ހަބަރު

ރައީސް ޔާމީނުގެ ސިޔާސަތު ޓެކްސްޓް ފޮތުގައި ހިމަނާހާ މޮޅު: ނިހާނު

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ރާއްޖެއަށް ގެންނަވާ އިގުތިސާދީ ބަދަލުތަކަކީ ޓެކްސްޓް ފޮތްތަކުގައި ހިމަނާހާ މޮޅު މަސައްކަތްތަކެއް ކަަަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ތައުރީފު ކުރައްވައިފިއެވެ.

ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ނިހާނު ވިދާޅުވީ ރައީސް ޔާމީނު ގެންދަވަނީ އިގުތިސާދީ ވަޅުގަނޑަކުން ރާއްޖެ ސަލާމަތް ކުރައްވަމުން ކަމަށެވެ.

"... ދިވެހިރާއްޖޭގެ ފަހުގެ ޖީލުތަކުގައި ޓެކްސްޓް ފޮތްތަކުގައި ރައީސް ޔާމީނު، އިނދަޖެހިފައި އޮތް އިގުތިސާދެއް ނަގާ ކޮޅަށް ޖެހީ ކޮން ގޮތަކަށްތޯ ޖްލާސްރޫމްތަކުގައި ، ހާއްސަކޮށް އިކޮނޮމިކް މި މުހިއްމު މާއްދާ ކިޔަވައިދޭ އިރު ޕްރޮޖެކްޓް ވައިސް ކޮށް މައުލޫމާތު އޮޅުން ފިލުވައި ދިނުމަށްޓަކައި ކުދިން މުތާލިއާ ކުރާނެ ކަމީ ޝައްކެއް ހުރި ކަމެއް ނޫން،" ނިހާނު ވިދާޅުވިއެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރުގެ ހައިސިއްޔަތުން ނިހާނު މިރޭ ރައީސް ޔާމީނަށް ތައުރީފު އޮއްސެވި އިރު ގިނަ ދާއިރާތަކަކަށް އަލި އަޅުއްވައި ލެއްވިއެވެ. އެގޮތުން ފޮރިންް ހާރިޖީ ސިޔާސަތަށާއި ދީނީ ސިޔާސަތަށް ވެސް އޭނާ ސަނާ ވިދާޅުވިއެވެ.

ހާރިޖީ ސިޔާސަތަށް ސަނާވިދާޅުވަމުން ދެއްކެވީ ގުދުސް މައްސަލައިގައި އދ.ގެ ސަލާމަތީ މަޖިލީހުގައި ފާސްކުރި ގަރާރުގެ ކަންތަކުގައި ރާއްޖޭން އަމަލުކުރި ގޮތުގެ ވާހަކައެވެ. ގުދުސް މައްސަލައިގައި ރާއްޖޭން ދައްކާފައިި ވަނީ ދިވެހިން ފަހުރުވެރިވާ ފަދަ މިސާލެއް ކަަމަށެވެ. އެކަމަަށް ޓަކައި ވިލިމާލެ ދާއިރާގެ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާ ކުރެއްވިއެވެ.

ޗައިނާގެ ރައީސް ޝީޖިންޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅަކީ ވެސް ހާރިޖީ ސިޔާސަތުން ހޯއްދެވި ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަ ކުރެއްވިއެވެ. ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ އެކަމުގެ ނަަތީޖާ ކަމަށް ވެސް އޭނާ ނިހާނު ވިދާޅުވިއެވެ.

ގުދުސަކީ އިޒްރޭލުގެ ވެރިރަށުގެ ގޮތުގައި އެމެރިކާއިން ބަލައިގަތުމުން އދ. ގައި އެކަމާ ދެކޮޅަށް ފާސްކުރި ގަރާރުގައި ބުނެފައި ވަނީ ގުދުސުގެ ހައިސިސްޔަތާ ބެހޭ ގޮތުން އެއްވެސް ގައުމަކުން އަލަށް ނިންމާ ކޮންމެ ނިންމުމަކީ ބާތިލު ކަމެއް ކަަމަށެވެ. އެގަރާރު ފާސްކުރީ ގަރާރަށް ވޯޓުދޭ ގައުމުތަކަށް ދޭ އެހީ ކަނޑައިލާނެ ކަަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އިންޒާރު ކުރައްވާފައި ވަނިކޮށެވެ. އެ ގަރާރު ފާސްކުރީ 128 ގައުމަކުން ވޯޓުދީގެންނެވެ.