ތިމާވެށި

ކުޅުދުއްފުށީ ކުޅި ހިއްކާތީ ބޭރު ޖަމާއަތެއް ކަންބޮޑުވެއްޖެ

ކުޅުދުއްފުށީ ކުޅީގެ ބޮޑު ބައެއް ހިއްކާތީ ކަންބޮޑުވުން ފާޅުކޮށް، ބައިނަލްއަގްވާމީ ޖަމްއިއްޔާއެއް ކަމުގައިވާ މޭންގްރޫވް އެކްޝަން ޕްރޮޖެކްޓު (އެމްއޭޕީ) އިން ރައީސުލްޖުމްހޫރިއްޔާ ޔާމީން އަބްދުލްގައްޔޫމަށް ސިޓީއެއް ފޮނުވައިފި އެވެ.

މި ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވާގޮތުގައި އެ ޖަމްއިއްޔާއަކީ 1992 އިން ފެށިގެން ދުނިޔޭގެ ކުޅިތައް ހިމާޔަތްކުރުމާއި އިއާދަ ކުރުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ، 60 އެތައް ގައުމެއްގެ 350 ސައިންޓިސްޓުންނާއި 450 އެންޖީއޯގެ ވިއުގައެއް އޮންނަ ޖަމްއިއްޔާ އެކެވެ.

އެމްއޭޕީއިން ފޮނުވި ސިޓީގައި ވަނީ ކުޅުދުއްފުށީ ކުޅީގެ ބޮޑު ބައަކާއެކު އައްސޭރި ފަށުން 18 ހެކްޓަރު ހިއްކާ، އެތާގައި އެއާޕޯޓެއް ހަދަން ހުއްދަ ދިނުމުން ކަންބޮޑުވާ ކަމަށެވެ. ތިމާވެށި ރައްކާތެރި ކުރުމަށް ހުރި ރާއްޖޭގެ ގާނޫނުތަކާ ގަވާއިދުތަކަށް ވެސް ސަރުކާރުން އެކަމުގައި ތަބާ ނުވާ ކަމަށް ދެކޭ ކަމަށެވެ.

އަދި ބުނެފައި ވަނީ ތިމާވެއްޓަށާއި ކުޅިއާ ގުޅިފައިވާ މަސައްކަތްތައް ކުރާ ފަރާތްތަކަށް އޭގެ ސަބަބުން ކުރާނެ އަސަރުތަކަށް ބެލުމެއް ނެތި މަޝްރޫއު ކުރިއަށް ގެންދިއުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ދެކޭ ކަމަށެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމާއި މޫސުމީ ބަދަލުތަކުގެ ނުރައްކާ ކުޅުދުއްފުއްޓަށާއި މުޅި ރާއްޖެއަށް އިތުރުވެގެންދާނެ ކަމަށް ވެސް ދެކޭ ކަމަށެވެ.

އެމްއޭޕީގެ އެގްޒެކެޓިވް ޑިރެކްޓަރާއި އިންޓަނޭޝަނަލް ޕްރޮގްރާމް އެންޑް ޕޮލިސީ ޑިރެކްޓަރ ސޮއިކޮށް ފޮނުވާފައިވާ ސިޓީ ނިންމާލަމުން އާންމުންގެ ހިޔާލު ހިމަނައިގެން ތިމާވެއްޓަށް ކުރާނެ އަސަރު އަލުން ދިރާސާ ކުރުމަށާއި، އެއާ ހަމައަށް ކުޅި ހަލާކު ކުރުމާއި އެ ސަރަހައްދުގައި މަޝްރޫއު އިތުރަށް ކުރިއަށް ގެންދިއުން ހުއްޓާލުމަށް އެދިފައި ވެއެވެ. އަދި މަސައްކަތްކުރެވޭނެ ތަފާތު އެހެން ގޮތްތަކާ ބެހޭ މައުލޫމާތު ހޯދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށާއި، ފަންނީ އެހީ ފޯރުކޮށްދިނުމަށްޓަކައި ކުޅިތަކާބެހޭ ދިރާސާކުރާ، ދުނިޔޭގައި ތިބި މޮޅު ސައިންސްވެރިންނާ ދިވެހި ސަރުކާރާ ގުޅޭނެ ގޮތް ހަދައިދިނުމަށް އެމްއޭޕީއިން ތައްޔާރަށް އޮތްކަމަށްވެސް ބުނެފައެވެ.

އެއާޕޯޓް އަޅަން ކުޅުދުއްފުށީ ކުޅިން ބޮޑު ބައެއް ހިއްކާތީ ރާއްޖޭގެ ޖަމިއްޔާ ޖަމާއަތްތަކާއި އިދިިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެކަން ހުއްޓުވައި ދިނުން އެދި އިކޯ ކެއާއިން ސިވިލް ކޯޓަށް ވެސް ވަނީ ހުށަހަޅާފަ އެވެ.