ރިޕޯޓް

ފޭލިވީ ޕްރިޑިކްޓިބަލް ޕޮލިޓީޝަނުން ގިނަވެގެން؟!

May 3, 2015
8

އަދާލަތާއި އެމްޑީޕީ އާއި ޖޭޕީ އިސްވެ އޮވެގެން މިދިއަ ހުކުރު ދުވަހު މާލޭގައި ބޭއްވި އެއްވުމުގައި ބައިވެރިވި މީހުންގެ އަދަދަށް އެކި މީހުން އެކި ނަމްބަރު ޖަހައެވެ. ކޮންމެ ނަމްބަރެއް ޖެހިއަސް އެއީ ބޮޑު އެއްވުމެކެވެ. އެކަން ދޮގު ކުރަން ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ އެވެ.

އެހެން ނަމަވެސް އެ އެއްވުން ނިމިގެން ދިޔައީ މަންޒަރު ދެއްކި ގޮތަަށްވުރެ ބޮޑުތަނުން ވަނދުކޮށެވެ. އެއްވެސް ކަމެއް ނުއެއް ނިމުނެވެ. ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވީ މިދިއަ ހުކުރު ދުވަހުގެ އެއްވުމަކީ "އުތުރުގަޑުބަޑުގެ ކޮޕީއެއް" ކަމަށެވެ.

"މާ ވަރު ދައްކާފައި މާލެ އައީ ވެރި ކަމުގައި ތިބި މީހުން ހިފާ ހައްޔަރުކޮށް އަރުވާލަން. އެކަމަކު މުހައްމަދު އަމީން ކަދުރުގަނޑެއް ދިއްކޮށްލިހާއިރުން އެކަން ނިމިގެން ހިނގައްޖެ. ދެން ބޮޑުންގެ ބުރިން ހަންނާގައިފައި އަރުވާލީ. އުތުރުގެ އެއްވުން އަމީން ދީދީއަށް އެއްވެސް ކަމަކަށްނުވި،" ލަތީފު ވިދާޅުވި އެވެ. "މިޒަމާނުގެ ގޮތަށް ބުނަންޏާ ބުނެވޭނީ ހުކުރު ދުވަހުގެ އެއްްވުމަކީ އަރަބި ސަމިޓެކޭ. އަރަބި ސަމިޓަކީ އެއްވެއް ކަމެއް ކާމިޔާބުވާ ސަމިޓެއް ނޫން. އިޒްރޭލާއި އެމެރިކާއަށް ހަޅޭއްލަވަމުން ވަންނާނީ. ވަންނަ އިރު އެހުރިހާ ގައުމެއް ތިބޭނީ މުޅިން އެހެން ނިޔަތެއްގައި. ސަމިޓަށް ވަންނަ އިރުވެސް ތިބެނީ އެއްވެސް ކަމަކަށް އެެއްބަސް ނުވާން އެއްބަސްވެގެން، މިތާނގައިވެސްވީ އެހެން. އިމްރާނާއި އަލީ ވަހީދުގެ ނިޔަތް ތަފާތު. ދެން ތިބި ބައެއްގެ ވިސްނުން ތަފާތު. އަނެއްކޮޅުން އަޅުގަނޑުމެނަށް އެނގޭ އެމީހުން ކޮންޓްރޯލް ކުރަން އަޅުގަނޑުމެންގެ އަތުގައި އެމީހުން ކޮންޓްރޯލް ކުރާނެ 'ބޭހާއި އިންޖެކްޝަން' ހުރި ފުރަތަމަ ދުވަހުން ފެށިގެންވެސް"

