ދުނިޔެ

ބޭނަޒީރު ބުއްޓޫގެ ގަތުލުގެ އިލްޒާމު މުޝަރައްފަށް

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލުމުގެ ޒިންމާ އެގައުމުގެ ކުރީގެ އަސްކަރީވެރިޔާ ޕަރުވޭޒް މުޝައްރަފު އުފުއްލަވަން ޖެހިވަޑައިގަންނަވާ ކަމަށް ބުއްޓޫ އާއިލާއިން ބުނެފިއެވެ.

ބުއްޓޫ އަވަހާރަކޮށްލިތާ 10 އަހަރުފުރުން ފާހަގަކުރަން ޕާކިސްތާނުގެ ދެކުނުގައިވާ ގަޅީ ޚުދާ ބަކްސް ނަަމަކަށް ކިޔާ ރަށުގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ބޭނަޒީރު ބުއްޓޫގެ ދަރިކަލުން ބިލާވަލް ބުއްޓޫ ޒަރުދާރީ ވިދާޅުވީ މުޝައްރަފަކީ 'ގާތިލެއް' ކަމަށެވެ. އޭނާއާ އެކު ބުއްޓޫގެ ސަޕޯޓަރުން އެވާހަކަ ހަރުއަޑުން ތަކުރާރުކުރިއެވެ.

ބުއްޓޫގެ ހަނދާން އާކުރަން ބޭއްވި އެއްވުމުގައި ބިލާވަލް ވަނީ ޕާކިސްތާނުގެ ޝަރުއީ ނިޒާމަށް ވެސް ފާޑުވިދާޅުވެފައެވެ. އެ ނިޒާމުގެ ތެރެއިން އިންސާފު ނުލިބޭ ކަމަށާއި އެކަން ރަނގަޅު ކުރަން މަސައްކަތް ކުރައްވާނެ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެތަނެއްގެ މިނިވަންކަމަށް ތިޔަބޭފުޅުން މަސައްކަތް ކުރައްވާ ޖުޑިޝަރީން. އަޅުގަނޑުމެންނަކަށް އިންސާފެއް ނުލިބޭ އެތަނަކުން. ތިޔަބޭފުޅުންގެ ޝަރަފުވެރި ބައްޕައަކަށް އިންސާފެއް ނުލިބޭ އެތަނަކުން. އަޅުގަނޑަކަށް އިންސާފެއް ނުލިބޭ އެތަނަކުން،" ބިލާވަލް ވިދާޅުވިއެވެ.

ބޭނަޒީރު ބުއްޓޫ އަވަހާރަކޮށްލީ 2007 ވަނަ އަހަރު ޕާކިސްތާނުގައި ބޭއްވި އިންތިހާބަށް ކެމްޕޭން ކުރައްވަން ރާވަލްޕިންޑީގައި ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވާފައި އެނބުރި ވަޑައިގެންނެވި މަގުމަތީގައި ބޮމާއި ބަޑިން ދިން ހަމަލާތަކެއްގައެވެ. އެ މައްސަލައިގައި މިހައިތަނަށް ފަސް މީހަކު ހައްޔަރުކޮށް ދެމީހެއްގެ މައްޗަށް ހުކުމްކޮށްފައި ވެއެވެ. އެ ދެމީހުންނަކީ ބުއްޓޫ އަވަހާރަކޮށްލި އިރު ފުލުހުންގެ ގޮތުގައި ތިބި ދެމީހުންނެވެ. އެމީހުން ކުށްވެރިވީ ގަސްދުގައި އިހުމާލު ވުމާއި ގަރީނާ ނައްތައިލަން މަސައްކަތް ކުރިކަން ސާބިތުވެގެންނެވެ.

ބޭނަޒީރު އަވަހާރަވުމުން އޭނާގެ 'ޕާކިސްތާން ޕީޕަލްސް ޕާޓީ'ގެ ޗެއާޕާސަންކަމުގެ މަގާމަށް ވަޑައިގެންނެވީ ބިލާވަލްއެވެ. އަންނަ އަހަރު ޕާކިސްތާނުގައި ބާއްވާ އިންތިހާބުތަކުގައި ޕާޓީން ކުރާ މަސައްކަތުގައި އިސްކޮށް އުޅުއްވާނީ އޭނާއެވެ.