ހަބަރު

މަޝްރަހު ފިނިކުރަން އިންޑިއާގެ ވަފުދެއް ރާއްޖެ އަންނަނީ

ޗައިނާއާއި ރާއްޖެއާ ދެމެދު ސޮއިކުރި ފްރީ ޓްރޭޑް އެއްބަސްވުމާއި އެނޫންވެސް ބައެއް ކަންތައްތަކާ ހެދި އަވަށްޓެރި އިންޑިއާ ދެމެދު އުފެދިފަައިވާ ނުތަނަވަސްކަން ކުޑަ ކުރަން ރާއްޖޭން މަަސަައްކަތް ފަށާފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

އިންޑިއާގެ ތަ ޓައިމްސް އޮފް އިންޑިއާ ނޫހުން މިއަދު ބުނީ މަޝްރަހު ފިނިކުރަން އިންޑިއާގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރުމާ މެދު ރާއްޖޭން އިންޑިއާ ސަރުކާރާ މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ބުނީ އެގޮތުން ކުރި މަޝްވަރާތަކުން ނަތީޖާ ނުކުމެފައިވާ ކަމަށާއި އިންޑިއާގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތް ކުރަން މިހާރު ހަމަޖެހިފައިވާ ކަމަށެވެ.

އިންޑިއާގެ ވަފުދު ރާއްޖެއަށް ޒިޔާރަތްކުރާނެ ކަަމަށް ބެލެވެނީ އަންނަ ޖެނުއަރީމަހުގެ ތެރޭގައި ކަމަށް ވެސް ނޫހުން ބުންޏެވެ.

އިންޑިއާއިން ރާއްޖެއަށް ނުރުހުން ފާޅުކުރީ މައިގަނޑު ތިން ކަމަކާ ހެދިއެވެ. ފުރަތަމަ ކަމަކީ ޗައިނާއާ އެކު ފްރީޓްރޭޑް އެއްބަސްވުމުގައި ސޮއިކުރުމެވެ. އެކަމުގައި އެގައުމުން ވަނީ ސީދާ ގޮތެއްގައި އެމީހުންގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ދެވަނަ ކަމަކީ ރާއްޖޭގެ އޮންލައިން ނޫހެއްގައި އިންޑިއާއާ ދެކޮޅަށް ލިއުނު ލިއުމެއްގެ މައްސަލައެވެ. އެކަމުގައި އިންޑިއާއިން ދުށީ އެއީ ސަރުކާރުން ކޮންޓްރޯލް ކުރާ ނޫހެއް ކަމަށާއި އެ ނޫހުގެ ލިއުމަކީ ސަރުކާރުުގެ ރައުޔު ކަމަށެވެ.

ނަމަވެސް އެކަން ރާއްޖޭން މިހާރު ވަނީ އޮޅުން ފިލުވައި ދީފައެވެ. އެގޮތުން އެފަދަ ގޮތް ގޮތަށް ނުލިއުމަށް ސަރުކާރުން ވަނީ އިލްތިމާސްކޮށްފައެވެ. ރައީސް އޮފީހުން ނެރުނު ބަޔާނަކުން އެކަމަށް އިލްތިމާސް ކުރި އިރު ބުނެފައި ވަނީ އިންޑިއާއަކީ ރާއްޖޭގެ އެކުވެރިއެއް ކަމަށެވެ.

ތިން ވަނަ ކަމަކީ ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާ ، ހޯމް މިނިސްޓްރީން ހުއްދަ ނުހޯދައި ބައްދަލުކުރުން ލޯކަލް ކައުންސިލްތަކަށް މަނާކޮށްފައި ވަނިކޮށް ކައުންސިލަކުން އިންޑިއާ ސަފީރާ ބައްދަލު ކުރުމެވެ. ގއ. އަތޮޅު ކައުންސިލުން ބޭއްވި އެ ބައްދަލުވުމާ ގުޅިގެން ލޯކަލް ގަވާމަންޓް އޮތޯރިޓީ ( އެލްޖީއޭ) އިން އެ ކައުންސިލުގެ ހުރިހާ މެމްބަރުން ސަސްޕެންޑް ކުރިއެވެ.

އިންޑިއާގެ ނޫސްތަކުން އެކަން ސިފަކުރީ އިންޑިއާ ސަފީރު ރާއްޖެގެ އެތެރޭގައި ހަރަކާތްތެރިވުމަށް ހުރަސް އަޅަން އެޅި ފިޔަވަޅެދއްގެ ގޮތުގައެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ވަފުދުންް މިހުރިހާ ކަމަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށް ބެލެވެއެވެ.