ދުރާލާ ރާވައިގެން އައި އެއްވުމުގައި ފުރަތަމަ ދުވަހުން ފެށިގެން ވެސް ބުނަމުން އައީ އަދާލަތުގެ ރައީސް އިމްރާން ބޭނުންވާ ތަނަކަށް ރައީސް ޔާމީން މަޝްވަރާއަށް ގެންދަވާނެ ކަމަށެވެ. ހުކުރު ދުވަހުގެ ރޭ ރައީސް ޔާމީން މަޝްވަރާއަށް ވަޑައިގަންނަވަންޖެހޭނީ އިސްލާމީ މަރުކަޒަށް ކަމަށް ވެސް ފަހު ވަގުތު އިއުލާން ކުރި އެވެ. އަދި އެރޭ 9:00 ޖަހާއިރު ރައީސް ޔާމީން ނުހުންނަވާނެ ކަމަށް ވެސް ތަކުރާރުކޮށް އިމްރާނާއި އިދިކޮޅު ލީޑަރުން ވިދާޅުވި އެވެ. މީގެ އިތުރުން ދެން ރައީސް ޔާމީނަށް ރާއްޖޭގެ ރައީސް ކަމުގައި ހުންނެވޭނީ އަދާލަތާއި އެމްޑީޕީ އާއި ޖޭޕީން އެކުލަވައިލާ އެއްބަސްވުމެއްގައި ސޮއި ކުރައްވައިގެން ކަމަށް ވެސް އިމްރާނާއި ލީޑަރުން ތަކުރާރުކޮށް ވިދާޅުވި އެވެ. މިއީން އެއްވެސް ކަމެއް ވެފައެއް ނުވެއެވެ.

"އެންމެ ހެއްވާ ކަމަކީ ސިޔާސީ އެފަދަ ބޮޑު ހަރަކާތެއް އިމްރާން ކަހަލަ މީހެއްގެ އަތްމައްޗަށް ދޫކޮށްލުން. އޭނާގެ ހެއްވާކަން ހުރި މިންވަރަކީ އެއޮއް ބޮޑު އެއްވުމުގެ ތެރޭގައި ނޫންތޯ އޭނާ ހަރު އަޑުން ވިދާޅުވީ ނާޒިމްގެ މައްސަލައާ ގުޅޭ ހުރިހާ ޑޮކިއުމަންޓެއް މިހުރީއޭ. ހުރިހާ ހެއްކެއް މިހުރީއޭ. އެހުރިހާ ހެއްކެއް އޭނާގެ އަތުގައި ހުރެމެ ނާޒިމަށް ޖަލަށް ދާާން ޖެހުނު އިރު އޭނާއަކީ ނާޒިމަށް ކިހާ ބޮޑު ބޮނޑިއެއް ދެއްވި މީހަކަށް މިވީ. އެ ތާނގައިވެސް ހެއްދެވީ ދޮގު. އެއީ އެތަނުގައި ހެކީގެ ޑޮކިއުމެންޓްތަކުގެ ފައިލް ކަމަށް ވިދާޅުވެ ދެއްކެވީ އޮންލައިން ނޫހެއްގައި ހަބަރުތަކެއްގެ ޕްރިންޓެއް،" އިމްރާނަށް ފާޑު ކިޔައި މީހަކު ބުންޏެވެ. "އަނެއްކަމަކީ ވަރަށް ގިނަ ބަޔަކު، މީގެ ތެރޭގައި އެމްޑީޕީގެ މީހުން ވެސް ހިމެނޭ، ރާއްޖޭގެ ވަރަށް ގިނަ ބަޔަކު މިހާރު ގަބޫލެއް ނުކުރޭ އިމްރާން ދައްކާ ވާހަކައެއް. އެކަމަކު ސިޔާސީ ގޮތުން އަޑުހަރު އަދި ހެލުވޭ ދުލެއް މިވަގުތަށް ބޭނުންވާތީ އޭނާގެ ބޭނުން މިދަނޑިވަޅަށް ބަޔަކު ހިފާލީ. އެންމެނަށް ވެސް އިނގޭނެ ދިމާއަށް ހުރި ކަންކަމުގައި ވެސް ހައްދަވަމުން ގެންދެވި ދޮގުތައް. އެންމެނަށް އެނގޭނެ ދިމާއަށް ހުރި ކަންމުގައި މީހުންގެ ބޮލުގައި އެޅުވި ތުހުމަތުތަކާއި ބަދުނާމުތައްވެސް. ދީނީ އިލުމްވެރިއެއްގެ ނަމުގައި ހުންނަވައިގެން ހުރިހާ ވާހަކައެއް ވިދާޅުވެފައިމެ ދުއާވެސް ކުރައްވަނީ މަކަރުވެރީންނާއި އަނިޔާވެރިންގެ ކިބައިން ސަލާމަތް ކުރައްވާށޭ ވިދާޅުވެ. އެހެން ދުއާ ކުރައްވާއިރު މިއޮއް ހުރިހާ ދުވަހު ހެއްދެވި ދޮގުތައްވެސް ﷲ މޮޅަށް ދެނެވޮޑިގެންވޭ،"

