ހަބަރު

52 މީހެއްގެ މައުލޫމާތު ހޯދަން ރާއްޖޭން އެދުނު: ފޭސްބުކް

ސޯޝަލް މީޑިއާ ފޭސްބުކް ބޭނުން ކުރާ 52 މީހެއްގެ މައުލޫމާތު ހޯދަން 36 ހުށަހެޅުމެއް ދިވެހި ސަރުކާރުން ހުށަހެޅި ކަމަށް އެ ނެޓްވޯކުން ބުނެފިއެވެ.

ފޭސްބުކް އިން ނެރޭ ' ޓްރާންސްޕޭރެންސީ ރިޕޯޓް" ގައި ބުނެފަައި ވަނީ 52 މީހަކާ ގުޅޭ ގޮތުން ހޯދައި އެއްކުރަން ސަރުކާރުން އެދުނު މައުލޫމާތުގެ 76 ޕަސެންޓް އެއްކޮށް ފޯރުކޮށްދީފައިވާ ކަމަށެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ހުށަހެޅި އެ ހުށަހެޅުންތަކުގެ ތެރޭގައި ހިމެނެނީ ގާނޫނީ މަރުހަލާތައް ފުރިހަމަކޮށްގެން ހުށަހެޅި 36 ހުށަހެޅުމާއި ކުއްލި ހާލަތުގައި ހުށަހެޅި އެއް ހުށަހެޅުމެވެ. ގާނޫނީ މަރުހަލާ ފުރިހަމަކޮށްގެން ހުށަހަޅާފައި ވަނީ 49 މީހެއްގެ މައުލޫމާތު ހޯދާާށެވެ. ކުއްލި ހާލަތުގައި އެދުނީ 3 މީހެއްގެ މައުލޫމާތު ހޯދާާށެވެ.

ފޭސްބުކް އިން އެއްކޮށް ، ގާނޫނީ މަރުހަލާތައް ފުރިހަމަކުރަންދެން ބަހައްޓާފައި ވަނީ އެންމެ މީހެއްގެ މައުލޫމާތެވެ. ރިޕޯޓުގައި ބުނެފައި ވަނީ އެގޮތަށް މައުލޫމާތު އެއްކޮށްފައި ބަހައްޓާނީ 90 ދުވަސް ވަންދެން ކަމަށެވެ. އަދި ބުނެފައި ވަނީ މައުލޫމާތު ރައްކާ ކުރުމަށް ފިޔަވަޅު އަޅަނީ ޖިނާއީ ތަހުގީގަކަށް އެ މައުލޫމާތު ބޭނުންވާ ހާލަތުގައި ކަމަށެވެ.

ބައެއް ގައުމުތަކުގައި ހިންގާފައިވާ ޖިނާއީ ކުށްތަކުގައި ފޭސްބުކްގެ ބޭނުން ކޮށްފައި ވުމާއި އެ ނެޓްވޯކް ބޭނުންކޮށްގެން ދޮގު މައުލޫމާތު ފެތުރުމުގެ މައްސަލަ ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. އެ ކަހަލަ ކަމެއްގައި އެމެރިކާ ޕާލަމެންޓުގެ ކަމާ ބެހޭ ކޮމިޓީއަކަށް ފޭސްބުކްގެ ވެރިން މިއަހަރު ވަނީ ހާޒިރުކޮށް ސުވާލުވެސް ކޮށްފައެވެ.