ދުނިޔެ

އިރުމަތީ ގުދުސްގައި "ޓްރަމްޕް ސްޓޭޝަން" ބިނާކުރަން ނިންމައިފި

ފަލަސްތީނު މީހުން ގާއިމް ކުރަން އުއްމީދުކުރާ މިނިވަން ދައުލަތުގެ ވެރިރަށް ކަމަށް ކަނޑައަޅާފައިވާ އިރުމަތީ ގުދުސްގައި ޓްރެއިން ސްޓޭޝަނެއް އަޅައި އެތަނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ނަމުން ނަންދޭން އިޒްރޭލުން ނިންމައިފިއެވެ.

ރޮއިޓާސް ބުނީ އިޒްރޭލުގެ ޓްރާންސްޕޯޓް މިނިސްޓަރު އިއުލާނު ކުރި އެމަޝްރޫއު ހިންގަން އުޅެނީ ފަލަސްތީނު މީހުން އެމީހުންގެ ވެރިރަށް ކަމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ މެދުގައި ކަމަށެވެ. އެގޮތުން އެެތަން އަޅަން އުޅެނީ ހަރަމުއް ޝަރީފުގެ ހުޅަނގު ފާރު ކައިރީގައެވެ. އެއީ ޔަހޫދީން އެމީހުންގެ މުގައްދަސް ތަނެއް ކަމަށް ބަލައިގެން އުޅޭ ތަނެކެވެ.،.

" ވެސްޓާން ވޯލް ސްޓޭޝަނަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ނަމުން ނަންދޭން އަހަރެން ނިންމައިފިން. އެއީ ޖެރޫސަލަމަކީ ޔަހޫދީންގެ އަދި އިޒްރޭލުގެ ދައުލަތުގެ ވެރިރަށް ކަމަށް ބަލައި ގެންނެވުމުގައި އޭނާ ދެއްކެވި ހިތްވަރަށް ޓަކައި،" ކާޓްޒް ވިދާޅުވި ކަމަށް ރޮއިޓާސްގެ ހަބަރުގައި ވެއެވެ.

ތެލްއަވީވުން ގުދުސަށް ބިމުއަޑީގެ ރެއިލްވޭއެއް އަޅަން އިޒްރޭލުން ގެންގުޅޭ ނުރައްކާތެރި ޕްލޭން އަދި އޮތީ ކަރުދާހުގައެވެ. ކާޓްޒް ވިދާޅުވީ އެ ޕްލޭނަށް އެގައުމުގެ އެހެން ބައެއް އިދާރާތަކުން އަދި ހުއްދަ ހޯދަން ޖެހޭ ކަމަށެވެ.

ގުދުސަކީ ޔަހޫދީން ފަލަސްތީނަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ކަންއާނީ ދަރިކޮޅުގެ އަރަބީން ބިނާކޮށްފައިވާ ރަށެކެވެ. އެރަށަކީ ދުނިޔޭގައިވާ އެންމެ ގަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި އޭގެ އިތުރުން އެއީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެބިމެއްގައިވާ ބިމެވެ.

ފަލަސްތީނުގެ ބިންތައް އިނގިރޭސިން ފޭރިގަތުމަށް ފަހު އެތަނުގައި އިޒްރޭލުގެ ދައުލަތް އުފައްދައި ދިން އިރު އެމީހުންގެ އަތުްދަށުގައި އޮތީ ގުދުސްގެ ހުޅަނގުބައި އެކަންޏެވެ. ނަމަވެސް އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފިއެވެ. އޭގެ ފަހުން އެމީހުން ދަނީ ގުދުސުން އަރަބީން ހުސްކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.