ވިޔަފާރި

އިގްތިސާދުގައި ހުރި ފައިސާގެ އަދަދު އަށް ޕަސެންޓް އިތުރު ވެއްޖެ

ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމްލަ ފައިސާގެ އަދަދު އަށް ޕަސެންޓް އިތުރު ވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

 މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ނެރެފައިވާ މިދިޔަ މަހުގެ އިގްތިސާދީ ރިވިއުގައިވާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަސް ނިމުނުއިރު، ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމްލަ ފައިސާގެ އަދަދަކީ 28.9 ބިލިއަން ރުފިޔާ އެވެ. 

އެމްއެމްއޭ އިން ބުނީ އިގްތިސާދުގައި ހުރި ފައިސާގެ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭންކިން ނިޒާމުގެ ނެޓް ޑޮމެސްޓިކް އެސެޓް އިތުރުވި އަދަދު މައްޗަށް ދިއުން ކަމަށެވެ.

"މި މުއްދަތުގެ ތެރޭގައި ނެޓް ފޮރިން އެސެޓް އިތުރުވި މިންވަރު ވަނީ މަޑުޖެހިފަ އެވެ. ނެޓް ޑޮމެސްޓިކް އެސެޓްސް އިތުރުވެފައިވާ މިންވަރު މައްޗަށް ގޮސްފައިވަނީ ބޭންކިން ނިޒާމުން އަމިއްލަ ފަރާތްތަކާއި ސަރުކާރަށް ދޫކޮށްފައިވާ ދަރަނީގެ މިންވަރު އިތުރުވުމާއި ގުޅިގެންނެވެ،" އެމްއެމްއޭ އިން ބުންޏެވެ.

މަރުކަޒީ ބޭންކުން ބުނީ ބޭންކުތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ މިންވަރު މަހުން މަހަށް ބަލާއިރު އިތުރުވެފައިވާ ކަމަށާއި، މިދިޔަ އަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު ހަ ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.