ސަރުކާރުން ބުނާ ގޮތަށް ރައީސް ޔާމީނަށް ވީ އެއް ކަމެއް ވެސް ނެތެވެ. އެމަނިކުފާނުގެ ގޮތުގައި ސާބިތުވެ އެބަ ހުންނެވި އެވެ. ސަރުކާރު އޮތީ ސާބިތު ކަމާއެކު އެވެ. އިމްރާން އިޝާރާތް ކުރަމުން އައި އުސް މޭޒުގެ ދޮށަށް ވެސް އިސްލާމީ މަރުކަޒަށް ވެސް ރައީސް ޔަމީން ވަޑައެއް ނުގަތެވެ. ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް މިނިވަނެއް ވެސް ނުކުރި އެވެ. ދަނޑިވަޅަށް ބަލައި ރައީސް ނަޝީދުގެ އަނބިކަނބަލުންނާއި ރައީސް ނަޝީދުގެ ބައިނަލްއަގުވާމީ ގާނޫނީ ޓީމް ޖެއްސި ސިޔާސީ ކުޅިއަށް ވެސް ރައީސް ޔާމީން ގުޑައެއް ނުލި އެވެ. އޭގެ ބަދަލުގައި އައީ އެމަނިކުފާނުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ވަރުގަދަ ހަމަލައެކެވެ. "އިމްރާނާއެކު މަޝްވަރާ ކުރުމެއްވެސް ނެތެވެ. ކުށްވެރިން ދޫކުރުމެއް ވެސް ނެތެވެ" ހަމަ އެހެންމެ މަޖީދީ މަގު "ފުރާލި" އެތަކެއް ހާސް މީހުން ހާވިޔާވެ ވަރުގަދަ ބަހުގެ ހަމަލަތައް ދެއްވި ލީޑަރުން މަންޒަރުން ގެއްލިގެން ދިއުން ނޫން ކަމެއްވެސް ނުވި އެވެ. -- މަގުމަތީގައި ހުކުރު ދުވަހުގެ ރޭ ހިނގައި ދިޔަ މުޒާހަރާގެ ހާދިސާތަކަކީ މުޅީން އެހެން ކަމެކެވެ. --

"އަސްލުގައި މިކަމުގައި ދެބައެއް އުޅުނީ. އެއީ އެމްޑީޕީ އާއި އަދާލަތާއި ޖޭޕީ. މިއީ ގުޅިފައިވާ އެކަމަކު ދެބައެއް. މީގެ ތެރެއިން އެމްޑީޕީގެ ނިޔަތް ތަފާތު. ޖޭޕީ އާއި އަދާލަތުގެ ނިޔަތް އަދި މާ ތަފާތު. މި ދެބައި މީހުން ލީޑް ކުރަން ހުންނެވީ އިމްރާން. އޭނާއަކީ ނަތީޖާއެއް ހާސިލު ކުރުމަށް އެކަށީގެންވާ ލީޑަރަކަށްވުރެ ބޮޑަށް މިހާތަނަށް ވެސް ގަދަބަސް ވިދާޅުވަމުން އައި ބޭފުޅެއް، އެހެންވީމާ ނިޔަތް ތަފާތު ދެބަޔަކު އެކުވެގެން ކުރަން އުޅުނު ކަމެއްގެ އެއްވެސް ކޮންސްޓަރަކްޓިވް ޕްލޭނެއް (ބިނާކުރަނިވި ރޭވުމެއް) ނެތް. އޭގެ ސަބަބުން ނަތީޖާއެއް ނުނެރެވި ދިޔައީ، އަދިވެސް މަޖީދީ މަގަށް އެ އަދަދު ނެރެވިދާނެ،" ކުރީގެ ނޫސްވެރިޔަކު ވިދާޅުވި އެވެ.

