އެމްޑީޕީ

ރައީސް މަޝްވަރާއަށް ވަޑައިގަންނަވަން އެމްޑީޕީން ގޮވާލައިފި

ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާއަށް ވަޑައިގަތުމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން ގޮވާލައިފި އެވެ.

އެމްޑީޕީގެ އޮފީހުގައި އެ ޕާޓީން މިއަދު ބޭއްވި ނޫސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ މާފަންްނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ މަޝްވަރާ ކުރުމަކީ ވަރަށް މުުހިއްމު ކަމެއް ކަމަށާއި އެއީ ވަގުތު ނަގައިލުމެއް ނޫން ކަމަށެވެ. ދައުލަތް ބިނާވާން ޖެހޭނީ މަޝްވަރާގެ މައްޗަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ގުޅިފައިވާ ސިޔާސީ ޕާޓީތަކާ ރާއްޖޭގެ ސިޔާސީ މަޝްރަހާ ބެހޭ ގޮތުން އިދިކޮޅު ޕާޓީތަކާ މަޝްވަރާ ކުރެއްވުމުގައި ވެސް އެއްވެސް އިހުލާސްތެރިކަމެއް މިހައިތަނަށް [ސަރުކާރުން] ގެންނަވާފައެއް ނުވޭ. އެހެންވީމާ މިގޮތް ދޫކޮށްލައްވަން އަޅުގަނޑު ރައީސް ޔާމީނަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިލްތިމާސް ކުރަން،" އިމްތިޔާޒު ވިދާޅުވިއެވެ.

ރައީސް ޔާމީނަކީ ސަރުކާރު ތެރޭގައި ވެސް ކަންކަމާ މަޝްވަރާ ނުކުރައްވާ ބޭފުޅެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅުން މިމޭރުމުން ވާހަކަ ދައްކާފައި މިވަނީ ރާއްޖޭގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ބޭރުގެ ފަރާތްތަކާ މަޝްވަރާކުރަން ނުޖެހޭ ކަމަށް ރައީސް ޔާމީނު ވިދާޅުވުމާ ގުޅިގެންނެވެ.

ރާއްޖޭގައި ހުރި މައްސަލަތަކާ ބެހޭ ގޮތުން ބޭރު ފަރާތްތަކާ މަޝްވަރާ ކުރުމަކީ އިސްރާފެއް ކަމަށް ރައީސް ޔާމީން ވިދާޅުވީ ހޯމަ ދުވަހު ބ. އޭދަފުށީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެހެން ވިދާޅުވި ނަމަވެސް، ރައްޔިތުންނާ ގުޅުންހުރި އެކި ކަންކަމުގައި މި ސަރުކާރަށް ވުރެ ގިނަ އިން މަޝްވަރާކުރި ސަރުކާރެއް ނޯންނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި މަޝްވަރާ ކުރުމުގެ ފުރުސަތު ސިޔާސީ ފަރާތްތަކަށް އަދިވެސް އެބައޮތް ކަމަށާއި ނަމަވެސް ދެން އަންނަން ޖެހޭނީ އެއްވެސް ޝަރުތަކާ ނުލާ ކަމަށް ރައީސް ވިދާޅުވި އެވެ.