ދުނިޔެ

އުތުރު ކޮރެއާއަށް ތެޔޮ ފޯރުކޮށްދިން ބޯޓެއް ދެކުނުން ހިފަހައްޓައިފި

ވަަރަށް މަދު މިންވަރަކަށް ނޫނީ އުތުރު ކޮރެއާއަށް ތެޔޮ ނުވިއްކަން އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައި ވަނިކޮށް އުތުރު ކޮރެއާގެ އުޅަނދުތަކަކަށް ތެޔޮ އަޅައިދިން ތެޔޮ ބޯޓެއް ދެކުނު ކޮރެއާއިން ހިފަހައްޓައިފި އެވެ.

ޓައިވާނަށް ތެޔޮ އުފުލާ ނަމުގައި ގޮސް ބައިނަލް އަގުވާމީ ކަނޑުގެ ސަރަހައްދުންް އުތުރު ކޮރެއާގެ ދެ ބޯޓަކަށް ތެޔޮ އަޅައިދިން ، "ލައިޓް ހައުސް ވިންމޯ" ނަމަކަށް ކިޔާ ބޯޓު ދެކުނު ކޮރެއާއިން ހިފެހެއްޓީ ފާއިތުވި ނޮވެމްބަރު މަހު އެވެ. ނަމަވެސް އެބޯޓް ހިފެހެއްޓިކަން އެ ގައުމުން ހާމަ ކުރީ އިއްޔެ އެވެ.

ދެކުނު ކޮރެއާއިން މިކަން ހާމަކޮށްފައި މިވަނީ ޗައިނާއިން އުތުރު ކޮރެއާއަށް ތެޔޮ ފޯރުކޮށްދޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ތުހުމަތު ކުރައްވައި، އަދި ޗައިނާއިން އެކަން ދޮގު ކޮށްފައި ވަނިކޮށެވެ. ޗައިނާއިން ބުނެފައި ވަނީ އެ ގައުމުގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުންޏަކުން ވެސް އަދި އެ ގައުމުގެ ފަރުދަކުވެސް އެފަދަ ކަމެއް ނުކުރާނެ ކަމަށެވެ.

ނިއުކްލިއަ ހަތިޔާރު އުފައްދަން ކުރާ މަސައްކަތް ހުއްޓުވުމަށް އދ. އިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގައި އެގައުމުގެ އުޅަނދަކަށް ކަނޑުމަތިން މުދާ އަރުވައި ދިނުން ވެސް ވަނީ މަނާކޮށްފަ އެވެެ.

ޓައިވާނުގެ ބޯޓެއް ކަމަށް ދެކުނު ކޮރެއާއިން ބުނާ އެ ބޯޓް އުތުރު ކޮރެއާގެ ދެ އުޅަނދަކަށް ތެޔޮ އަޅައިދިންކަން ފަޅާ އެރީ އެމެރިކާގެ ޖާސޫސީ ސެޓެލައިޓަކުން ނެގި ފޮޓޯތަކަކުން އެ މަންޒަރު ފެނުމުންނެވެ. ދެކުނު ކޮރެއާއިން ބޯޓު ހިފެހެއްޓިކަން ހާމަ ކުރުމުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެކަމާ ގުޅުވައިގެން ޗައިނާއަށް ބަހުގެ ހަމަލާއެއް ދެއްވާފަ އެވެ. އެގޮތުން ޗައިނާއާ އޮންނަ ވިޔަފާރީގެ ގުޅުމަށް އެފަދަ ކަންތަކުން ބުރޫ އަރާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ވަނީ ނުސީދާ ގޮތަކަށް ކުރައްވާފަ އެވެ.

އުތުރު ކޮރެއާއިން މިސައިލްތަކެއް ޓެސްޓްކުރުމުން އެމެރިކާއިން އިސް ނަގައިގެން އެގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އދ. ގެ ސަލާމަތީ މަޖިލީހުން އެންމެ ފަހުން ފާސްކުރި ގަރާރުގައި ބުނެފައި ވަނީ އެގައުމަށް ތެޔޮ ވިއްކާ މިންވަރު 90 ޕަސެންޓުން ދަށް ކުރުމަށެވެ.