ހަބަރު

ަ

ޓެކްސްގެ ގޮތުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭ 289952 ރުފިޔާ (ދެލައްކަ އަށްޑިހަ ނުވަހާސް ނުވަސަތޭކަ ފަންސާސްދެ ރުފިޔާ) ދައްކަން ކުންފުންޏެއްގެ މައްޗަށް ހުކުމްކޮށްފިއެވެ.

މީރާއިން ބުނީ އަލްފާ އެމްވީކޭބީ ނަމަކަށް ކިޔާ ކުންފުނިން ޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ އެ ފައިސާ ދައްކަން ސިވިލް ކޯޓުން ހުކުމް ކުރީ މިއަދު ކަމަށެވެ.

ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން މިހިނގާ ޑިސެމްބަރު މަހު ވަނީ ނުވަ ކުންފުންޏަކަށް ހުކުމްކޮށްފަ އެވެ. އޭގެ ތެރެއިން ހަތަރު ކުންފުންޏަކުން ދައްކަން ހުކުމް ކުރި ފައިސާގެ އަދަދު ގާތްގަނޑަކަށް ތިން މިލިޔަނަށް އަރައެވެ.

އެގޮތުން މި މަހުގެ 17 ވަނަ ދުވަހު ސިވިލް ކޯޓުން އަޒިމުތު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމްކޮށްފައި ވަނީ ޖީއެސްޓީ އާއި އެ ފައިސާ ނުދައްކައިގެން އަރާފައިވާ ޖޫރިމަނާގެ ގޮތުގައި 409،579 ރުފިޔާ ދެ މަސްދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އަދި ހަމަ އެ ދުވަހު ސިވިލް ކޯޓުން ޓީއެލްއެމް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމްކޮށްފައި ވަނީ ދެ މަސް ދުވަހުގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ނުދައްކާ ހުރި 98،492.18 ޑޮލަރާއި (1.5 މިލިއަން ރުފިޔާ) އާއި ޖޫރިމަނާއަށް އަރާފައިވާ 43،000 ރުފިޔާ ދައްކާ ހަލާސްކުރުމަށެވެ.

މި މަހުގެ 19 ވަނަ ދުވަހު ސިވިލް ކޯޓުން ހުކުމް ކޮށްފައި ވަނީ އައިސޯލް ޕްރައިވެޓް ލިމިޓެޑް އިން ޖީއެސްޓީ އާއި އޭގެ ޖޫރިމަނާގެ ގޮތުގައި ނުދައްކާ ހުރި 501،288 ރުފިޔާ ދެ މަސްދުވަހުގެ ތެރޭގައި ދައްކާ ހަލާސްކުރުމަށެވެ. އަދި މި މަހުގެ 21 ވަނަ ދުވަހު ކޮންސަލްޓޭޝަން އެންޑް މެރިން ސާވޭއިން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރި ހުކުމްގައި އެ ކުންފުނިން މީރާއަށް 380،085 ރުފިޔާ އެއްމަސް ދުވަސް ތެރޭ ދައްކާ ހަލާސްކުރުމަށް ވަނީ ހުކުމްކޮށްފަ އެވެ.

އެ ހަތަރު ކުންފުނިން މީރާއަށް ދެއްކުމަށް ހުކުމްކުރި ފައިސާގެ ޖުމްލަ އަދަދު 2.9 މިލިއަން ރުފިޔާއަށް އަރަ އެވެ.

މީރާއަށް ޖީއެސްޓީ ނުދައްކައިގެން 26 ކުންފުންޏެއްގެ މައްސަލަ މިހާރު ވެސް އޮތީ ކޯޓްގަ އެވެ