ހަބަރު

އޭދަފުށީގައި ހިއްކި ބިން އިފްތިތާހުކޮށްފި

ބ. އޭދަފުށީގައި ސަރުކާރުން ހިއްކާފައިވާ ބިން މިއަދު އިފްތިތާހުކޮށްފިއެވެ.

އޭދަފުށީ ހިއްކި ބިން މިއަދު ރަސްމީކޮށް އިފްތިޔާހުކުރެއްވީ ރައީސް އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމެވެ. ރައީސް ޔާމީނު އޭދަފުށްޓަށް މިއަދު ވަޑައިގެންނެވީ ނ. އަތޮޅަށާއި ބ. އަތޮޅަށާއި ޅ. އަތޮޅަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެެ.

އާބާދީގައި 3000 އަށް ވުރެ ގިނަ މީހުން ދިރިއުޅޭ އޭދަފުށްޓަށް އިތުރުކޮށްފައިވަނީ 24 ހެކްޓަރުގެ ބިމެވެ. ރަށުގެ ބިން ހިއްކައި ނިމުނުއިރު ރަށުގެ ބިމުގެ ސައިޒު ގާތްގަޑަކަށް 56 ހެކްޓަރަށް ވަނީ ބޮޑުވެފަ އެވެ.

އެ މަޝްރޫއަކީ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން 2014 ވަނަ އަހަރު ހިންގި މަޝްރޫއެކެވެ. އޭރު ބިން ހިއްކި ނަމަވެސް ރިވެޓްމެންޓް ޖަހައި ހިއްކި ސަރަހަައްދު ހިމާޔަތް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރީ އޭގެ ފަހުންނެވެ. ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގި ބިން ހިއްކުމުގެ އެ މަޝްރޫއަށް 11 މިލިއަން ޑޮލަރު (169.6 މިލިޔަން ރުފިޔާ) ހަރަދުވިއެވެ.

ރައީސް ޔާމީނު މިއަދު ވަނީ ބ. އޭދަފުށީގެ އިތުރުން އެއަތޮޅު ކެންދުއަށް ވެސް ވަޑައިގެންފައެވެ.