ދެބައި މީހުންގެ ނިޔަތް ތަފާތު ކަމަށް ބުނާ ބުނުމާމެދު ވިސްނާލާއިރު އެ ދެ ނިޔަތީ ކޮބައިތޯ ބަލައިލަންޖެހެ އެވެ. އެއްކަމަކީ އަދާލަތާއި ޖޭޕީގެ ނިޔަތެވެ. އެ ދެބައި މީހުން މައިދާނަށް ނެރެފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ވަރަށް ގިނަ މީހުން ބުނެ އެވެ. ގާސިމް އެކަމާ ދެކޮޅު ހެއްދެވި ނަމަވެސް ސިޔާސީ ގޮތުން މިދިއަ ދުވަސްތަކުގައި ކަން ހިނގާފައިވާ ގޮތް ބަލައި ދިރާސާ ކޮށްލީމާ ގާސިމް ހަމަ ވިދާޅުވާ އެއްޗަކަށްވުރެ ފެންނާންހުރި ހަގީގަތްތައް ވެސް ސާފެވެ.

ގާސިމްގެ ބޭނުމަކީ ސިޔާސީ މައިދާނުގައި ރައީސް ނަޝީދާއި އެމްޑީޕީއަށް ދިމާވެފެފައިވާ ހާލަތުގެ ތެރެއިން ސިޔާސީ މައިދާނުގައި ގާސިމަށް އިދިކޮޅު ލީޑަޝިޕްގެ އެންމެ މަތީ ޖާގަ ހޯދުމެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމަށް ތާއީދު ކުރާ ކޭމްޕްގެ ބޭނުމަކީ ވެސް އެއީ ކަމަށް ބެލެވެ އެވެ. މުޅީން ސާފެއް ނޫނެވެ.

އެމްޑީޕީގެ ނިޔަތަކީ ނަޝީދު މިނިވަން ކުރުމެވެ. އެމަނިކުފާނު މާލެއަށް ގެނެސް އަލުން އެމްޑީޕީ ރުކުރުވާލައި ސަރުކާރު ކޮށިއަރުވައިލުމެވެ. އަދި އިމްރާނުގެ އަނގަ އާއި ގާސިމާއި ޖޭޕީ އަދި ނާޒިމް ކޭމްގެ ސްޓްރެންތު (ބާރު) ބޭނުންކޮށްގެން ކާމިޔާބު ހޯދުމެވެ. މިކަން ކަން މިހެން ހިނގާނެތޯ ބެއްލެވުމުގެ ގޮތުން ރައީސް ޔާމީންގެ ސިޔާސީ ދެ ކުޅިއެއް ކުޅުއްވައި ޓެސްޓް ކުރައްވާފައެވެ. އެއީ މަޝްހޫރު "65" ގެ ބިލެވެ. އެ ބިލާ ގުޅިގެން ގާސިމަށް އެރި ގުޑުމާއި ނަޝީދު ގާސިމްގެ ސިޔާސީ ފައިދާ ހޯއްދަވަން ޖެއްސެވި ސިޔާސީ ކުޅީގެ ތެރެއިން ހާމަވި ކަންކަމުން ރައީސް ޔާމީން ވަނީ ސިޔާސީ ރޭވުންތެރިކަން ދެން ކުރިޔަށް ގެންދަންވީ ގޮތް ވަރަށް ބޮޑަށް ސާފު ކުރައްވާފައެވެ. އެހެން ކަމުން ނުގުޅޭ ދެވިސްނުމުގެ ތެރޭ ހުސް އަނގަތަޅާ މީހަކު ބަހައްޓައިގެން ގެނައި އެއްވުން ބޭކާރުވެގެން ދިޔައީ އެވެ.

