ހަބަރު

ޕައިލެޓުން ނައިސްގެން މޯލްޑިވިއަންގެ ފްލައިޓެއް ކެންސަލްކޮށްފި

މޯލްޑިވިއަންގެ ބައެއް ޕައިލޮޓުން މަސައްކަތަށް ހާޒިރު ނުވެގެން އެ އެއާލައިނުން ފުވައްމުލައް ސިޓީއަށް މިއަދު ކުރަން އޮތް ދަތުރެއް ކެންސަލްކޮށްފި އެވެ.

އިތުބާރު ހުރި މަސްދަރަކުން އަވަސް އަށް އެނގިފައިވާ ގޮތުގައި ފުވައް މުލަކަށް ކުރަން އޮތް ދަތުރު ކެންސަލް ކުރިކަން މޯލްޑިވިއަން އިން އެންގީ ފުރަން ވެގެން މީހުން އެއާޕޯޓަށް ވެސް ދިޔަ ފަހުންނެވެ. އެހެންވެ، މީހުން އެކަމާ ނުރުހުން ފާޅުކުރުމުން މޯލްވިއަން އިން ވަނީ ފުރަން ގޮސް ތިބި މީހުން މާލޭގައި މަޑު ކުރުމަށް ޓަކައި ކޮންމެވެސް ވަރެއްގެ ފައިސާގެ އިނާޔަތެއް ދީފައި ކަން ވެސް ވަނީ އެނގިފައެވެ.

ފުވައްމުލަކަށް ދާން ގޮސް ނުފުރުނު މީހަކު އަވަސްއަށް ބުނީ އޭނާ ފުރަން ދިޔައީ ހުޅުމާލޭގައި އޭނާ ހުރި ކޮޓަރި ވެސް ދޫކޮށްލާފައި ކަމަށެވެ.

"ދެން އަލުން ގޮސް ވަންނާނެ ތަނެއް ވެސް މިވަގުތުން މިވަގުތަކަށް ނެތް. އެބޭފުޅުން ޖެހޭނެ ދެއްތޯ މިކަމުގެ ޒިންމާ ނަގަން،" ދަތުރު ކެންސަލް ކުރިކަން ކުރިން ނޭންގުމުން ނުރުހިފާ ހުރި އެމީހާ ބުންޏެވެ.

މިކަމާ ބެހޭ ގޮތުން މޯލްޑިވިއަންގެ ބަހެއް ހޯދުމަށް އެކުންފުނީގެ ވެރިންނަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އެ ކުންފުނީގެ ކޮމެންޓެއް އަދި ނުލިބެއެވެ.

އެކަށީގެންވާ ވަރަށް ވުރެ އިތުރަށް މަސައްކަތް ކުރަން ޖެހުމާއި މުސާރައާއި އިނާޔަތްތައް ކުޑަކަމުން މޯލްޑިވިއަންގެ ޕައިލޮޓުންގެ ޝަކުވާ ފަހަކަށް އައިސް ވަނީ ގިނަވެފަ އެވެ. ބައެއް ޕައިލޮޓުން އެ ވާހަކަތައް މީޑިއާއާ ހިއްސާކުރުމުން މޯލްޑިވިއަން އިން އޭރު ވަނީ އެގޮތަށް އަމަލު ނުކުރުމަށް އިންޒާރު ކޮށްފަ އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އޮޕަރޭޓް ކުރާ، އައިލެންޑް އޭވިއޭޝަން (އައިއޭސް) ކުންފުނިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ ގައުމީ އެއާލައިން ސަލާމަތީ މިންގަނޑުތަކާ ހިލާފަށް އޮޕަރޭޓް ކުރާ ކަމަށް ބުނެ، ސައްހަ ނޫން ހަގީގަތާ ހިލާފަށް ހަބަރުތައް ބަޔަކު ފަތުރަމުންދާ ކަމަށެވެ.

ނަމަވެސް، ރާއްޖޭގެ ގައުމީ އެއާލައިންއަކީ ރާއްޖޭގެ ސިވިލް އޭވިއޭޝަނާއި އިކާއޯ ގަބޫލުކުރާ މިންގަނޑުތަކަށް އޮޕަރޭޓް ކުރަމުން ގެންދާ އެއާލައިންއެއް ކަމަށް ބުނެފައިވެ އެވެ.

"މި އެއާލައިންއަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަނުން ކަނޑައަޅާފައިވާ ސަލާމަތީ މިންގަނޑުތަކާއި އަދި ކަނޑައެޅިފައިވާ ގަވާއިދުތަކުގެ އިމުގެ ތެރެއިން މަސައްކަތް ކުރަމުން އަންނަ ގަވައިދުން އޮޑިޓް ކުރެވޭ އެއާލައިނެއް ކަމަށް ދަންނަވަމެވެ،" މޯލްޑިިވިއަންއިން ބުނެފައިވެ އެވެ.

"ކަން މިހެން އޮތްއިރު، ވަކިބައެއްގެ މަސްލަހަތު ކުރިއަށް ނެރެ، ވަކި ބައެއްގެ ލާބައާއި މަންފާއަށްޓަކައި ސައްހަނޫން މައުލޫމާތު ބައެއް ފަރާތްތަކުން ފަތުރަމުންދާތީ، ނުހަނު ކަންބޮޑުވާ ކަމެކެވެ."