ދުނިޔެ

އީރާނުގެ މުޒާހަރާތަކުގައި 13 މީހުން މަރުވެއްޖެ

އީރާނުގެ އިދިކޮޅު ފަރާތްތަކުން އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 13 އަށް އަރައިފިއެވެ.

ރޮއިޓާސް ބުނީ އީރާނުގެ މެދުތެރޭގައިވާ ގަހްދެރިޖާން ނަމަކަށް ކިޔާ ރަށުގައި މުޒާހަރާ ކުރި މީހުން ރޭގައި ފުލުުހުންގެ އިމާރާތަކަށް ވެރިވެގަންނަން މަސައްކަތް ކުރި ކަމަށެވެ. އަދި ބުނީ އެމީހުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރުމުން ފުލުހުންނާ އެމީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގި ކަމަށެވެ. އެ ހަމަ ނުޖެހުންތަކުގެ ތެރޭގައި މުޒާހަރާ ކުރި މީހުން ވަނީ ފުލުހުންގެ އިމާރާތުގައި ހުޅުވެސް ޖަހާފައެވެ.

އީރާނުގެ ގައުމީ ޓީވީން އިއްޔެ ބުނީ އާދީއްތަ ދުވަހު ކުރި މުޒާހަރާތަކުގައި 10 މީހުން މަރުވި ކަމަށެވެ. ނަމަވެސް ދެކުނުގައިވާ ހަމަދާން ޕްރޮވިންސްގެ ޓިއުރްސަރްކާން ނަމަކަށް ކިޔާ ރަށުން މަރުވި ތިން މީހުންނާއި އެކު މަރުވި މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފައެވެ.

އީރާނު މީހުން މި ދިޔަ ކުރިން މަގުތަކަށް ނުކުތީ އިގުތިސޯދީ ގޮތުން ކުރިމަތިވެފައިވާ މައްސަލަތަކުގެ ސަބަބުންް އެމީހުންގެ ދިރިއުޅުން ދަތި ވީމައެވެ. އެގައުމުގައި މިފަދަ މުޒާހަރާތަކެއް އެންމެ ފަހުން ކޮށްފައި ވަނީ 2009 ވަނަ އަހަރު އޭރުގެ ރައިސް މަހުމޫދު އަހުމަދީ ނިޖާދާ ދެކޮޅަށެވެ.