ދެ ބައި މީހުންގެ ބޭނުންވެސް ފޭލުވީ ބޭކާރު ވާހަކަ ދައްކަމުން ގޮސް ކިޔޭ ނުކިޔޭވެސް ނޭނގޭ ހިސާބަށް ދެކެވުނު ވާހަކައިގެ ތެރެއިންނެވެ. ސިޔާސީ މައިދާނުގައި "ޕްރިޑިކްޓިބަލް ޕޮލިޓީޝަނުން" (ނުވަތަ "ގޮތް އެނގޭ ސިޔާސީ ވެރިން") އާއި "އަންޕްރިޑިކްޓިބަލް ޕޮލިޓީޝަނުން" ނުވަތަ ކުރިއަށް ކަންތައް ކުރާނެ ގޮތް ނޭނގޭ ސިޔާސީ ވެރިން ތިބޭނެ އެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދަކީ "އަން ޕްރިޑިކްޓިބަލް" ދެ ޕޮލިޓީޝަނުންނެވެ. ރައީސް ޔާމީނަކީ ވެސް "އަންޕްރިޑިކްޓިބަލް" އެކެވެ. އިދިކޮޅުގައި ރައީސް ނަޝީދަށްފަހު އެފަދަ "އަންޕްރިޑިކްޓިބަލް ޕޮލިޓީޝަނުން" ނެތެވެ. ކިރިޔާ ގާތް ކުރެވޭ ވަރުގެ ބޭފުޅަކަށްވެސް ހުންނެވީ އީވާ އަބްދުﷲ އެވެ. ސިޔާސީ ގޮތުން ނަން މަޝްހޫރުވެފައި އޮންނަ އިބްރާހިމް މުހައްމަދު ސޯލިހަކީ އެފަދަ ޝަހުސިއްޔަތެއް ނޫނެވެ. އަހުމަދު ތަސްމީން އަލީ އާއި އަބްދުﷲ ޝާހިދަކީ މައިދާނުގައި ފޭލިއަރުންނެވެ. މުޅީން ވެސް ތިބީ ދާނެ މަގާއި ހަދާނެ ގޮތާއި ކިޔާނެ އެއްޗެހިވެސް ވިކޭނެ ވަރާއި ނުވިކޭނެ ވަރުވެސް އެނގޭ ބޭފުޅުން ކޮޅެކެވެ. ކުރިންވެސް އިޝާރާތް ކުރި ފަދައިން ތަފާތެއް ދެއްކޭ ވަރުގެ ހަމައެކަނި ބޭފުޅަކީ އީވާ އެވެ.

އިމްރާނަކީ އޭނާ ކަން ކުރައްވާނެ ގޮތް ސަރުކާރުގެ ގޭމްޕްލޭންގައި ތިއްބެވި ބޭފުޅުންނަށް ވަރަށް ރަނގަޅަށް އެނގޭ އަދި އިހަށް ދުވަހު އެމީހުންނާ ދެކޮޅުވި ބޭފުޅެކެވެ. ސަރުކާރަށް އެއީ ކޮން ބޭފުޅެއްކަން ވަރަށް ރަނގަޅަށް އެނގޭ "ޕްރިޑިކްޓިބަލް އެނަމީ" އެކެވެ. ނުވަތަ "ގޮތް އެނގޭ ހަތުރެކެވެ".

ހަގީގަތުގައި ވެސް ހުކުރު ދުވަހު އޮތް ބޮޑު އެއްވުމަކީ "އުތުރު ގަޑުބަޑު" ފަދަ  އެއްވެސް ރޭވުމެއް ނެތް އަދި ލީޑަޝިޕެއް ނެތް އަދި ސިޔާސީ ގޮތުން މޮޅަށް ކުޅެވިދާނެ ފަދަ ބޭފުޅުން އޭގެ ތެރޭގައި ހިތުގެ އަޑީން ސާމިލުވެފައިވާ އެއްވުމެއް ނޫނެވެ. އަޑު ހަރުކޮށް ދެކެވުނު ވާހަކަތަކާއި ކަން ހިނގައި ދިޔަ ގޮތުން ވެސް އަދި ފެނުނު މޫނާއި ނުފެނުނު މޫނުތަކުން އެކަން އެނގެ އެވެ. އުތުރުގަޑުބަޑުގައި ވެސް ވީ ގޮތަށް ހުކުރު ދުވަހުގެ އެއްވުމަށް ފަހު ލީޑަރުން "ގޮޅިއަކަށް" ފެތުން ނޫން ކަމެއް ނުވި އެވެ.

