ވިޔަފާރި

ޕެސެންޖާ ޓާމިނަލްގެ މަސައްކަތް ދަނީ ޝެޑިއުލަށް: އެމްއޭސީއެލް

ސައޫދީ ބިންލާދީން ގްރޫޕަށް 300 މިލިއަން ޑޮލަރަށް ހަވާލު ކޮށްފައިވާ، އިންޓަނޭޝަނަލް އާ ޕެސެންޖަރު ޓާމިނަލް ޕްލޭނާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ބުނެފި އެވެ.

ވީއައިއޭ ތަރައްގީ ކުރަން ފަށާފައިވާ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއުގައި ހިމެނޭ ރަންވޭގެ މަސައްކަތުގައި ވަނީ ހަލުވި ކުރި އެރުން ތަކެއް ހޯދާފަ އެވެ. ނަމަވެސް އާ ޕެސެންޖަރު ޓާމިނަލްގެ މަސައްކަތް އުޅެނީ ލަސްކޮށް ކަމަށް ބައެއް ފަރާތްތަކުން އައީ ބުނަމުންނެވެ.

ނަމަވެސް، ވީއައިއޭ ހިންގާ، އެމްއޭސީލްގެ އޮފިޝަލަކު ބުރާސްފަތި ދުވަހު "އަވަސް" އަށް ވިދާޅުވީ އާ ޕެސެންޖަރު ޓާމިނަލް ވެސް ޕްލޭންކުރި ގޮތަށް، ޑިލޭއެއް ނެތި ކުރިއަށްދާ ކަމަށެވެ.

"މިހާރު ޓެސްޓް ޕައިލް ޖަހަނީ. ދެން ފައުންޑޭޝަން ޕައިލްތައް ޖަހަން ފަށާނީ. ކުރިއަށް އެބަދޭ އެއްވެސް ޑިލޭއެއް ނެތި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ވީއައިއޭގެ އާ ޕެސެންޖަރު ޓާމިނަލް ތަރައްގީ ކުރަނީ ގާތްގަނޑަކަށް 80،000 އަކަ މީޓަރު ބޮޑު އޭރިއާއެއްގަ އެވެ. އެއާޕޯޓް ތަރައްގީ ކުރަނީ ފަސް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށެވެ.

އާ އިންޓަނޭޝަނަލް ޓާމިނަލް

ޓާމިނަލްގައި 40 ޑީޕާޗާ ގޭޓް
38 އިމިގްރޭޝަން ކައުންޓަރު
ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
ޒަމާނީ ބެގޭޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
ހައި އެކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
ފިއުލް ހައިޑްރެންޓް ސިސްޓަމް

ސަރުކާރުން ވީއައިއޭ ތަރައްގީ ކުރަމުން ގެންދަނީ މިހާރު އަހަރަކު 4.5 މިލިއަން މީހުންނަށް ހިދުމަތްދެވޭ އެއާޕޯޓު 7.5 މިލިއަން މީހުންނަށް ހިދުމަތް ދެވޭވަރުގެ ތަނަކަށް ހެދުމަށެވެ. އެއާޕޯޓުގައި އަޅާ އާ ރަންވޭގެ މަސައްކަތް ކުރަނީ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާ ހަވާލުކޮށްގެންނެވެ. އާ ރަންވޭ އަށް 400 މިލިއަން ޑޮލަރު ހޭދަވާނެ އެވެ. އަދި މީގެތެރެއިން 373 މިލިއަން ޑޮލަރު ފޯރުކޮށްދީފައިވަނީ ޗައިނާގެ ލޯނު އެހީގެ ދަށުންނެވެ. މި މަސައްކަތް ކުރަނީ ގަލްފް ކޮބްލާ ކުންފުނިންނެވެ. އާ ރަންވޭވެސް މިހާރު ވަނީ ތާރު އެޅުމުގެ މަސައްކަތް ފަށާނެ އެވެ. އެމްއޭސީއެލް އިން ބުނެފައިވާ ގޮތުގައި އެއާޕޯޓުގެ އާ ޕެސެންޖަރު ޓާމިނަލްގެ މައިގަނޑު މަސައްކަތްތައް އަންނަ އަހަރު ނިންމާލެވޭނެ އެވެ.