ދުނިޔެ

ދެކުނުކޮރެއާއާ ވާހަކަ ދައްކަން ތައްޔާރު: ކިމް ޖޮން އުން

އަވަށްޓެރި ދެކުނު ކޮރެއާއާ ވާހަކަ ދައްކަންް އުތުރުކޮރެއާ އޮތީ ތައްޔާރަށް ކަމަށް އެގައުމުގެ ލީޑަރު ކިމް ޖޮން އުން ވިދާޅުވެއްޖެއެވެ.

ވަރުގަދަ ހަނގުރާމައަކަށް ފަހު ވަކިވެފައިވާ ދެކޮރެއާގެ ދެމެދުގަައި އޮތް ނުތަނަވަސްކަން ފަހަކަށް އައިސް ވަނީ ބޮޑުވެފައެވެ. އުތުރު ކޮރެއާއިން ބޮޑަށް ރުޅި އައީ އެމެރިކާއާ ގުޅިގެން ދެކުނު ކޮރެއާއިން ވަަރުގަދަ އަސްކަރީ ތަމްރީނުތަަކެއް ކުރިއަށް ގެންދަން އުޅުމުންނެވެ.

މީލާދީ އާ އަަހަރު ފެށުން ފާހަގަ ކުރުމަށް ކިމް ދެއްވި ހިތާބެއްގައި ވިދާޅުވީ ބޭނުންވެއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ގޮތަށް ނިއުކްލިއަ ހަތިޔާރު އެބަހުރި ކަމަށެވެ. އެމެރިކާއަށް އިންޒާރު ދެއްވުމަށް އެހެން ވިދާޅު ވުމަށް ފަހު ކިމް ވަނީ ދެކޮރެއާގެ ދެމެދު ސުލްހަ ގާއިމް ކުރަން އެދިވަޑައިގަންނަވާ ކަން ހާމަ ކުރައްވާފައެވެ.

" އުތުރާއި ދެކުނުގެ ގުޅުމަށް ބަލާ ނަމަ، ކޮރެއަން ޕެނިންސިއުލާގައި އަމާން މާހައުލެއް އުފެއްދުމަށް، އަސްކަރީ ނުތަވަނަސްކަން އަހަރެމެން ކުޑަކުރަން ޖެހޭ. އުތުރާއި ދެކުނުން ވެސް ޖެހޭ ( މިކަމަށް) މަސައްކަތް ކުރަން،" އުތުރުކޮރެއާގެ ގައުމީ ޓީވީން ދުރަށް ދެެއްކި ހިތާބުގައި ކިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ ފެބްރުއަރީ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންްޓާ އޮލިމްޕިކްސް ގޭމްސްގައި ބައިވެރިވާން އުތުރުގެ ވަފުދެއް ފޮނުވުމަކީ ދެގައުމުގެ މީހުންގެ ގުޅުން ބަދަހިކުރަން ރަނގަޅު ފުރުސަތަކަށް ވާނެ ކަަމަށާއި އެއީ ކާމިޔާބު ހަރަކާތަކަށް ވާނެ ކަމަށް އުއްމީދުކުރައްްވާ ކަމަށެވެ.

" އެ ފުރުސަތު އޮތް މިންވަރެއް ބަލަން މަޝްވަރާ ކުރަން ދެކޮރެއާގެ އޮފިޝަލުން ވަރަށް އަވަހަށް ބައްދަލުކުރައްވައިފާނެ،" ކިމް ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖައި ވިދާޅުވެފައި ވަނީ ޕިޔޮންޗޭންގް އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރި ވުމަކީ އެ މުބާރާތުގެ ސަލާމަތްތެރިކަން ކަށަވަރުވާނެ ކަމެއް ކަމަށެވެ. އަދި އެމެރިކާއާއި ގުޅިގެން ބާއްވަން އުޅުނު އަސްކަރީ ތަމްރީނުތައް އެގައުމުން ވަނީ ގޭމްސް ނިމެންދެން ފަސްކޮށްފައެވެ.

ރޮއިޓާސް ބުނީ ކިމްގެ ވާހަކަފުޅާ ބެހޭ ގޮތުން ދެކުނު ކޮރެއާގެ ބަހެއް ހޯދަން އެ އެޖެންސީން ދެކުނު ކޮރެއާ އޮފިޝަލުންނާ ސުވާލު ކުރި ކަމަށެވެ. އެކަމާ ސުވާލު ކުރުމުން ދެކުނު ކޮރެއާ އޮފިޝަލުން ރޮއިޓާސްއަށް ވިދާޅުވެފައި ވަނީ ކިމްގެ ވާހަކަފުޅު މުތާލިއާ ކުރަމުން އަންނަ ކަމަށެވެ.

ކިމްގެ ވާހަކަފުޅާ ބެހޭ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް ސުވާލު ދެންނެވުމުންް އޭނާ ވިދާޅުވެފައި ވަނީ އެކަން ބައްލަވާނެ ކަމަށެވެ.