ހަބަރު

ނިހާނުގެ ހޫނު ހަމަލާތައް ނަޝީދަށް

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ހުސައިން މަނިކު ކުރީގެ ރައީސް ނަޝީދަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ. ޗެނަލް 13 ގައި ވާހަކަފުޅު ދައްކަވުން ނިހާނު ރޭ ވިދާޅުވީ ކުރީގެ ދެ ރައީސުން ކަމަށްވާ ނަޝީދާއި މައުމޫނު ގުޅިވަޑައިގެން މަސައްކަތް ނުުކުރެއްވޭނެ ކަން މިހާރުވެސް ފެންނަމުންދާ ކަމަށެވެ.

އެގޮތުން 2004 ވަނަ އަހަރު ރާއްޖެއަށް ސުނާމީގެ ކާރިސާ ކުރިމަތިވި އިރު އިދިކޮޅު މީހުން ޖަލުގައި ތިބި ވާހަކަ ނަޝީދު ދެއްކެވީ މައުމޫނަށް އަލުން ފާޑުވިދާޅުވާން ކަމަށް ނިހާނު ތުހުމަތު ކުރެއްވިއެވެ.

" މައުމޫނާ ދިމާލަށް ގޮވެލިފަތި ގޮވަން ފެއްޓެވީ. އެހެންވީމާ ކިހިނެތްތޯ އެއް ގޮތަކަށް ، އެއްމެދު އެއް ޖޯލިފައްޗެއްގައި މިބޭފުޅުންނަށް މިވާހަ ދައްކަވަން ތިބެވޭނީ،" އޭނާ ވިދާޅުވިއެވެ.

އެއްބަައިވަންތަ ކަމުގެ ދުވަހާ ބެހޭ ގޮތުން ކުރީގެ ދެރައީސުން ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުން ނިހާނު ވިދާޅުވީ ސުނާމީގައި ހާލުގައި ޖެހުނު އެންމެނަށް ބޯހިޔާވަހިކަން ފޯރު ކޮށްދެއްވުމުގައި އެ ދެބޭފުޅުން ވެސް ނާކާމިޔާބު ވެވަޑައިިގެންފައިވާ ކަމަށެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިވަޑައި ނުގަންނަވާނެ ކަމަށް ސަރުކާރުން ދައްކާ ވާހަކަ ނިހާނުވެސް މިރޭ ތަކުރާރު ކުރެއްވިއެވެ. އަދި ވިދާޅުވީ މާފު ދިނުމާ އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން ނަޝީދަށް ލުޔެއް ނުދެވެނީ އެމަނިކުފާނަށް އިއްވާފައިވާ ހުކުމުގެ ހަތަރުބައިކުޅަ އެއްބައި ވެސް ތަންފީޒު ނުކުރައްވާ ހުންނެވުމުން ކަަމަށެވެ.

"އެކަމަކު ތަންފީޒުގެ މަރުހަލާއަށް އެމަނިކުފާނު އަޅައެއް ނުލައްވައޭ،" އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔަމުން އަންނަ މައްސަލަ ކަމަށްވާ ފްރީ ޓްރޭޑް އެއްބަސްވުން ދިފާއު ކުރައްވައި ރޭވެސް ނިހާނު ވާހަކަފުޅު ދެއްކެވިއެވެ. ވިދާޅުވީ އެއީ ދުނިޔޭގެ އެކި ގައުމުތަކުގެ މެދުގައި މާކުރިއްސުރެވެސް ސޮއިކޮށް އަމަލު ކުރަމުން އަންނަ ފަދަ މިނިވަން ވިޔަފާރީގެ އެެއްބަސްވުމެއް ކަމަށާއި އެކަމުން ރާއްޖެއަށް ވާނީ ފައިދާ ކަމަށެވެ.