ވިޔަފާރި

ރާއްޖޭން ބޭރުކުރި މުދަލުގެ އަދަދު ވަރަށް ބޮޑުތަން އިތުރުވެއްޖެ

މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ރާއްޖޭން ބޭރުކުރި މުދަލުގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު ވަރަށް ބޮޑުތަން އިތުރު ވެއްޖެ އެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސަސްގެ މި އަހަރުގެ ފުރަތަމަ ކުއާޓާ (ފުރަތަމަ ތިން މަހު) ގެ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް 562.2 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، ފުރަތަމަ ކުއާޓާގައި އެތެރެކޮށްފައި ވަނީ 653.3 މިލިއަން ރުފިޔާގެ މުދަލެވެ.

މި މުއްދަތުގައި ރާއްޖޭން އެންމެ ގިނައިން މުދާ ބޭރުކޮށްފައި ވަނީ ތައިލެންޑަށެވެ. އެ ގައުމަށް މުދަލުގެ 33 ޕަސެންޓް ބޭރުކޮށްފައިވެ އެވެ. މީގެ އިތުރުން ދެވަނައަށް އެންމެ ގިނައިން މުދާ ބޭރުކޮށްފައި ވަނީ ކޮރެއާ އަށެވެ. ދެން އެންމެ ގިނައިން ބޭރުކޮށްފައިވަނީ ފްރާންސަށެވެ.

ކަސްޓަމްސްގެ ހިސާބުތައް ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ތިންމަސްދުވަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ މިންވަރު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ފަސް ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ރާއްޖެއަށް 7.2 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާއިރު، މިއަހަރު އެތެރެކޮށްފައިވަނީ 7.6 ބިލިއަން ޑޮލަރުގެ މުދަލެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖެއަށް އެންމެ ގިނައިން އެތެރެކޮށްފައިވަނީ ކާބޯތަކެތީގެ ބާވަތްތަކެވެ. މިމުއްދަތުގައި ރާއްޖެއަށް 1.5 ބިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ތެލުގެ ބާވަތްތަކަށެވެ. މި މުއްދަތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނ ޔޫއޭއީންނެވެ.