ހަބަރު

އެމްޑީޕީގެ ތުހުމަތަށް މުންދު ރައްދު ދެއްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުބައިވެރިވަޑައިގަންނަވާ ގޮތަށް އަވަށްޓެރި ސްރީލަންކާގައި ބާއްވަން އުޅުނު ހަފުލާ ކެންސަލް ކުރުމަށް ފަހު އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އިން ކުރި ތުހުމަތުތަކަށް ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު ( މުންދު) ރައްދު ދެއްވައިފިއެވެ.

އެމްޑީޕީން ބާއްވަން އުޅުނު ހަފުލާ ކެންސަލް ކުރެއްވިކަން އިއުލާނު ކުރައްވަމުން ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު ތުހުމަތު ކުރެއްވީ އެ ހަފުލާއާ ދިމާކޮށް ދިވެހިންގެ ބަޔަކު ހަމަނުޖެހުން ހިންގަން އުޅޭ ކަަމަށެވެ. އަދި އެކަމުގައި ނަޝީދުގެ ފުރާނަ ފުޅަށް ނުރައްކާ ވެދާނެ ކަމުގެ އިހުސާސު ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ދެން ވިދާޅުވީ އެފަދަ ކަންކަމަށް ހިތްވަރު ލިބެނީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު، ނަޝީދާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅަކުން ކަމަށެވެ.

ނަސީމުގެ ތުހުމަތަށް ރައްދު ދެއްްވުމަށް ސަފީރު ކުރެއްވި ޓްވީޓެއްގައި ވަނީ ސުވާލެއް ކުރައްވާފައެވެ.

"ބަޣާވާތް ކުރުމާއި ހަތިޔާރު އެތެރެކުރުމާއި ފިތުނަ އުފައްދަން މަސައްކަތް ކުރުމާއި މީހުންނަށް އިންޒާރުދިނުމުގެ ކުށުގެ ރެކޯޑް އޮތީ ކާކުގެބާ؟" އޭނާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

އޭނާގެ ސުވާލުގައި އިޝާރާތް ކުރައްވާފައި އެވަނީ ކުރީގެ ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ ވެރިކަމުގައި އަހުމަދު ނަސީމަށް އިއްވި ހުކުމަކަށް ކަމަށް ބެލެވެއެވެ.

އެމްޑީޕީގެ ވާހަކަތަކަށް ދެއްވާނެ ޖަވާބަކީ ކޮބައިތޯ "އަވަސް"އިން ދެންނެވުމުން މުންދު އިޝާރާތް ކުރެއްވީ އޭނާ ކުރެއްވި ޓްވީޓަށެވެ. އަދި ވިދާޅުވީ ޖަވާބަކަށް އެވާހަކަ ފުދޭ ކަމަށެވެ.

ލަންކާގައި ހުންނަވައިގެން ރާއްޖެ ޓީވީ މެދުވެރިކޮށް ވާހަކަ ދައްކަވަމުން ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމު މިރޭ ވިދާޅުވީ ރައީސް ނަޝީދު ބައިވެރިވަޑައިގަންނަވަން އޮތް ހަފުލާ ނުބާއްވަން ނިންމެވީ އެ ހަފުލާއާ ދިމާކޮށް ދިވެހިންގެ ބަޔަކު ހަމަނުޖެހުމެއް ހިންގަން ރާވާ ކަމަށް ބެލެވިގެން ކަމަށެވެ.

"... ތަފާތު އެކި އިންޒާރުތައް އައުމާއި ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް ގެއްލުން ވާފަދަ ނުވަތަ ފުރާނަފުޅަށް ގެއްލުންވާ ފަދަ އަމަލެއް ހިނގައިދާނެ ކަަމުގެ އިހުސާސްތަކެއް އަޅުގަނޑުމެންނަށް ކުރެވުނު. އެހެންވީމާ މިއާ ގުޅިގެން ޗާންސް ތަކެއް ނުގަނަން އަޅުގަނޑުމެން ނިންމީ ހަފުލާ ކެންސަލް ކުރަން،" ނަސީމު ވިދާޅުވިއެވެ.

ބައްދަލުވުން ކެންސަލް ކުރަން ނިންމި އަނެއް ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ހަފުލާއާ ގުޅުގެން އެއްވެސް ހަމަނުޖެހުމެއް ހިނގައިފި ނަމަ ދިވެހިންގެ ބަޔަކު ގާނޫނާ ހިލާފަށް ހިންގި އަމަލަކަށް އެކަން ވާނެކަން ކަމަށެވެ.

ނަޝީދު ބައިވެރިވަޑައިގަންނަވާ ހަފުލާ ކެންސަލް ކުރިކަން އިއުލާނު ކުމުގެ ކުރިން ނަސީމު ވަނީ ލަންކާގައި ދިވެހިން ގިނަ ޖަރީމާތަކެއް ހިންގާ ކަމަށް ވެސް ތުހުމަތު ކުރަައްވާފަ އެވެ.

"... އޭގެ ތެރޭގައި މާރާމީ ހިންގުމާއި މީހުން މެރުމާއި މިބާވަތުގެ އެތަކެއް އަމަލުތަކެއް ވަނީ ހިންގާފައި،" އޭނާ ވިދާޅުވި އެވެ.

ޑިސެމްބަރުމަހުގެ 26 ވަނަ ދުވަހު ބާއްވަން އޮތް ހަފުލާ ކެންސަލް ކުރިޔަސް ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި ރައީސް ނަޝީދު ދިވެހިންނާ ބައްދަލުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެނގިފަައިވާ ގޮތުގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާ ހަފުލާއެއް ބާއްވަން ނިންމީ ލަންކާގައި އަލަށް އުފައްދާފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގޮފިންނެވެ.

ދިވެހިންގެ ބަޔަކު ނަޝީދާ ދެކޮޅަށް ހަމަނުޖެހުން ހިންގަން ހިތްވަރު ލިބުނީ ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު މުހައްމަދު ހުސައިން ޝަރީފު ދެއްކެވި ވާހަކާ ގުޅިގެން ކަަމަށް ނަސީމު ތުހުމަތު ކުރެއްވި އެވެ. އަދި ވިދާޅުވީ އެފަދަ ވާހަކަތައް ނުދެއްކެވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"މިބާވަތުގެ ވާހަކަތަކަކީ މިކަހަލަ ނޭދެވޭ އަމަލުތައް ހިންގަން އުޅޭ ފަރާތްތަކަށް ދެވޭ ހިތްވަރެއް،" އޭނާ ވިދާޅުވި އެވެ.