ހަބަރު

ޖީއެސްޓީގެ ގޮތުގައި 2.9 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ޖީއެސްޓީގެ ނުދައްކާ ކުންފުނިތަކެއްގެ މައްޗަށް ޖުމްލަ 2.9 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ޖީއެސްޓީ އާއި އެ ފައިސާ ނުދައްކައިގެން މީރާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަތަކުގައި މި މަހުގެ މިހާތަނަށް ހަތަރު ކުންފުންޏެއްގެ މައްޗަށް ވަނީ ނުދައްކާ ހުރި ފައިސާ ދައްކަން ހުކުމްކޮށްފަ އެވެ. އެގޮތުން މި މަހުގެ 17 ވަނަ ދުވަހު ސިވިލް ކޯޓުން އަޒިމުތު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމްކޮށްފައި ވަނީ ޖީއެސްޓީ އާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 409،579 ރުފިޔާ ދެ މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އަދި ހަމަ އެ ދުވަހު ސިވިލް ކޯޓުން ޓީއެލްއެމް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމްކޮށްފައި ވަނީ ދެ މަސް ދުވަހުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ނުދައްކާ ހުރި 98،492.18 ޑޮލަރާއި (1.5 މިލިއަން ރުފިޔާ) އާއި ޖޫރިމަނާއަށް އަރާފައިވާ 43،000 ރުފިޔާ ދައްކާ ހަލާސްކުރުމަށެވެ.

މި މަހުގެ 19 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ އައިސޯލް ޕްރައިވެޓް ލިމިޓެޑް އިން ޖީއެސްޓީ އާއި އޭގެ ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި 501،288 ރުފިޔާ ދެ މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށެވެ. އަދި މި މަހުގެ 21 ވަނަ ދުވަހު ކޮންސަލްޓޭޝަން އެންޑް މެރިން ސާވޭއިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ހުކުމްގައި އެ ކުންފުނިން މީރާއަށް 380،085 ރުފިޔާ އެއްމަސް ދުވަސް ތެރޭ ދައްކާ ހަލާސްކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.

އެ ހަތަރު ކުންފުނިން މީރާއަށް ދެއްކުމަށް ހުކުމްކުރި ފައިސާގެ ޖުމްލަ އަދަދު 2.9 މިލިއަން ރުފިޔާއަށް އަރަ އެވެ.

މީރާއަށް ޖީއެސްޓީ ނުދައްކައިގެން 26 ކުންފުންޏެއްގެ މައްސަލަ މިހާރު ވެސް އޮތީ ކޯޓްގަ އެވެ.