ވިޔަފާރި

ހިއްސާ ވިއްކަން އެމްޓީސީސީއަށް ގޮންޖެހުންތަކެއް

Dec 25, 2017
4
  • ހިއްސާދާރުންނާ ހަމައަށް ދިއުން ދަތިތަކެއް
  • ރަޖިސްޓްރީ އެކުލަވާލަން މަސައްކަތް ކުރަނީ
  • ތަރުހީބު ރަނގަޅު، ކުރިއަށް އޮތްތާ ރަނގަޅުވާނެ

އެމްޓީސީސީ ހިއްސާ (ރައިޓްސް އިޝޫ) ވިއްކަން އޮތް ގޮންޖެހުމަކީ ހިއްސާދާރުންނާ ހަމައަށް ނުދެވުން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެމްޓީސީސީގެ ސީއީއޯ އަބްދުﷲ ޒިއަތު ވިދާޅުވީ ހިއްސާ ވިއްކުން ރަނގަޅަށް ދިޔަ ނަމަވެސް އެންމެ ބޮޑު ގޮންޖެހުމަކީ ހިއްސާދާރުންނާ ހަމައަށް ނުފޯރުން ކަމަށެވެ.

"އަނެއްހެން ދަނީ ރަނގަޅަށް، އެކަމަކު ތާށިތަކެއް ދިމާވަނީ އެމްޓީސީސީ ހިއްސާދާރުންނަކީ ދުވަސްވީ މީހުން. އެހެންވެ އެމީހުންނަށް މާކަބޮޑު ކޮށެއް ނޭނގެ. އަނެއް ކަމަކީ ރީޗް ކުރަން އުނދަގުލީ،" ޒިއަތު ވިދާޅުވި އެވެ.

އަނެއްހެން ދަނީ ރަނގަޅަށް، އެކަމަކު ތާށިތަކެއް ދިމާވަނީ އެމްޓީސީސީ ހިއްސާދާރުންނަކީ ދުވަސްވީ މީހުން. އެހެންވެ އެމީހުންނަށް މާކަބޮޑު ކޮށެއް ނޭނގެ. އަނެއް ކަމަކީ ރީޗް ކުރަން އުނދަގުލީ
އެމްޓީސީސީގެ ސީއީއޯ ޒިއަތު

"އަނެއް ގޮންޖެހުމަކީ ސްކޫލް ހޮލިޑޭސް ވީމަ. ރީޗް ކުރަން އުނދަގޫ ވެގެން އުޅެނީ،"

އެމްޓީސީސީ އިން އޮކްޓޫބަރު މަހު ހިއްސާ ވިއްކަން ހުޅުވާލީ، މިމަހުގެ ކުރީ ކޮޅަށެވެ. ނަމަވެސް ފަހުން ވަނީ މި މަހުގެ ފަހުކޮޅަށް މުއްދަތު އިތުރު ވެސް ކޮށްފަ އެވެ.މިގޮތުން އެ ކުންފުނިން ރާއްޖޭގެ އެކި ހިސާބުތަކަށް ވަނީ ދަތުރު ކޮށްފަ އެވެ.

ސީއީއޯ، ޒިއަތު ވިދާޅުވީ މީގެ މިހާރު ހިއްސާ ވިއްކަން ކުރިއަށްދާ މަސައްކަތް ނިމުމުން ކުރިއަށް އޮތް ތަނުގައި ފަސޭހަ ވެގެންދާނެ ކަމަށެވެ.

"ކުރިއަށް އޮތް ތަނުގައި ހުރިހާ އިމްފޮމޭޝަންތަކެއް އަޕްޑޭޓް ވެގެން ދިއުމުން ފަސޭހަ ވެގެންދާނެ،" ޒިއަތު ވިދާޅުވި އެވެ.

އެމްޓީސީސީން އޮކްޓޯބަރު ހިއްސާ ވިއްކަން ހުޅުވައިލީ، އެ ކުންފުނީގެ ހިއްސާ އޮންނަ ކޮންމެ މީހަކަށް އެ މީހެއްގެ އަތުގައި ހިއްސާ އޮތް މިންވަރަށް ހިއްސާ ގަނެވޭނެ ގޮތަށެވެ. ހިއްސާއެއް ވިއްކަން ހުޅުވައިލީ، 62ރ.ގެ ރެ ރޭޓުންނެވެ. އެ ކުންފުނިން ނިންމާފައިވަނީ ޖުމްލަ ފަސް މިލިއަން ހިއްސާ ވިއްކާ ގޮތަށެވެ. ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކައިގެން 310 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ވަނީ އަމާޒު ހިފައިފަ އެވެ.

ސަރުކާރުގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނީގެ ހިއްސާދާރުންނަށް އިތުރު ހިއްސާ ވިއްކަން ހުޅުވާލަނީ އެ ކުންފުނިން ބަނދެގެން ބޭރުން ގެންނަ ޑްރެޖަރު މަހާޖައްރާފު ބަންދަން ސަރުކާރުން ދިން 11 މިލިއަން ޑޮލަރުގެ ލޯނުގެ ބަދަލުގައި ސަރުކާރަށް ކުންފުނީގެ ހިއްސާ ދިނުމަށެވެ. މިގޮތުން ހިއްސާ މޫނުމަތީ އަގު 50ރ. އިން 5ރ. އަށް ދަށްކޮށް ކޮންމެ ހިއްސާއަކަށް އިތުރު އެއް ހިއްސާ ދިނުމަށް އެ ކުންފުނިން އެންމެ ފަހުން ބޭއްވި އަހަރީ އާއްމު ޖަލްސާ އިން ފާސްކޮށްގެންނެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދި ކުންފުންޏެކެވެ. ކުންފުނި އުފެއްދިއިރު، 250،000 ހިއްސާ ހިމެނެ އެވެ. އެ ކުންފުނިން 2013 ވަނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ދީފައިވަނީ 16ރ. އެވެ. ނަމަވެސް މިދިޔަ އަހަރު 24ރ. ދީފައިވެ އެވެ.