"އުތުރު ގަޑުބަޑު ރޭވި މާލޭގެ ލީޑަރުންނާއި އުތުރުގެ ބައެއް ރަށްރަށުގެ ވެރިންނަށްވުރެ އޭރުގެ ރާއްޖެ ހިންގެވުމުގައި އިސްކޮށް ހުންނެވި މުހައްމަދު އަމީން ސިޔާސީ ގޮތުން މޮޅުވުމުގެ ނަތީޖާއަކަށްވީ މަންޒިލަށް ވާސިލުވެފައި ބޮޑުން ހައްޔަރުވެ ބޮޑެތި އަދަބު ލިބި އިދިކޮޅުގެ ވަރަ ބިނދިގެން ދިޔައީ. އަދާލަތާއި އެމްޑީޕީ އާއި ޖޭޕީގެ ހަރަކާތުން ވެސް މިފެނުނީ ހަމަ އެކަންތައް. ރައީސް ޔާމީންގެ ސިޔާސީ ވިސްނުން ފެނުނީ އިދިކޮޅު ފަރާތްތަކަށްވުރެ މާ ކުރިޔަށް ނެރުއްވާފައިވާތަން. އެހުރިހާ ކަމެއް އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ގެންދެވީ،" ލަތީފު ވިދާޅުވި އެވެ.

ހުކުރު ދުވަހުގެ އެއްވުން ބޭއްވި މަގުސަދާއި އެއެއްވުމާ ގުޅިގެން ދެކެވުނު އެއްވެސް ވާހަކައެއް ހަގީގަތަކަށް ވެގެން ނައި ކަމަށް ވިޔަސް މި ކަމުގައި ސާމިލުވެ އޮތް އެމްޑީޕީ ބޭނުންވާ އެއްކަމެއް ވަނީ ހާސިލުވެފަ އެވެ. ހަގީގަތުގައި ސިޔާސީ މައިދާނުގައި އެމްޑީޕީގެ މެޝީން ހުއްޓިފައި ވަނިކޮށް މިއީ އެ ޕާޓީއަށް ލިބުނު ވަރަށް ބޮޑު ބޫސްޓެކެވެ. ސިޔާސީ ގޮތުން އެ ޕާޓީގެ ބާރަކީ ކޮބައިތޯ ބަލަން ރާއްޖޭގެ ޑިމޮކްރްސީއާމެދު ކަންބޮޑުވާ އަދި އެމްޑީޕީގެ "ރަހުމަތްތެރި" ބޭރުގެ ޖަމާއަތްތައް އޮތީ ސުވާލު އުފައްދައިގެނެވެ.

އެހެން ކަމުން ރައީސް މުހައްމަދު ނަޝީދާއި ނުލައި "ފެބްރުއަރީ 27" އާއި އެތަކެއް ހާސް މީހުންގެ "މޭ ޑޭ" އެއް ސަރުކަރާ ދެކޮޅަށް ނަމްބަރުން ދައްކާލެވުނު ކަން އެއީ ބޭރުގެ ފަރާތްތަކުން މިހާރު އެމްޑީޕީގެ ސަޕޯޓަކީ ކޮބައިތޯ ކުރާ ސުވާލަށް އެޕާޓީން ދިން ޖަވާބެކެވެ. މި ޖަވާބު ބޭރަށް ދައްކައިދޭން އެމްޑީޕީން އޮތީ ކެތްމަދުވަފަ އެވެ. އެއީ އެމްޑީޕީ ބޭނުންވާ "އެތި" ކަމެއް ގާސިމަށް ސިޔާސީ މަސްރަހު ބުނެދޭ އެޑްވައިޒަރުންނަށް ތިލަކޮށް ދެއްވާކަށް އެނގިވަޑައިގެންފައެއް ނެތެވެ. އެއަށްވުރެ ބޮޑަށް ގާސިމްގެ ކޭމްޕްގެ ތެރެއިން ފެންނަނީ "ޕޮއެޓްރީ ޕޮލިޓިކްސް" އެވެ. އެމްޑީޕީން ޖޭޕީ އާއި އަދާލަތާއި ނާޒިމްގެ ކޭމްޕްގެ އެހީ ހޯދި މައިގަނޑު ބޭނުމަކީ ވެސް އެއެވެ. އެޕާޓީ އެކަނި އެވަރުގެ ސްޓްރެންތެއް ދެއްކުމުގައި މިދަނޑިވަޅުގައި ބޮޑު ކާމިޔާބީއެއް ނުހޯދޭނެތީ ރައީސް ނަޝީދާއި އެޑްވައިޒަރުންގެ "ހާޑް ޕޮލިޓިކްސް" ގާސިމްގެ "ފޮއެޓްރީ ޕޮލިޓިކްސް" ގެ މައްޗަށް ކުރި ހޯދީ އެވެ.

