ދުނިޔެ

ޗައިނާއިން ދަނީ ސަރަހައްދުގެ ހަމަޖެހުން ނަގައިލަމުން: ޓައިވާން

ޗައިނާއިންް އަވަސް އަވަހަށް ހިންގާ އަސްކަރީ ހަރަކާތްތަކުގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުން ގެއްލޭ ކަމަށް އެގައުމުގެ ބާރުގެ ދަށުގައިވާ ޓައިވާނުން ބުނެފިއެވެ.

ޗައިނާގެ އަތްދަށުން މިނިވަން ވާން މަސައްކަތް ކުރާ ޓައިވާނުގެ ރައީސް ސާއީ އިން ވެން މިއަދު ވިދާޅުވީ ޗައިނާ ސިފައިން ހިންގާ ހަރަކާތްތައް ޓައިވާނު ސިފައިން ކައިރިން ބަލާނެ ކަަމަށެވެ.

ޗައިނާއިން ދެކެނީ ސަރުކާރެއް އިންތިހާބުކޮށްގެން އަމިއްލަ ވެރިކަމެއް ކުރާ ޓައިވާނަކީ އެގައުމުގެ ބައެއް ކަމަށެވެ. ޗައިނާގެ އަތްދަށުން ޓައިވާން މިނިވަން ވާން މަސައްކަތް ކުރާ ނަމަ ބާރުގެ ބޭނުން ކުރާނެ ކަމަށް ޗައިނާއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ޓައިވާނުގެ އަމިއްލަ ވެރިކަމާ ޗައިނާއިން ބޮޑަށް ދެކޮޅުވެރިވާން ފެށީ ޓައިވާނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ޑިމޮކްރެޓިމް ޕްރޮގްރެސިވް ޕާޓީގެ ޓިކެޓްގައި ސާއީ ޓައިވާނުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވި ފަހުންނެވެ. އޭނާ ޓައިވާނުގެ މިނިވަންކަން ރަސްމީކޮށް އިއުލާނުކުރައްވައިފާނެ ކަމަށް ޗައިނާއިން ޝައްކު ކުރެއެވެ. ނަމަވެސް ސާއީ ވިދާޅުވަމުން ގެންދަވަނީ އެނާ ބޭނުންވަނީ މައިރަށާ އެކު ( ޗައިނާ) އާ އެކު ސުލްހަވާން ކަމަށެވެ.

ޗައިނާގެ ވައިގެ ސިފައިން ވަނީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ޓައިވާނުގެ ކައިރީފައި 16 ފަހަރެއްގެ މަތިން ފަރިތަކުރުންތައް ބާއްވާފައެވެ. އެކަމާ ޓައިވާނުން ކަންބޮޑުވުން ފާޅުކުރުމުން ޗައިނާއިން ބުނީ އެއީ ގަވައިދުން ހިންގާ ތަމްރީނުތަކެެއް ކަމަށާއި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދާއި ޖަޕާނު ކަނޑުގެ ސަރަހައްދުގައިވެސް އެފަދަ ތަމްރީނުތައް ހިންގާ ކަމަށެވެ. އެއީ އެއް ގޮތަކަށް ވެސް ތިން ވަނަ ބަޔަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ނޫން ކަމަށް ވެސް ޗައިނާއިން ބުންޏެވެ.