ހަބަރު

އދ ގައި އެމެރިކާއަށާއި އިޒްރޭލަށް ރާއްޖޭން ހޫނު ރައްދެއް

ގުދުސުގެ މައްސަލައިގައި އިޒްރޭލާއި އެމެރިކާއިން ދެއްކި ވާހަކަތަކަށް އދ ގެ އާންމު މަޖިލީހުގައި ރާއްޖޭން ވަރުގަދަ ރައްދެއް ދީފި އެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ކޮންމެ ގައުމަކުން ކަނޑައެޅިޔަސް އެއީ ބާތިލު ނިންމުމެއް ކަމަށް ބުނެ އދ.ގެ އާއްމު މަޖިލީހަށް މިއަދު ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވަމުން އެމެރިކާގެ ސަފީރު ނިކިހާލޭ ވިދާޅުވީ އެމެރިކާގެ އެމްބަސީ ބަހައްޓާނެ ތަނެއް ކަނޑައެޅުމަކީ އެމެރިކާގެ ސިޔާދަތީ ހައްގެއް ކަމަށެވެ. އަދި ވިދާޅުވީ އެމެރިކާއަކީ އދ. އަށް އެންމެ ބޮޑު ހަރަދެއް ކުރާ ގައުމަށް ވާތީ އެގައުމަށް އެކަމުން މަންފާ ކުރަން ޖެހޭނެ ކަމަށެވެ.

ދެން ވިދާޅުވީ އދ.ގެ އާއްމު މަޖިލީހުން މިއަދުގެ ގަރާރާ މެދު ކޮންމެ ގޮތަކަށް ނިންމި ނަމަވެސް އެމެރިކާއިން އެގައުމުގެ ނިންމުން ބަދަލު ނުކުރާނެ ކަަމަށެވެ.

މިހާރު ކުރިއަށްދާ ޖަލްސާގައި އިޒްރޭލުންވެސް ވާހަކަ ދެއްކީ ހަމަ އެމޭރުމުންނެވެ. އަދި ގުދުސަކީ ޔަހޫދީންގެ ރަށެއްކަން ތާރީހުން އެނގޭ ކަމަށް އެމީހުން ކުރާ ދައުވާ ތަކުރާރު ކުރި އެވެ.

ޖަލްސާގައި ވާހަކަ ދައްކަން ރާއްޖެއަށް ފުރުސަތު ލިބުނީ އެ ދެގައުމުގެ ފަހުން ދާދި އަވަހަށެވެ. އެއީ ރާއްޖެއަކީ ގަރާރު ކޯ ސްޕޮންސާ ކުރި ގައުމަކަށް ވާތީއެވެ. އދ.އަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދު ވިދާޅުވީ ދުނިޔޭގެ ގައުމުތައް މިހާރު ތަބާވަމުން އަންނަނީ ގާނޫނީ ހުކޫމަތަށް ކަމަށެވެ. އަދި އެންމެ ބާރުގަދަ ގައުމަށް ވެސް އެ އުސޫލުގެ ބޭރުން އަމަލުކުރުމުގެ ބާރެއް ނޯންނާނެ ކަމަށް ވެސް ޑރ. ނަސީރު ވިދާޅުވި އެވެ.

" އެއްވެސް ބާރަކީ މިހަގީގަތަށް އަޅައި ނުލައި ދޫކޮށްލެވޭ ވަރުގެ ގަދަ ބާރެއް ނޫން،" އެއަށް ފަހު އޭނާ ވިދާޅުވިއެވެ.

އަދި ވިދާޅުވީ މިއަދު ފާސްކުރާ ގަރާރުން ހާމަވާނީ އެކަން ކަމަށެވެ. މިހަފުތާގެ ކުރީކޮޅު އދ.ގެ ސަލާމަތީ މަޖިލީހުގައި މިމައްސަލައިގައި ނެގި ވޯޓުން ވެސް އެކަން އެނގިގެން ގޮސްފައިވާ ،ކަމަށް އޭނާ ވިދާޅުވިއެވެ. އެ ވޯޓުގައި ސަލާމަތީ މަޖިލީހުގެ 15 މެމްބަރުންގެ ތެރެއިން 14 މެމްބަރުން ފަލަސްތީނާ އެއްކޮޅަށް ވޯޓު ދިންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އިޒްރޭލާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑރ. އަލީ ނަސީރު ވިދާޅުވީ މެދު އިރުމަތީގެ މައްސަލައަށް އޮތް ހައްލަކީ އިޒްރޭލާއި އެކު ފަލަސްތީނުގެ މިނިވަން ދައުލަތެއް އޮތުން ކަން އިޒްރޭލުން ދަންނަން ޖެހޭނެ ކަމަށެވެ. އަދި އެގޮތުން އުފައްދާ ފަލަސްތީނުގެ ދައުލަތް އޮންނަން ވާނީ 1967 ވަނަ އަހަރު އޮތް އިމުގެ ތެރޭގައި ކަމަށާއި ވެރިރަށަށް ވާން ޖެހޭނީ އިރުމަތީ ގުދުސް ކަމަށް ވެސް ވިދާޅުވި އެވެ.

" އެއީ އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކުން ކުރިއަށް ނެރެފައިވާ ހައްލަކީ. އެހެންވީމާ ރާއްޖޭން އިޒްރޭލަށް މިގޮވައިލަނީ އެކަމާ ގުޅިގެން (މިހައިތަނަށް) ފާސްކޮށްފައި ހުރި ގަރާރުތައް ތަންފީޒު ކުރަން،" އޭނާ ވިދާޅުވިއެވެ.