އަނެއްކޮޅުން ސަރުކާރުގެ ސިޔާސީ ވިސްނުން ހުންނަ ގޮތުން ސަރުކާރުގެ ލީޑަރުން ހީކުރަނީ އެމީހުން ތިބީ ފުދިފައި ކަމަށެވެ. ބައެއް ޕާލަމެންޓޭރިއަނުންގެ ޗެލެންޖިން އަދި ހަރުކަށި ވާހަކަތަކުންނާއި ޖެއްސުމުގެ ގޮތް ދޭހަކޮށްދޭން ކުރާ ކަންކަމުުން ވެސް އެކަން ދޭހަކޮށްދެ އެވެ.

ހަގީގަތުގައި ރައީސް ޔާމީންގެ ސަރުކާރުގެ ސްޓެބިލިޓީ އާއި ރޭވުންތެރި ކަމުގެ ޕްރޮމޯޝަން ކުރިޔަށް ނެރެ ޕަބްލިކް ރިލޭޝަން ދައުރު އެންމެ އެކަށީގެންވާ ގޮތުގައި ކުރިޔަށް ގެންދެވިފައެއް ނުވެއެވެ. އެކަން ކަމާ ހަވާލުވެ ތިބި ވަރަށް ގިނަ އޮފިޝަލުންނަކީ ފޭލިއަރުންނެވެ. ނަތީޖާއެއްގެ ގޮތުން އަބަދުވެސް ފެންނަނީ "މޮރީނިއޯ" ހެދި ފުދިގެން ޑިފެންސްގައި ތިއްބައި އިދިކޮޅު ކައުންޓާ އެޓޭކް އައުމުން ޓެކްޓިކަލް ޑިފެންސް ޖައްސާ މަންޒަރެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ ޕަބްލިކް ރިލޭޝަން ރާއްޖޭގަ އާއި ރާއްޖޭން ބޭރުގައި ވެސް ފޭލިވެފައިވާ ކަން ސަރުކާރުން ގަބޫލު ކުރަން ޖެހެ އެވެ. ރައީސް ޔާމީންގެ "ދަގަނޑު" ކަމުން "ނާސިރަކަށް" ވެގެން ހުންނެވި ކަމުގައި ވިޔަސް ސަރުކާރުގެ ޕަބްލިކް ރިލޭޝަން މެޝީން ބާރަށް ކުރިޔަށް ނުގެންދެވޭ ނަމަ އަބަދަކު "ނާސިރަކަށް" ވެގެނެއް ނުހެންނެވޭނެ އެވެ. މިއީ ރައީސް ނާސިރުގެ ޒަމާން ފަދަ ޒަމާނަކަށްވުރެ ބޮޑަށް ހުޅުވިފައިވާ ޒަމާނަކަށްވާތީ އެވެ. މިފަދަ ޒަމާނެއްގައި މިވަގުތު ރައީސް ނަޝީދު ނެތަސް އީވާމެން ކަހަލަ ލީޑަރުން ކައުންޓަ ނުރައްކާ ކުރާނެ އެވެ. އެ މަންޒަރު އަދި ފެންނާނެ އެވެ.