ވިޔަފާރި

އެއާ އޭޝިއާއަށް މީހުން އެރުވުމަށްފަހު، ފްލައިޓް ކެންސަލްކޮށްފި

Dec 28, 2017
1

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މިރޭ ފުރަން އޮތް، އެއާއޭޝިޔާގެ ފްލައިޓަށް މީހުން އެރުވުމަށްފަހު ބާލައި، ފްލައިޓް ކެންސަލްކޮށްފި އެވެ.

ރާއްޖޭ ގަޑިން މިރޭ 20:55 ގައި ނައްޓާލަން އޮތް ފްލައިޓުން ދަތުރު ކުރަން އެއާޕޯޓަށް ގޮސްހުރި މީހެއްގެ ގާތް މީހަކު "އަވަސް" އަށް ކިޔައިދިން ގޮތުގައި ފްލައިޓު ލަސްވި ސީދާ ސަބަބެއް އެއާއޭޝިޔާއިން ނުބުނާ ކަމަށެވެ.

"ފުރަން ވެގެން މީހުން ވެސް އެރުވި ފްލައިޓަށް. އަރުވާފަ ގާތްގަނޑަކަށް ގަޑިއެއްހާއިރު ބައިތިއްބާފައި ބޭލީ،" ނަން ހާމަ ނުކުރުމަށް އެދި އޭނާ ކިޔައިދިނެވެ.

އޭނަ ބުނި ގޮތުގައި ފްލައިޓު ލަސްވި ސަބަބެއް ކަމަށް ފުރަތަމަ ބުނީ، ވީއައިއޭ ރަންވޭގެ މަސައްކަތެއް ކުރަމުންދާތީ އެވެ. ނަމަވެސް ފަހުން ވަނީ ފްލައިޓުން ހައިޑްރޯލިކް ލީކެއް އުޅޭ ކަމަށް ބުނެފައި ކަމަށް އޭނާ ކިޔައި ދިނެވެ.

"އެކަމަކު ސީދާ ލަސްވީ މިވެނި ސަބަބަކުން ކަމެއް ނުބުނޭ،" ފުރަން ގޮސް ހުރި އޭނާ ބުންޏެވެ.

އެއާއޭޝިއާގެ ފްލައިޓުގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އޯލް އެޗް މޯލްޑިވްސްއިން ފްލައިޓު ލަސްވުމާ ބެހޭ ގޮތުން އަދި ވަކި އެެއްޗެއް ނުބުނެ އެވެ. ނަމަވެސް "އަވަސް" އަށް އެނިގިފައިވާ ގޮތުގައި ފްލައިޓް ލަސްވެފައިވަނީ ހައިޑްރޯލިކް ފިއުލް ލީކް ވެގެންނެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ބަޖެޓް އެއާލައިން ކަމަށްވާ އެއާއޭޝިއާގެ ދަތުރުތައް މެދުކެނޑުމަށްފަހު އަލުން ފަށާފައިވަނީ މީގެ ދެ އަހަރު ކުރިންނެވެ. އަދި މިހާރު ސީދާ ރާއްޖެއިން ކުރަމުންދާ މި ދަތުރުތަކަށް ބޮޑު ތަރުހީބެއް ވެސް ލިބެ އެވެ.