ދުނިޔެ

ތައިލެންޑްގައި އޮޅުވާލި މީހަކަށް 13275 އަހަރުގެ ޖަލު ހުކުމެއް

ފައިދާ ހުރި ވިޔަފާރިތަކަކަށް އިންވެސްޓްކުރުމުގެ ނަމުގައި އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި މީހަކު 13275 އަހަރަށް ޖަަލަށް ލާން ތައިލެންޑް ކޯޓަކުން ހުކުމްކޮށްފިއެވެ.

ބެންކޮކް ޕޯސްޓް ނޫހުން ބުނީ ފުޑިޓް ކިޓިޓްރަޑިލޮކް ނަމަކަށް ކިޔާ އުމުރުން 34 އަހަރުގެ އެމީހާއަށް އެވަރުގެ ހުކުމެއް ކުރީ 2600 މީހަކަށް އޮޅުވާލައިގެން 574 މިލިޔަން ބާތު ހޯދިކަން ސާބިތުވެގެން ކަމަށެވެ.

އޮޅުވާލައިގެން ފައިސާ ހޯދިކަމުގެ ތުހުމަތަށް ފުޑިޓް ހައްޔަރުކުރީ މިއަހަރުގެ އޮގަސްޓްމަހުއެވެ. އޭނާއާ ދެކޮޅަށް ދައުވާ އުފުލަމުން ދައުލަތުގެ ވަކީލުން ބުނީ ފަރުދީ ގޮތުންނާއި އަމިއްލަ ކުންފުނިތައް ބޭނުންކޮށްގެން މީހުންނަށް އޮޅުވައިލުމުގެ އަމަލުތައް އޭނާ ހިންގާފައިވާ ކަމަށެވެ.

ފުޑިޓް ވަނީ 2015 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރަށް ގިނަ އަދަދެއްގެ ސެމިނާރުތައް ބާއްވާފައެވެ. އެ ސެމިނާރުތަކުގައި ބައިވެރިވި މީހުންނަށް އޭނާ މީހުންނަށް ދައުވަތު ދިނީ ބޭނުންކޮށްފައިވާ ކާރު ވިއްކުމުގެ ވިޔަފާރިއާއި ބިއުޓީ ޕްރޮޑަކްޓް ވިއްކުމާއި ގެދޮރުގަނެވިއްކުމުގެ ވިޔަފާރި ފަދަ ވިޔަފާރިތަކަށް އިންވެސްޓްކުރުމަށެވެ. އެގޮތުން އިންވެސްޓްކުރާ މީހުންނަށް ކޮންމެ ހަފުތާއަކު އެއް ޕަސެންޓްގެ ފައިދާ އަދި އާ އިންވެސްޓަރުން ގެންނަ މީހުންނަށް ފަސް ޕަސެންޓްފައިދާ ލިބޭނެ ކަމަށް އޭނާ މީހުންނަށް ވައުދުވިއެވެ.

އެ އަމަލުތަކަށް ފުޑިޓްވީ އިއުތިރާފާއި މީހުން ދިން ހެކިބަހުން ، އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ އޮޅުވައިލުމުގެ 2653 އަމަލު ހިންގިކަމުގެ ކުށެވެ. 13275 އަހަރުގެ ހުކުމެއް އައީ އެހެންވެއެވެ. ނަމަވެސް އޭނާ އަމިއްލަށް ކުށަށް އިތުރިރާފް ވެފައި ވާތީ ހުކުމް ވަނީ ދެބައިކުޅަ އެއްބަޔަށް ކުޑަކޮށްފައެވެ. އެެއީ 6637 އަހަރެވެ.

ޖަލު ހުކުމުގެ އިތުރުން ފުޑިޓްގެ ކުންފުނިތައް ވަނީ 663.75 މިލިޔަން ބާތުން ޖޫރިމަނާކޮށްފައެވެ.

އޭގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި އޭނާއަށް އިތުރު 10 އަހަރުގެ ހުކުމެއް ވެސް ވަނީ އިއްވާފައެވެ.

ކިތަންމެ ބޮޑު ހުކުމެއް އޮތަސް ތައިލެންޑްގެ ގާނޫނު އޮންނަ ގޮތުން ފުޑިޓް ޖަލުގައި ބެހެއްޓޭނީ ގިނަވެގެން 20 އަހަރު ދުވަހުގެ މުއްދަތަކަށެވެ.