ފިނިޕޭޖް

އެކްސިޑެންޓަށް ފަހު ބޯނޯ އަށް އަދިވެސް ގިޓާ ނުކުޅެވޭ

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ބައިސިކަލް އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ޔޫޓޫގެ ފުރޮންޓްމޭން ބޯނޯ އަދިވެސް ފަރުވާ ހޯދަމުން އަންނައިރު އޭނާ އަށް އަދިވެސް ގިޓާ ނުކުޅެވެ އެވެ.

ނިއު ޔޯކްގެ ސެންޓްރަލް ޕާކުގައި ބާރު ސްޕީޑްގައި ބައިސިކަލް ދުއްވަނިކޮށް ވެއްޓި ބޯނޯގެ މޫނަށާއި އަތަށާއި ކޮނޑުހުޅަށް ބޮޑެތި އަނިޔާތަކެއް ލިބުނެވެ. މޫނު މައްޗަށާއި ކޮނޑުހުޅަށް ލިބުނު އަނިޔާ އެއްކޮށް މިހާރު ރަނގަޅުވެފައިވީ ނަމަވެސް އަތަށާއި އިނގިލިތަކަށް ލިބުނު އަނިޔާތަކަށް އަދިވެސް ދަނީ ފަރުވާ ހޯދަމުންނެވެ.

އަތުގެ ބައެއް ހިސާބުތައް އަދިވެސް ހުންނަނީ އައްސިވެފައި ކަމަށްވެ އެވެ.

ލަވަކިޔަން މައިކުގައި ހިފަހައްޓައިގެން ހުރެވުނަސް ގިޓާ ކުޅެން އަތް ބޭނުން ނުކުރެވޭ ކަމަށް ނިއު ޔޯކް ޓައިމްސް އިން ރިޕޯޓްކޮށްފައިވެ އެވެ. އެކްސިޑެންޓްގައި ލިބުނު އަނިޔާތަކާ ގުޅިގެން ބޯނޯގެ އަތުގެ ނާރުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފަ އެވެ.

އޭނާގެ ފަރާތުން އަންގަނީ މި އަނިޔާ އިން އެއްކޮށް ސަލާމަތްވުމަށް ގާތްގަނޑަކަށް 13 މަސް ނަގާނެ ކަމަށެވެ.

އަޔަލެންޑްގެ ރޮކް ބޭންޑް ޔޫޓޫގެ ލަވަކިޔުންތެރިޔާ އަށް ވުމުގެ އިތުރުން ބޯނޯ ދެން މަޝްހޫރީ އިންސާނީ ހައްގުތަކަށް އޭނާ ކުރަމުން ގެންދާ މަސައްކަތްތަކާ ގުޅިގެންނެވެ.