ދުނިޔެ

ޖޯޖް ވެއާގެ އެންމެ މޮޅު ލަނޑު: މިފަހަރު ރިޔާސީ ލަނޑެއް!

ލައިބީރިއާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބު ކުރި ޖޯޖް ވެއާއަށް ވުރެ މޮޅު ކުޅިވަރު ޝަޚުޝިއްޔަތެއް އެ ގައުމުގެ ރައްޔިތުން ނުދެކެއެވެ. ދުނިޔެ އޭނާ ސިފަ ކުރަނީ "އަނދިރި ލައިބީރިއާއަށް އެރި އަލި ގަދަ ތަރީ" ގެ ގޮތުގަ އެވެ. އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެއް ފަހަރު އަދި އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފަ އެވެ. މުޅި އެފްރިކާ ކޮންޓިނެންޓުން ވެސް ފުޓުބޯޅައިގައި އެހިސާބަށް ވާސިލުވީ އޭނާ އެކަންޏެވެ.

އަދިވެސް ގިނަ މީހުން ދަންނަނީ ހުނަރުވެރި ފުޓުބޯޅަ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ގައުމު ހިންގުމުގައި ހުނަރު ދެއްކުމުގެ ބުރަ އަދި އޮތީ ކުރިއަށެވެ.

މޮޅު ކޮންމެ ކުޅުންތެރިއަކަށް ލިބޭ ކޮންމެ މަޝްހޫރު ކަމަކީ ސިޔާސީ ދާއިރާގައި ކާމިޔާބު މީހަކަށްވާން އޮންނަ ޓިކެޓަކަށް ކޮންމެ ފަހަރަކު ނުވެއެވެ. ޖޯޖް ވެއާ ވަނީ ލައިބީރިއާގައި އެކަންް ތަޖުރިބާކޮށް، ވިސްނުންތެރިކަމާއެކު ކާމިޔާބު ސިޔާސީ ޝަޚުޝިއްޔަތަކަށް ބަދަލުވެފަ އެވެ. މަޝްހޫރު މޮޅު ކުޅުންތެރިއަކަށް ވީތީ ރިޔާސީ ރޭސް ކާމިޔާބު ވާ ނަމަ ވިއާ ލައިބީރިއާގެ ރައީސް ކަމަށް އަންނާނީ މިއަދަކު ނޫނެވެ. މީގެ އެތައް އަހަރެއް ކުރިންނެވެ.

ސިޔާސީ ދާއިރާއިން މަގާމެއް ކާމިޔާބު ކުރަން ވެއާ ކުރިން ކުރި މަސައްކަތް ނާކާމިޔާބު ކޮށްލީ އޭނާއަކީ ނުކިޔަވާ ހުރި، ލިޔަން ކިޔަން ނުދަންނަ މީހެކޭ ބުނެ، ލައިބީރިއާގެ ސިޔާސީ މީހުން ކުރި އިދިކޮޅު މަސައްކަތުންނެވެ. އޭނާގެ ވާދަވެރިއެއްގެ ގޮތުގައި ހުރީ މިފަހަރުގެ ރިޔާސީ އިންތިހާބުން ބަލިވި އެލެން ޖޯންސަން ސާލީފް އެވެ. އެއީ ހަވާޑް ޔުނިވާސިޓީން ކިޔަވާ ވިދާޅުވެގެން ހުންނެވި ބޭފުޅެކެވެ.

ނުކިޔަވާ ހުރި މީހެކޭ ބުނެ ކުރި މަލާމާތަށް ވެއާ ރައްދު ދިނީ ރިވެތި ގޮތުގަ އެވެ. އޭނާ އަލުން ދިޔައީ ސްކޫލަށެވެ. ކިޔަވަން ކުރި މަސައްކަތް ނިންމައިލީ ޑިގްރީއެއް ހާސިލުކޮށްފަ އެވެ. އެއަށް ފަހު ސިޔާސީ މީހަަކަށް ރަނގަޅަށް ވުމަށް ޓަކައި ލައިބީރިއާގެ ސެނެޓުން ޖާގަ ހޯދި އެވެ. މިހާރު އޭނާއަކީ ލައިބީރިއާގެ ޕްރެޒިޑެންޓް އިލެކްޓް" އެވެ.

ވެއާ އިންތިހާބު ކާމިޔާބު ކުރީ 61.5 ޕަސެންޓް ވޯޓުންނެވެ.

ގިނަ ގޮންޖެހުންތައް އެބަހުރި

ވެއާއަށް ލައިބީރިއާގެ ރިޔާސީ އިންތިހާބު ކާމިޔާބު ވިޔަސް، ފުޓްބޯޅަ ޓްރޮފީއެއް ލިބިގެން އުފާ ކުރަން ހުންނަހެން ހުރެވޭކަށް ނެތެވެ. އެފްރިކާގެ ގިނަ ގައުމުތަކާ ހިލާފަށް، ހަމަޖެހުމެއް ނެތި އަހަރުތަކެއް ވޭތިވެފައި ވިޔަސް އެގައުމުގެ ފަސް މިލިޔަން މީހުންގެ އާބާދީ ތިބީ ފަގީރު ކަމުގަ އެވެ. ގައުމު ބިނާ ކުރުމުގައި ވިއާއަށް ނާކާމިޔާބު ވާނަމަ އޭނާއާ ދެކޮޅަށް ނުކުމެވަޑައިގަންނަވަން ހުންނެވީ އަހުލީ ހަނގުރާމައަށް ފަހު ގައުމު އަލުން އާރާސްތު ކުރެއްވި ސާލީފް އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ރިޕޯޓްތައް ބުނާ ގޮތުން އެބޯލާ ބައްޔާއި ޔޫއެންގެ މިޝަން ލައިިބީރިއާ ދޫކޮށް ދިއުން ފަދަ ސަބަބުތަކާ ހެދި ލައިބީރިއާގެ އިގުތިސާދު ހަމައަކަށް އެޅުވުމަަށް އަދިވެސް ގިނަ ހުރަސްތަކެއް އެބަހުއްޓެވެ.

ލައިބީރިއާ މީހުންގެ އިތުރުން ދުނިޔެެއިން ވެސް އުއްމީދު ކުރަނީ ފަގީރުކަމާ ދެކޮޅަށް ވެސް ވެއާގެ މޮޅެތި ގޯލްތަކެއް ފެންނާނެ ކަމަށެވެ.