ހަބަރު

ރާއްޖެއާ ބެހޭ ގޮތުން އިންޑިއާ ޕާލަމެންޓުގައި ސަރުކާރާ ސުވާލުކޮށްފި

ރާއްޖޭގެ ކަންބޮޑުވުންތަކަށް އިޖާބަ ނުދެވުނީ ކީއްވެތޯ އިންޑިއާ ޕާލަމެންޓުން އެގައުމުގެ ސަރުކާރާ ސުވާލުކޮށްފިއެވެ.

މައުލޫމާތު ލިބި ހުރި މަސްދަރަކާ ހަވާލާދީ ދަ ހިންދޫ ނޫހުން ބުނީ އިންޑިއާ ޕާލަމެންޓުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އެގައުމުގެ އެކްސްޓާނަލް މިނިސްޓްރީއާ ސުވާލު ކުރީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ކަމަށެވެ.

އެދުވަހުގެ ބައްދަލުވުމުގައި ބައިވެރިވި އިދިކޮޅު މެމްބަރުން ރާއްޖެއާ ބެހޭ ގޮތުން ސުވާލު ކުރުމުން ބައްދަލުވުން ހޫނުވި ކަމަށް ވެސް ނޫހުން ބުންޏެވެ. ސުވާލަށް ޖަވާބު ދެމުން އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓްރީން ބުނީ ރާއްޖޭން ޗައިނާ އާއެކު ފްރީޓްރޭޑް އެގްރިމެންޓުގައި ސޮއިކުރި ނަމަވެސް އަސްކަރީ ދާއިރާއިންް ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން މިއަހަރު ވެސް އިތުރަށް ބަދަހިވެފައިވާ ކަަމަށެވެ.

އިންޑިއާ ޕާލަމެންޓުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުގައި ދިރާސާކުރީ، ރާއްޖެ، ޗައިނާ، މިޔަންމާ، ސްރީލަންކާ، ޕާކިސްތާނު، ބޫޓާން ނޭޕާލު އަދި އަފްޣާނިސްތާނާއެކު އިންޑިއާއިން ބާއްވާ ގުޅުން މި ނިމިދާ އަހަރު ކުރިއަށް ދިޔަ ގޮތެވެ.

ޗައިނާއާ އާއި ރާއްޖޭން ފްރީ ޓްރޭޑް އެއްބަސްވުމުގައި ސޮއިކުރުމާއެކު އިންޑިއާގެ ނޫސްތަކުން އަޑު ފަތުރައިލި ގޮތުން ހީވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ވަރަށް ބޮޑަށް ގުޅުން ގޯސްވެފައިވާ ކަމަށެވެ. ނަމަވެސް ހައްލު ނުވާ ވަރުގެ މައްސަލަތަކެއް ދެގައުމުގެ ދެމެދުގައި ނެތްކަން ދެގައުުމުގެ ވާހަކައިން އެނގެއެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް އުފެދިފައި ވާތީ އެކަމާ މަޝްވަރާ ކުރަން އެގައުމުގެ ސަރުކާރުގެ ވަފުދެއް އަންނަ ޖެނުއަރީ މަހު ރާއްޖެއަށް އަންނަން މިހާރު ވަނީ ހަމަޖެހިފައެވެ.