ދުނިޔެ

މުރުސީއަށް އަނެއްކާވެސް ޖަލު ހުކުމެއް އިއްވައިފި

ބަޣާވާތެއްގައި ވެރިކަމުން ދުރުކޮށްފައިވާ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީއަށް އަނެއްކާވެސް ޖަލު ހުކުމެއް އިއްވައިފިއެވެ.

މުރުސީ އާއި އޭނާގެ ސަރުކާރުގެ އެހެން ބައެއް ބޭފުޅުން ތިން އަހަރަށް ޖަލަށް ލުމަށާއި ދެމިލިޔަން މިސްރު ޕައުންޑުން ޖޫރިމަނާ ކުރަން ހޮނިހިރު ދުވަހު މިސްރުގެ ޖިނާއީ ކޯޓުން ހުކުމް ކުރީ އެބޭފުޅުން އެގައުމުގެ ޝަރުއީ ނިޒާމަށް ފުރައްސާރަ ކުރެއްވިކަމަށް ބުނެއެވެ.

މުރުސީއާއި ބައިވެރިންނަށް ޖަލު ހުކުމެއް އިއްވިޔަސް ހަމަ އެ ކުށުގެ ދައުވާ ކުރިން އުފުލުނު ބައެއް މީހުންނަށް ކޮށްފައި ވަނީ 3000 އާއި އެއް މިލިޔަނާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ހުކުމެވެ. އެގޮތުން މިސްރުގެ މަޝްހޫރު އެކްޓިވިސްޓް އަލާ އަބުދުލް ފައްތާހާއި ޓީވީ ޕްރެޒެންޓަރު ތައުފީގު އުކާޝާއާއަށް އައީ ޖޫރިމަނާގެ ހުކުމެވެ.

މިސްރުގައި ޑިމޮކްރެޓިކް އުސޫލުން މިހައިތަނަށް ބޭއްވި ހަމަ އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުރުސީ ރައީސްކަމުން ދުރުކުރީ މިހާރުގެ ރައީސް އަބުދުލް ފައްތާހު އައް ސީސީ އިސްވެ ހުންނަވައިގެން 2013 ވަނަ އަހަރު ކުރި ބަޣާވާތެއްގައެވެ. މުރުސީ ރައީސް ކަމަށް އިންތިހާބުވީ 2011 ވަނަ އަހަރުއެވެ.

ބަޣާވާތަކުން ވެރިކަން ވައްޓައިލުމަށް ފަހު މުރުސީ ހައްޔަރުކޮށް އޭނާގެ މުސްލިމް ބްރަދަހުޑް ޕާޓީވެސް ވަނީ އުވާލާފައެވެ. އެޕާޓީގެ އިސް ބޭފުޅުންނާއި މުރުސީއަށް ވެސް ބޮޑެތި ޖަލުހުކުމްތައް ވަނީ އިއްވާފައެވެ.