފައިވާ ބަޔާނުގައި ރައީސް ޔާމީނު ވަނީ އިގުތިސާދީ ގޮތުން މެލޭޝިއާއިން ހޯދާފައިވާ ކުރިއެރުންތަކަށް ތައުރީފު ކުރައްވާފައެވެ. އަދި ދެގައުމުގެ ދެމެދުގައި އޮތް އުހުވަތްތެރި ގުޅުން ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.