ހަބަރު

ފުލުހުން އަތުލައިގަތް ރާފުޅިތަކެެއް އަނބުރައި ދޭން ކޯޓުން އަމުރުކޮށްފި

ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ގިނަ އަދަދެއްގެ ރާފުޅި އެތަކެތި ނެގި ސަފާރީއަށް އަނބުރައި ރައްދުކުރަން ކުރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މިމަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހުޅުމާލޭ ބަނދަރުގައި އޮތް ސަފާރީއަކުން އެތަކެތި އަތުލައިގަތުމުގައި އަމަލުކޮށްފައި ވާނީ ގާނޫނީ ޖިނާއީ މައްސަލަ ތަކުގައި މީގެ ކުރިން ވެސް އަމަލުކުރަމުން އަންނަ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް ކަމަށެވެ.

ރާފުޅިތައް އަނބުރާ ހަވާލުކުރަން ކޯޓުން އަމުރުކުރި ނަމަވެސް އެތަކެތި ހަވާލު ނުކުރާނެ ކަމަށާއި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވެސް ބުންޏެވެ.

ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 46 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 22 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 29 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިހަތަރު މީހުންގެ ތެރެއިން 46 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ޑިސެމްބަރު 21 ވަނަ ދުވަހުގެ ވަގުތެއްގައި އަލޯރާ ފިހާރަ ކައިރިންނެވެ. މިމީހާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ދަބަސް ތެރެއިން ބަނގުރާ 7 ފުޅި ފެނިފައިވެއެވެ. އަދި 27 އަހަރުގެ މީހާއާއި 22 އަހަރުގެ މީހާ އާއި 29 އަހަރުގެ މީހާ ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއް ބަލައިފާސްކޮށެވެ.

ކޯޓު އަމުރެއްގެ ދަށުން އެސަފާރީ ބަލައިފާސްކުރިއިރު ގަވާއިދާ ހިލާފަށް ގެންގުޅެމުންދިޔަ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއި ބިޔަރު ދަޅުތަކެއް ފެނިފައިވެއެވެ. އެގޮތުން މި ސަފަރީ ތެރެއިން އެކި ބްރޭންޑްތައް ހިމެނޭގޮތަށް 87 ކޭސް ބަނގުރާ ފުޅިއާއި 25 ފުޅި ބަނގުރަލާއި 20 ފުޅި ބިޔަރާއި 47 ކޭސް ބިޔަރުގެ އިތުރުން 46 ދަޅު ބިޔަރު ފެނިފައިވެއެވެ.

އެ މައްސަލައިގައި ހައްޔަރު ކުރި މީހުންގެ ބަންދުގެ މުއްދަތަށް ކޯޓުން އޭރު ފަސް ދުވަސް ދިނެވެ.