ދުނިޔެ

އޮސްޓްރޭލިއާގައި ހަވާ އަރުވަނިކޮށް ރޯވެ، ބައެއް މީހުންނަށް އަނިޔާވެއްޖެ

މީލާދީ އާ އަހަރު ފެށުން ފާހަގަކުރަން އޮސްޓްރޭލިއާގެ ގޮނޑުދޮށެއްގައި ހަވާ އަރުވަން ބޭނުން ކުރި ބާޖެއްގައި ރޯވެ، ބައެއް މީހުންނަށް އަނިޔާވެއްޖެއެވެެ.

އޮސްޓްރޭލިއާގެ ނިއު ސައުތުވޭލްސްގައިވާ ޓެރިޖަލް ބީޗް ނަމަކަށް ކިޔާ ގޮނޑު ދޮށުގައި ހިނގި އެހާދިސާގައި އަނިޔާވީ ދެމީަކަށެވެ. ހާދިސާ ހިނގުމާ އެކު އޮސްޓްރޭލިއާ ފުލުހުން ވަނީ ގޮނޑު ދޮށުން މީހުން ދުރަށް ލާފައެވެ. އެގޮތުން 5000 އާ 6000 އާ ދެމެދުގެ އަދަދެއްގެ މީހުން ދުރަށް ޖެއްސި ކަމަށް އޮސްޓްރޭލިއާ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުންޏެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އެ އެޖެންސީން ބުނީ 15 މިނެޓް ވަންދެން ހަވާ އަރުވަން ތައްޔާރުކޮށްފައި އޮތް ބާޖުގައި ރޯވުމުން އެންމެ ހަތަރު މިނެޓް ތެރޭގައި ހުރިހާ އެއްޗެއް ގޮވައި އެކި ދިމަ ދިމާއަށް ބުރައިގެން ދިޔަ ކަމަށެވެ.

ހަވާ އެރުވުމުގެ ކަންތައް އިންތިޒާމްކުރި މީހުން ބުނެފައި ވަނީ އެހާދިސާ ހިނގީ ބާޖްގައި ކެނިސްޓާއެއް ގޮވުމުގެ ސަބަބުން ކަމަށެވެ. ހާދިސާގައި އަނިޔާވީ ވެސް ބާޖުގައި ތިބި ދެ ޕައިރޯޓެކްނީޝަނުންނަށެވެ. އެމީހުން ވަނީ ހާދިސާ ހިނގުމާ އެކު މޫދަށް ފުންމާލައިގެން އެއްގަަމަށް އަރާފައެވެ. އެމީހުންނަށް ލިބުނީ ކުދި ކުދި ޒަހަމްތަކެކެވެ.

ހާުދިސާގައި މީހަކަށް ބޮޑު އަނިޔާއެއް ނުވިޔަސް އެކަމުގެ ސަބަބުން ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.

މީލާދީ އާ އަހަރު ފެށުން މިއަހަރުވެސް ގިނަ ގައުމުތަކެއްގައި ކުލަގަދަކޮށް ފާހަގަ ކުރިއެވެ.