ރައީސް މުހައްމަދު ނަޝީދު

ނުރައްކާ ވެދާނެތީ ނަޝީދުގެ ހަފުލާ ކެންސަލްކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވަޑައިގަންނަވާ ގޮތަށް އަވަށްޓެރި ސްރީލަންކާގައި އިންތިޒާމްކޮށް ބާއްވަން އުޅުނު ހަފުލާއެއް ކަންސަލްކޮށް، އެ ހަފުލާ ނުބާއްވަން ނިންމައި ރައީސް ނަޝީދުގެ ފަރާތްޕުޅުން އެކަން އިއުލާން ކޮށްފި އެވެ.

ލަންކާގައި ހުންނަވައިގެން ރާއްޖެ ޓީވީ މެދުވެރިކޮށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު މިރޭ ވިދާޅުވީ ރައީސް ނަޝީދު ބައިވެރިވަޑައިގަންނަވަން އޮތް ހަފުލާ ނުބާއްވަން ނިންމެވީ އެ ހަފުލާއާ ދިމާކޮށް ދިވެހިންގެ ބަޔަކު ހަމަނުޖެހުމެއް ހިންގަން ރާވާ ކަމަށް ބެލެވިގެން ކަމަށެވެ.

"... ތަފާތު އެކި އިންޒާރުތައް އައުމާއި ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ގެއްލުން ވާފަދަ ނުވަތަ ފުރާނަފުޅަށް ގެއްލުންވާ ފަދަ އަމަލެއް ހިނގައިދާނެ ކަަމުގެ އިހުސާސްތަކެއް އަޅުގަނޑުމެންނަށް ކުރެވުނު. އެހެންވީމާ މިއާ ގުޅިގެން ޗާންސް ތަކެއް ނުގަނަން އަޅުގަނޑުމެން ނިންމީ ހަފުލާ ކެންސަލް ކުރަން،" ނަސީމު ވިދާޅުވިއެވެ.

ބައްދަލުވުން ކެންސަލް ކުރަން ނިންމި އަނެއް ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ހަފުލާއާ ގުޅުގެން އެއްވެސް ހަމަނުޖެހުމެއް ހިނގައިފި ނަމަ ދިވެހިންގެ ބަޔަކު ގާނޫނާ ހިލާފަށް ހިންގި އަމަލަކަށް އެކަން ވާނެކަން ކަމަށެވެ.

ނަޝީދު ބައިވެރިވަޑައިގަންނަވާ ހަފުލާ ކެންސަލް ކުރިކަން އިއުލާނު ކުމުގެ ކުރިން ނަސީމު ވަނީ ލަންކާގައި ދިވެހިން ގިނަ ޖަރީމާތަކެއް ހިންގާ ކަމަށް ވެސް ތުހުމަތު ކުރަައްވާފަ އެވެ.

"... އޭގެ ތެރޭގައި މާރާމީ ހިންގުމާއި މީހުން މެރުމާއި މިބާވަތުގެ އެތަކެއް އަމަލުތަކެއް ވަނީ ހިންގާފައި،" އޭނާ ވިދާޅުވި އެވެ.

ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު ބާއްވަން އޮތް ހަފުލާ ކެންސަލް ކުރިޔަސް ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި ރައީސް ނަޝީދު ދިވެހިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފަައިވާ ގޮތުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާ ހަފުލާއެއް ބާއްވަން ނިންމީ ލަންކާގައި އަލަށް އުފައްދާފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގޮފިންނެވެ.

ދިވެހިންގެ ބަޔަކު ނަޝީދާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބުނީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކަަމަށް ނަސީމު ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ އެފަދަ ވާހަކަފުޅުތައް ނުދެއްކެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"މިބާވަތުގެ ވާހަކަތަކަކީ މިކަހަލަ ނޭދެވޭ އަމަލުތައް ހިންގަން އުޅޭ ފަރާތްތަކަށް ދެވޭ ހިތްވަރެއް،" އޭނާ ވިދާޅުވި އެވެ.