އީރާން

އީރާނުގެ މުޒާހަރާތައް ވަރުގަދަވެ، ވެރިރަށަށް ފެތުރިއްޖެ

އީރާނު ސަރުކާރާ ދެކޮޅަށް އެ ގައުމުގެ ބައެއް ބޮޑެތި ރަށްތަކުގައި ފެށި މުޒާހަރާތައް ވަރުގަދަވެ، ވެރިރަށް ތެހެރާނަށް ފެތުރިއްޖެ އެވެ.

ރޮއިޓާސް ބުނީ އީރާނުގައި މިއަދު މުޒާހަރާއަށް ނުކުތް މީހުން ތެހެރާންގެ ބައެއް އިމާރާތްތަކަށް ގެއްލުންދީ ފުލުހުންނާ ކުރިމަތިލި ކަމަށެވެ. މުޒާހަރާތައް ހުއްޓުވަން ފުލުހުން ދިން ބަޑީގެ ހަމަލާތަކެއްގައި ދެމީހަކު މަރުވިކަމަށް ބުނާ ހަބަރެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފައެވެ. ނަމަވެސް އީރާނުގެ ރަސްމީ އިދާރާއަކުން އެކަން އަދި ކަށަވަރެއް ނުކޮށްދެއެވެ.

އީރާނު މީހުން މީގެ ދެދުވަސް ކުރިން މަގުތަކަށް ނުކުތީ އިގުތިސޯދީ ގޮތުން ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުންް އެމީހުންގެ ދިރިއުޅުން ދަތި ވީމައެވެ. އެގައުމުގައި މިފަދަ މުޒާހަރާތަކެއް އެންމެ ފަހުން ކޮށްފައި ވަނީ 2009 ވަނަ އަހަރު އޭރުގެ ރައިސް މަހުމޫދު އަހުމަދީ ނިޖާދާ ދެކޮޅަށެވެ. މިއަދުގެ މުޒާހަރާތައް އިއްތިފާގުން ދިމާވީ އޭރު ކުރި މުޒާހަރާތައް ހުއްޓުވުމުގައި ސަރުކާރަށް ލިބުނު ކާމިޔާބީ ފާހަގަ ކުރާ ދުވަހާ އެވެ. އެގޮތުން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ވެސް މިއަދު ވަނީ އެއްވުންތައް ބާއްވާފަ އެވެ.

އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނީ ސަރުކާރަށް ތާއީދުކުރާ މުޒާހަރާތައް އެގައުމުގެ ޝަހަރުތަކާއި އަވަށްތައް ހިމެނޭ ގޮތުން 1200 ތަނެއްގައި ބޭއްވި ކަމަށެވެ.