ހަބަރު

2.18 ކިލޯގެ ޑްރަގް މައްސަލައިގަ ވަކިކުރި ކަސްޓަމްސް އޮފިސަރުގެ ވަޒީފާގެ މައްސަލަ ސުޕްރީމް ކޯޓަށް

May 3, 2015

ބޮޑު ނެޓްވޯކަކާ ގުޅިގެން ރާއްޖެއަށް 2.18 ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުމުގައި އެހީތެރިވިކަމުގެ ތުހުމަތުގައި ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރި މީހާއަށް ވަޒީފާ ދޭން ކުރި ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

ހ. ޑޮނީގޯލް މުހައްމަދު ޝަފީގު ޗީފް ކަސްޓަމްސް އޮފިސަރުގެ މަގާމުގައި ހުއްޓާ އޭނާ އެ ވަޒީފާއިން ވަކިކުރީ ނޮވެމްބަރު، 2007 ގައި ބަޔަކު ރާއްޖެ އެތެރެކުރި 2.18 ކިލޯގެ ޑްރަގް އެތެރެ ކުރުމުގައި އޭނާ އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގަ އެވެ. އެ މައްސަލައިގައި ޝަފީގުގެ މައްޗަށް ޖިނާއީ ދައުވާ ކުރި ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޝަފީގުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމް ކުރުމުން އޭނާ ވަނީ އޭނާ ކުރިން ހުރި ވަޒީފާ އަނބުރާ ހޯދަން ދައުވާކޮށްފަ އެވެ. އޭނާއަށް ވަޒީފާދޭން ނުޖެހޭނެ ކަމަށް ސިވިލް ކޯޓުން 2011 ގައި ހުކުމްކޮށްފައި ވަނިކޮށް، މިދިޔަ އަހަރު ހައި ކޯޓުން ވަނީ އޭނާއަށް ވަޒީފާދޭން ހުކުމްކޮށްފަ އެވެ.

އެހެންވެ ދައުލަތުން މިހާރު ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ މައްސަލަ އެ ކޯޓުން މިހާރު ވަނީ ބަލައިގެންފަ އެވެ.

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.18 ކިލޯގެ ޑްރަގް މައްސަލައިގައި ޝަފީގުގެ އިތުރުން ފުލުހަކާއި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުންގެ މައްޗަށް ކުށް ސާބިތުވެ، އެ މީހުން އުމުރަށް ޖަލަށްލާން ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

އެ މަސްތުވާތަކެތި ތަކެތި އެތެރެ ކުރުމުގެ އިސް މީހެއްގެ ގޮތުގައި ހުރި ގ. ހިލްމަން އަބްދުލްހަމީދު އަބްދުއްސަމަދު ވެސް އުމުރަށް ޖަލަށްލައި، އޭނާގެ މިލްކުގައިވާ ހުރިހާ މުދަލެއް ދައުލަތަށް ނަގަން ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.