ހަބަރު

ލާމަރުކަޒީ ނިޒާމު ދިފާއު ކުރާނަން: އެމްޑީޕީ

ރާއްޖެއަށް ލާމަރުކަޒީ ނިޒާމު ތައާރަފް ކުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަމަށާއި އެ ނިޒާމު ދިފާއު ކުރަން މަސައްކަތް ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީ އިން ރޭ އެ ޕާޓީގެ ހަރުގޭގައި އިދިިކޮޅު ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުން އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ ރާއްޖެ ހިންގަން ޖެހޭނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި އޮތް އޮތުން މިހާރުގެ ސަރުކާރުން ހަނދާން ނައްތާލާފައިވާ ކަމަށެވެ.

"އެ ހަނދާން ހުރީ އަޅުގަނޑުމެން. ގުޅިފައިވާ ޕާޓީތަކުން، އެމްޑީޕީ. އަޅުގަނޑުމެން ގެނައި ނިޒާމެއް އެއީ، އެ ނިޒާމުގެ ދިފާއުގައި އަޅުގަނޑުމެން އިރާދަ ކުރެެއްވިއްޔާ ކެނޑިނޭޅި ތިބޭނަން،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާން ކުރުމަށް ފަހު އެކަން އިތުރަށް ތަފުސީލު ކުރުމަށް ހަަދާފައިވާ ގާނޫނެއް ވެސް އެބަ އޮތް ކަމަށެވެ.

އޭނާ ވިދާޅުވީ ރަައްޔިތުންގެ އަތުގައި ބާރު އޮންނަން ޖެހޭކަން އެމްޑީޕީއަށް ކުރިއްސުރެ އެނގޭ ކަަމަށާއި ނަމަވެސް އޭރު ފާސްކުރި ގާނޫނު އޮތީ އެންމެ ފުރިހަމައަށް ނޫން ކަމަށެވެ.

ބައެއް އަތޮޅުތަކާއި ރަށްރަށުގެ ކައުުންސިލަރުން ސަސްޕެންޑް ކުރަނީ އެ ބޭފުޅުންނަކީ އިދިކޮޅު ޕާޓީތަކަށް ނިސްބަތްވާ ބޭފުޅުންނަށް ވާތީ ކަމަށް ވެސް ނިޔާޒު ތުހުމަތު ކުރެއްވިއެވެ.

"އެހެން ނަމެސް އަޒުމަކަށް އެބޭފުޅުންގެ ހިތްވަރަކަށް އިރާދަކުރެއްވިއްޔާ ބަދަލެއް ނުގެނެވޭނެ. އަޅުގަނޑުމެން 2018 އަށް ކުރިމަތިލާއިރުގައި ކައުުންސިލްތަކުގެ އިދާރާ ތަކަކީ ރައީސް ޔާމީނުގެ ކެމްޕޭން ޖަގަހަތަކަށް ހެދިޔަކަ ނުދޭނަން،" އޭނާ ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ. ހުސައިން ރަޝީދާއި މާލޭ ސިޓީ މޭޔާ ޝިފާ މުހައްމަދު ވެސް ބައިވެރިވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތައް މި އަހަރަށް ނިންމައިލުމުގެ ގޮތުން ކުނޫޒުގައި މިރޭ ހަފުލާއެއް އޮންނާނެ ކަން ރޭގެ ޖަލްސާގައި އިއުލާނު ކުރިއެވެ. އެ ހަފުލާގައި ޕާޓީތަކުގެ ލީޑަރުންގެ މެސެޖްތަކެއް އިއްވާނެ ކަަމަށް އިއުލާާން ކުރި އެވެ.