ދުނިޔެ

ދެ ކޮރެއާގެ މަޝަވަރާތަކަށް ދެކުނުން އާނބަސް ބުނެފި

މަޝްރަހު ފިނި ކުރުމަށް ޓަކައި ދެކޮރެއާއިން މަޝްވަރާ ކުރަން އެދިވަޑައިގަންނަވާ ކަމަށް އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުން ވިދާޅުވުމުން ދެކުނު ކޮރެއާއިން ވެސް އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރު ޗޯ މްޔޮން ޔޮން މިއަދު ވިދާޅުވީ އަންނަ ހަފުތާގައި ދެގައުމުން މަތީ ފެންވަރުގެ ވާހަކަތައް ބާއްވަން ދެކުނު ކޮރެއާއިން އެދޭ ކަމަށެވެ. އެ މަޝްވަރާތައް ދެކޮރެއާ ގުޅޭ ސަރަހައްދީ ރޮނގުގެ ކައިރީގައިވާ ޕަންމުންޖޮމް ނަމަކަށް ކިޔާ އަވަށުގައި އަން އަަންގާރަ ދުވަހު ބާއްވަން އޭނާ ވަނީ ހުށަހަޅުއްވާފައެވެ.

ދެކުނު ކޮރެއާއިން މިހެން ބުނެފައި މިވަނީ ދެގައުމުގެ މަޝްވަރާތައް ބާއްވަން ކިމް ޖޮން އުން ހުށަހެޅުއްވިތާ އެއް ދުވަސް ފަހުންނެވެ.

މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރު ވިދާޅުވީ ވާހަތަކުގެ އަމާޒަކަށް ވާނީ އަންނަ ފެބްރުއަރީ މަހު ދެކުނު ކޮރެއާގެ ޕޮޔޮންޗޭންގް ނަމަކަށް ކިޔާ ރަށުގައި ފަށާ ވިންޓާ އޮލިމްޕިކްސްގައި އުތުރުކޮރެއާގެ ވަފުދެއް ބައިވެރި ކުރުން ކަމަށެވެ.

މީލާދީ އާ އަަހަރު ފެށުން ފާހަގަ ކުރުމަށް ކިމް ދެއްވި ހިތާބެއްގައި ވިދާޅުވީ ބޭނުންވެއްޖެ ހާލަތެއްގައި ބޭނުން ކުރެވޭ ގޮތަށް ނިއުކްލިއަ ހަތިޔާރު އެބަހުރި ކަމަށެވެ. އެމެރިކާއަށް އިންޒާރު ދެއްވުމަށް އެހެން ވިދާޅު ވުމަށް ފަހު ކިމް ވަނީ ދެކޮރެއާގެ ދެމެދު ސުލްހަ ގާއިމް ކުރަން އެދިވަޑައިގަންނަވާ ކަން ހާމަ ކުރައްވާފައެވެ.

" އުތުރާއި ދެކުނުގެ ގުޅުމަށް ބަލާ ނަމަ، ކޮރެއަން ޕެނިންސިއުލާގައި އަމާން މާހައުލެއް އުފެއްދުމަށް، އަސްކަރީ ނުތަވަނަސްކަން އަހަރެމެން ކުޑަކުރަން ޖެހޭ. އުތުރާއި ދެކުނުން ވެސް ޖެހޭ ( މިކަމަށް) މަސައްކަތް ކުރަން،" އުތުރުކޮރެއާގެ ގައުމީ ޓީވީން ދުރަށް ދެެއްކި ހިތާބުގައި ކިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ ފެބްރުއަރީ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންްޓާ އޮލިމްޕިކްސް ގޭމްސްގައި ބައިވެރިވާން އުތުރުގެ ވަފުދެއް ފޮނުވުމަކީ ދެގައުމުގެ މީހުންގެ ގުޅުން ބަދަހިކުރަން ރަނގަޅު ފުރުސަތަކަށް ވާނެ ކަަމަށާއި އެއީ ކާމިޔާބު ހަރަކާތަކަށް ވާނެ ކަމަށް އުއްމީދުކުރައްްވާ ކަމަށެވެ.

" އެ ފުރުސަތު އޮތް މިންވަރެއް ބަލަން މަޝްވަރާ ކުރަން ދެކޮރެއާގެ އޮފިޝަލުން ވަރަށް އަވަހަށް ބައްދަލުކުރައްވައިފާނެ،" ކިމް ވިދާޅުވިއެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން ޖައި ވިދާޅުވެފައި ވަނީ ޕިޔޮންޗޭންގް އޮލިމްޕިކްސްގައި އުތުރު ކޮރެއާއިން ބައިވެރި ވުމަކީ އެ މުބާރާތުގެ ސަލާމަތްތެރިކަން ކަށަވަރުވާނެ ކަމެއް ކަމަށެވެ. އަދި އެމެރިކާއާއި ގުޅިގެން ބާއްވަން އުޅުނު އަސްކަރީ ތަމްރީނުތައް އެގައުމުން ވަނީ ގޭމްސް ނިމެންދެން ފަސްކޮށްފައެވެ.