ހަބަރު

ދަތުރު ދިއުން މަނައެއް ނުކުރަން، ދިނީ އިރުޝާދެއް: ރިނބުދޫ ކައުންސިލް

ދ. ރިނބުދުއަށް ޕިކްނިކް ދިއުން އެރަށު ކައުންސިލުން މަނާ ނުކުރާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އަންގާރަ ދުވަހު ކުރި އިއުލާނަކީ ރަށުގެ ސާފުތާހިރުކަން ހިފެހެއްޓުމަށް ދިން އިރުޝާދެއް ކަމަށް ރަށު ކައުންސިލުން ބުނެފިއެވެ.

ރިނބުދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ނިޔާޒު އަވަސް އަށް ވިދާޅުވީ ' ދަތުރު ކުރުމާއި ޕިކްނިކް ދަތުރު ދިއުން ވެސް އެއީ ހުއްޓުވޭނެ ކަމެއް ނޫންކަން" ރިނބުދޫ ކައުންސިލަށް ވެސް އެނގޭ ކަމަށެވެ. ނަމަވެސް ދަތުރު އަންނަ ފަރާތްތަކުން ރަށު މީހަކު ޒިންމާވާ ގޮތަށް ނޫނީ ނައުމަށް އިރުޝާދުދީ އިއުލާނެއް ކުރަން ޖެހުނީ ރައްޔިތުންގެ ޝަކުވާ އަންނާތީ ކަމަށެވެ.

" މިރަށް މި އޮންނަނީ ވެސް ވަރަށް ސާފުތާހިރުކޮށް. މިހެން އޮއްވައި އަތޮޅު ތެރެއިން ދަތުރު އަންނަ ބައެއް މީހުން ދަނީ ވަރަށް ބޮޑަށް ހަޑިކޮށްފައި، ޑަސްބިންތައް ބަހައްޓާފައި ހުންނަ އިރުވެސް،" ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރަށު ތެރެ ހަޑިކުރުމުގެ އިތުރުން މީހުންގެ ގެދޮރުގައިވާ ރުށްގަހުން އަހާވެސް ނުލައި ތަކެތި ބޭނުން ކުރުން ފަދަ އަމަލުތައް ވެސް ބައެއް ފަރާތްތަކުން ހިންގާ ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ކަންތައް ކުރަނީ ރަށުގެ އާބާދީ މަދުކަމުން ކަމަށް ވެސް ވެދާނެ ކަަމަށެވެ. ނަމަވެސް އެކަމުގެ ޝަކުވާ ރައްޔިތުން އުފުލާ ކަމަށާއި އިއުލާނު ޖެހީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކުރިންވެސް އެހާ އާބާދީ ބޮޑު ނޫން ރިނބުދޫގެ ބައެއް މީހުން ސުނާމީއަށް ފަހު އެރަށް ދޫކޮށް ގޮސް ކ. އަތޮޅު ތުލުސްދޫގައި ވަނީ އާބާދުވެފައެވެ. އެހެންވެ، ރިނބުދޫގައި މިހާރު ދިރިއުޅެނީ 500 ވަރަކަށް މީހުންނެވެ.

" ކޮންމެހެން ހުއްދައެއް ނަގަން ޖެހޭނެޔެކޭ ނޫން. އެކަމަކު ޕިކްނިކް އައިސް މޫދަށް އެރި ގޮނޑުދޮށް ބޭނުންކޮށް ކަންތައް ކުރާ އިރު އަންގައިލުމަކީ ދެފަރާތަށް ވެސް ފަސޭހަވާނެ ކަމެއް،" ނިޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހާދިސާއެއް ހިނގަައިފި ނަމަ އެހީތެރިވާން ވެސް އޭރުން ފަސޭހަވާނެ ކަމަށެވެ.

ނަމަވެސް ރިނބުދޫ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައި ވަނީ ' ދަތުރު އަންނަންވާނީ ރަށުމީހަކު ޒިންމާވާ ގޮތަށް ، ކައުންސިލް އިދާރާގެ ހުއްދަ ހޯދައިގެން " ކަމަށެވެ. އަދި އެނޫން ގޮތަކަށް ކަންތައް ކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަަމށް ވެސް އެ އިއުލާނުގައި ވެއެވެ.