ވިޔަފާރި

އޭޕްރަން ހަދަން ވީއައިއޭ ކުރީގެ މަގު ބަންދުކޮށް، އާ މަގެއް

Dec 26, 2017
2

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ރަންވޭގެ އޭޕްރަން ހަދަން، ކުރިން ބޭނުން ކުރަމުންދިޔަ މަގު ބަންދުކޮށް، އާ މަގެއް ހުޅުވައިފި އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ އޮފިޝަލަކު ވިދާޅުވީ ރަންވޭ ހުޅަނގު މަގު ބަންދުކޮށް، 630 މީޓަރުގެ މަގެއް ހުޅުވާފައިވާ ކަމަށެވެ.

"ފަންސާ ހާސް އަކަމީޓަރުގެ އާ އެޕްރަން އަޅަން ކުރީގެ އެ މަގު ނެގީ. އެހެންވެ ކުރީގެ މަގު ބަންދުކޮށް އާ މަގެއް ހެދީ، ތާރު އަޅައި ރަނގަޅު ފެންވަރުގައި،" އޮފިޝަލް ވިދާޅުވި އެވެ.

ދިގުމިނުގައި 3،400 މީޓަރު އަދި ފުޅާ މިނުގައި 60 މީޓަރު ހުންނަ ޒަމާނީ ރަންވޭގައި 200 މިލިމީޓަރު ބޯމިނުގައި ފައުންޑޭޝަނެއް އަޅާނެ އެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ ޗައިނާގެ އެގްޒިމް ބޭންކުން ނެގި 400 މިލިއަން ޑޮލަރުގެ ލޯނެއްގެ ދަށުންނެވެ.

އާ ރަންވޭ އަޅަނީ ދުނިޔޭގައި އޮތް މި ބާވަތުގެ މަސައްކަތް ކުރުމަށް އެންމެ ގާބިލް އެއް ކުންފުނި ކަމަށްވާ، ޗައިނާގެ، ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އިން އެވެ.