ހަބަރު

ޓްރަމްޕްގެ އިންޒާރާ އެކުވެސް ގުދުސް ގަރާރު ރާއްޖޭން ސްޕޮންސާ ކޮށްފި

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ކޮންމެ ފަރާތަކުން ނިންމިޔަސް އެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށް ބުނެ އދ.ގެ އާއްމު މަޖިލީހަށް މިއަދު ހުށަހަޅާ ގަރާރު ރާއްޖޭން ކޯ ސްޕޮންސާ ކޮށްފިއެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް އެމެރިކާއިން ބަލައިގަތުމުން އަރަބި ބައެއް ގައުމުތަކުން ތައްޔާރުކުރި އެގަރާރު ރާއްޖޭން ކޯ ސްޕޮންސާކޮށްފައިވާކަން މިއަދު ހާމަކުރެެއްވީ އދ. އަށް ރާއްޖޭން ކަނޑައަަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ޑރ. އަލީ ނަސީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އިރުމަތީ ގުުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމަށް ބުނާ ބުނުން ތަކުރާރުކޮށް ، އދ.ގެ އާއްމު މަޖިލީހުގައި ރާއްޖޭން މިއަދު ބަޔާނެއް ދޭނެ ކަމަށެވެ.

އެގަރާރު ފާސް ކުރިޔަ ނުދޭން އެމެރިކާއިން މިހާރު ވަނީ ވަރުގަދަ އިންޒާރެއް ދީފައެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް މިއަދު ވިދާޅުވީ އެ ގަރާރަށް ވޯޓުދޭ ގައުމުތަކަށް އެމެރިކާއިިންދޭ އެހީތަށް ކަނޑައައިލާނެ ކަމަށެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އެމެރިކާއާ ދެކޮޅަށް އެ މައްސަލައިގައި ވޯޓުދޭން އުޅޭ ގައުމުތަކަކީ އެހީގެ ގޮތުގައި އެތައް ބިލިޔަން ޑޮލަރެއް ހޯދާ ގައުމުތަކެއް ކަމަށެވެ.

" އެމީހުން އެތައް މިލިޔަންް ޑޮލަރެއް، އެތައް ބިލިޔަން ޑޮލަރެއް ވެސް ނަގާ. އަދި އެމީހުން އަހަރެންނާ ދެކޮޅަށް ވޯޓުދޭނެ. އެމީހުން އަހަރެމެންނާ ދެކޮޅަށް ވޯޓު ލިޔަދީ. އަހަރެމެންނަށް ބޮޑު އެއްޗެއް ސަލާމަތް ކުރެވޭނެ. އަހަރެމެން އަޅައެއް ނުލާނަން،" ޓްރަމްޕް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.

ޓްރަމްޕްގެ އިންޒާރު އައިސްފައި މިވަނީ ގުދުސަކީ އިޒްރޭލުގެ ވެރިކަމަށް ބަލައިގަންނަ ކޮންމެ ބަޔަކާ ދެކޮޅު ހެދުމަށް އަރަބި ގައުމުތަކުން އދ.ގެ އާއްމު މަޖިލީހަށް ވައްދާފައިވާ ގަރާރަށް ވޯޓަށް އަހަން ތައްޔާރުވެފައި ވަނިކޮށެވެ. އެގަރާރުގެ ދެލިކޮޕީގައި އެމެރިކާގެ ނަން ވަކިން ފާހަގަކޮށްފައެއް ނުވެއެވެ. ނަމަވެސް ބުނެފައި ވަނީ "ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި ބަލައިގަންނަ ކޮންމެ ފަރާތެއް" ކަމަށެވެ.

ހަމަ އެފަދަ ގަރާރެއް މިދިޔަ ހޯމަ ދުވަހު އދ.ގެ ސަލާމަތީ މަޖިލީހަށް ވެސް ވެއްދިއެވެ. އެމަޖިލީހުގައި ހިމެނޭ 15 މެމްބަރުންގެ ތެރެއިން 14 މެމްބަރުންް އެ ގަރާރާ އެއްކޮޅަށް ވޯޓު ދިން ނަމަވެސް އެމެރިކާއިން ވަނީ އެގަރާރު ވީޓޯކޮށް ބޭކާރުކޮށްލާފައެވެ.

އދ.ގެ އުސޫލުތައް ރާވާފައި އޮންނަނީ އެ ޖަމާއަތުގައި ބައިވެރިވާ އެންމެންގެ މައްޗަށް ދާއިމީ ފަސް މެމްބަރުން ކަމަށްވާ އެމެރިކާ، ޗައިނާ، ޔޫކޭ، ފްރާންސް އަދި ރަޝިޔާގެ ބަސް ގަދަވާ ގޮތަށެވެ. ދެން ތިބި އެންމެން ކަމަކާ އެއްކޮޅަށް ވޯޓު ދިނަސް މީގެ ތެރެއިން ގައުމަކުން އެކަމަކާ ދެކޮޅު ހެދިޔަސް އެކަން ބޭކާރުކޮށްލެވެއެވެ.