ހަބަރު

މިނިސްޓަރު ޒެނީޝާ ދިއްދޫގެ ހާލަތު ބައްލަވާލައްވައިފި

ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ ހއ. ދިއްދޫއަށް ރަސްމީ ދަތުރެއް ކުރައްވައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ މިނިސްޓަރުގެ ދަތުރުގައި ދިއްދޫ ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރަށް ޒިޔާރަތްކުރެއްވި ކަމަށެވެ. އެ ޒިޔާރަތުގައި ސެންޓަރުން ދެމުންގެންދާ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން، އެ ސެންޓަރުގެ މުވައްޒަފުންނާ މިނިސްޓަރު މަޝްވަރާކުރެއްވި ކަމަށެވެ.

ޒެނީޝާގެ ދަތުރުގައި ހއ.އަތޮޅު ކައުންސިލާއި، ހއ.ދިއްދޫ ކައުންސިލްގެ މެންބަރުންނާ ވެސް ބައްދަލުކުރެއްވިއެވެ. އަދި ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދިނުމުގައި ކައުންސިލާ ގުޅިގެން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކުރެއްވިއެވެ.

ހއ.އަތޮޅު ހޮސްޕިޓަލަށް މިނިސްޓަރު ކުރެއްވި ޒިޔާރަތުގައި ހާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް ހޮސްޕިޓަލުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކާ ގުޅޭގޮތުން ހޮސްޕިޓަލުގެ އޮފިޝަލުންނާ މަޝްވަރާކުރެއްވިއެވެ.

ދިއްދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާއި، އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން އެމްއެންޑީއެފްއިން ކުރިއަށްގެންދާ މޫދު ކަސްރަތު ޕްރޮގްރާމްގެ ބައިވެރިންނާ ވެސް އޭނާ ބައްދަލުކުރެއްވިއެވެ.

މިނިސްޓަރުގެ ދަތުރަކީ، ހއ.އަތޮޅުގައި ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީން ކުރިއަށް ގެންދިޔަ ބޭސިކް ސައިން ލެންގުއޭޖް ޓްރޭނިން ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށްޓަކައި ކުރެއްވި ދަތުރެކެވެ.