ދުނިޔެ

ޓްރަމްޕާ ދެކޮޅު މުޒާހަރާގައި 300 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ

ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަލައިގެންފައި ވާތީ އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕާ ދެކޮޅު ހެދުމަށް ފަލަސްތީނުގައި އިއްޔެ މުޒާހަރާ ކުރި މީހުންގެ ތެރެއިން 300 އަށްވުރެ ގިނަ މީހުން ޒަހަމްވެއްޖެ އެވެ.

ފަލަސްތީނގެ ރެޑްކްރެސެންޓް ޖަމާއަތާ ހަވާލާދީ ޕެލަސްޓީނިއަން އިންފޮމޭޝަން ސެންޓަރުން ބުނީ އިއްޔެގެ ހުކުރު ނަމާދަށް ފަހު ހުޅަނގު އައްސޭރީގައި މުޒާހަރާ ކުރި މީހުންގެ ތެރެއިން 293 މީހުން އަދި ޣައްޒާގައި މުޒާހަރާ ކުރި މީހުންތެ ތެރެއިން 90 މީހުން ޒަހަމްވި ކަމަށެވެ. އަދި ބުނީ އެމީހުން ޒަހަމްވީ އިޒްރޭލު ސިފައިންނާ އެމީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ކަމަށެވެ.

އިއްޔެގައި މުޒާހަރާ ކުރި މީހުންނާ ދެކޮޅަށް އިޒްރޭލު ސިފައިން ވަނީ ކަރުނަގޭހުގެ އިތުރުން ރަބަރު ވަޒަން ބޭނުން ކޮށްފަ އެވެ. އަދި ހުޅަނގު އައްސޭރީގެ ބައެއް އަވަށްތަކުގެ މީހުންނަށް ނުނިކުމެވޭ ގޮތަށް ސިމެންތި ބްލޮކްތައް ބަހައްްޓައި މަގުތައް ބަންދުކުރުން ފަދަ ފިޔަވަޅުތައް ވެސް އިޒްރޭލުން އެޅިއެވެ.

މަންޒަރުދުށް މީހުންނާ ހަވާލާދީ ނޫހުން ބުނީ އިއްޔެގައި މުޒާހަރާއަށް ނުކުތް ފަލަސްތީނުގެ ޒުވާނުންގެ ތެރެއިން ހަ މީހަކު އިޒްރޭލު ސިފައިންގެ އަތްދަށުގައި ހައްޔަރުވި ކަަމަށެވެ.

ގުދުސަކީ ޔަހޫދީން ފަލަސްތީނަށް އައުމުގެ އެތައް ހާސް އަހަރެއް ކުރިން ކަންއާނީ ދަރިކޮޅުގެ އަރަބީން ބިނާކޮށްފައިވާ ރަށެކެވެ. އެރަށަކީ ދުނިޔޭގައިވާ އެންމެ ގަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. އަދި އޭގެ އިތުރުން އެއީ މުސްލިމުންގެ ތިންވަނަ ހަރަމްފުޅު ކަމަށްވާ އަލް މަސްޖިދުލް އަގުސާ އެ ބިމެއްގައިވާ ބިމެވެ.

ފަލަސްތީނުގެ ބިންތައް އިނގިރޭސިން ފޭރިގަތުމަށް ފަހު އެތަނުގައި އިޒްރޭލުގެ ދައުލަތް އުފައްދައި ދިން އިރު އެމީހުންގެ އަތުްދަށުގައި އޮތީ ގުދުސްގެ ހުޅަނގުބައި އެކަންޏެވެ. ނަމަވެސް އޭގެ ފަހުން 1967 ވަނަ އަހަރު ކުރި ހަދުވަހުގެ ހަނގުރާމައިގައި އިޒްރޭލުން އިރުމަތީ ގުދުސް ހިފިއެވެ. އޭގެ ފަހުން އެމީހުން ދަނީ ގުދުސުން އަރަބީން ހުސްކުރަން ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ.