ހަބަރު

ރާއްޖެއާއެކު މިއަހަރު ކުރެވުނު މަސައްކަތް ރަނގަޅު: ސަފީރު

އިނގިރޭސިވިލާތުން ރާއްޖެއާ ގުޅިގެން މި އަހަރު ރަނގަޅު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭމްސް ޑައުރިސް ވިދާޅު ވެއްޖެ އެވެ.

މި އަހަަރު ނިމެން ކައިރި ވެފައިވާތީ އާ އަހަރަށް މަރުހަބާ ވިދާޅުވުމަށް އިއްޔެ އާއްމު ކުރެއްވި ހިތާބެއްގައި ޑައުރިސް ވަނީ ދެ ގައުމުގެ ގުޅުމުގެ ތެރެއިން މި އަހަރު ކުރެވުނު ރަނގަޅު ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ވިދާޅުވީ ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ރާއްޖެއާ ގުޅިގެން މިއަހަރު ވަރަށް ރަނގަޅު މަސައްކަތެއް ކުރެވިފައިވާ ކަމަށެވެ. ރާއްޖޭގެ ރިސޯޓްތަކުގެ ސަލާމަތީ ކަންކަމާ ބެހޭ މެނޭޖަރުންނަށް ތަމްރީނު ދެވުނުކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

އެކަން ފާހަގަ ކުރެއްވުމުގެ ކުރިން އޭނާ ވިދާޅުވީ މުޅި ދުނިޔެއަށް ވެސް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާ އިނގިރޭސިވިލާތާއި ރާއްޖެއަށް ވެސް އެބަ އޮތް ކަމަށެވެ.

"އަޅުގަނޑު މިބަލަނީ މިފަދަ އެއްބާރުލުންތައް އަދިވެސް އިތުރުވެ، ރަނގަޅު އުސޫލުތައް ހިއްސާކޮށް ގުޅިގެން މަސައްކަތްކޮށްގެން އަޅުގަނޑުމެން އެންމެ ވެސް ސަލާމަތުން ތިބުމަށް އެހީއަކަށް ވާނެ ކަމަށް،" އޭނާ ވިދާޅުވެފައި ވެެއެވެ.

ތައުލީމީ ދާއިރާއިން މިއަހަރު ރާއްޖެއަށްވީ އެހީތައް ވެސް ސަފީރު ފާހަގަ ކުރެއްވިއެވެ. އެގޮތުން އިނގިރޭސިވިލާތުން ކުރިއަށް ގެންދާ ޗިވެނިން ސްކޮލަޝިޕް ސްކީމްގެ ދަށުން މިއަހަރު ވެސް ރާއްޖޭގެ ދަރިވަރުންނަށް ފުރުސަތު ލިބުނު ކަމާއި ނޫސްވެރިއެއްގެ ކިޔެވުން ސްޕޮންސާ ކުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ދެ ގަައުމު ގުަޅިގެން ރަނގަޅަށް ކުރެވިފައިވާ ކަންތައްތައް ފާހަަގަ ކުރެއްވުމަށް ފަހު އޭނާ ދެން ވިދާޅުވީވާހަކަ ދައްކައި، ލިޔެ، ބައްދަލުކޮށް ހެދުމުގެ މިނިވަންކަން ކުރިއަށް އޮތް 2018 ވަނަ އަހަރު ރާއްޖޭގައި ފައްކާވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވި އިރު ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުން ބޭރުގެ ސަފީރުންނާ ބައްދަލު ކުރާ ނަމަ ހުއްދަ ހޯދަން ލޯކަލް ގަވާމެންޓް އޮތޯރިޓީން ވަނީ އަންގާފަ އެވެ. އަދި އެގޮތަށް ކަންތައް ނުކުރުމުން ގއ. އަތޮޅު ކައުންސިލްގެ ހުރިހާ މެމްބަރުން ވަނީ ތިން މަސް ދުވަަހަށް ސަސްޕެންޑް ކޮށްފަ އެވެ. އެ މައްސަލައިގައި އެންމެ ބޮަޑަށް ކަންބޮޑުވުން ފާޅުކުރެއްވި އެއް ބޭފުޅަކީ ޑައުރިސް އެވެ.