ދުނިޔެ

ތެޔޮ ނުވިއްކި ސްޓޭޝަންތަކެއް ސައުދީން ބަންދުކޮށްފި

ސައުދީ އަރަބިއްޔާގައި ތެޔޮ އަގުބޮޑުކުރަން އުޅުމުން އާއްމުންނަށް ތެޔޮ ވިއްކާ ވަރު މަދު ކޮށް، ތެޔޮ ޖަމާކުރަން މަސައްކަތް ކުރި 68 ސްޓޭޝަނަކާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ފިޔަވަޅު އަޅައިފިއެވެ.

ސައުދީ ކޮމާސް މިނިސްޓްރީއާ ހަވާލާދީ ސައުދީ ގެޒެޓް ނޫހުން ބުނީ ތެޔޮ އަގުބޮޑުކުރަން އުޅޭކަން އެނގިގެން، ދުރާލައި ތެޔޮ ވިއްކުން ހުއްޓައިލި ސްޓޭޝަންތައް ބަންްދު ކުރީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ.

ސައުދީ އަރަބިއްޔާގައި ތެޔޮ އަގުބޮޑުކުރިކަން ރަސްމީކޮށް އިއުލާނު ކުރީ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

" ގަންނަ މީހުންނަަށް ތެޔޮ ފޯރުކޮށްދޭން ދެކޮޅު ހެދި 68 ގޭސް ސްޓޭޝަނެއް އަހަރެމެން ބަންދުކޮށްފިން ސައުދީ އަރަބިއްޔާގެ ކޮމާސް އެންޑް އިންވެސްޓްމެންޓް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ގަވައިދުން ތެޔޮ ވިއްކަމުންދާކަން ކަށަވަރު ކުރުމަށް އެ މިނިސްޓްރީން 1597 ސްޓޭޝަނެއް ބަލައި ފާސްކުރި ކަމަށެވެ. އަގަށް ނުވަތަ ތެޔޮ ވިއްކާ މިންވަރަށް ބަދަލެއް ނުގެންނަކަން ކަށަވަރު ކުރުމަށް އެ ތެޔޮ ވިއްކާ ތަންތަނުގެ ހަރަކާތްތައް 24 އަބަދުވެސް ބަލަމުންދާނެ ކަަމަށެވެ.

ތެލުގެ އަގު ބޮޑު ކުރުމުން އާއްމުންނަށް ދަތިވާ ފަދަ ކަންތަައްތައް ކުރިޔަ ނުދޭން ސައުދީ ކޮމާސް މިނިސްޓްރީން ވަނީ އެގައުމުގެ ސަލާމަތީ ބާރުތަކާ ގުޅިގެން ފިޔަވަޅުތައް އަޅާފައެވެ. އެގޮތުން ކަމާ ގުޅޭ މުއައްސަސާތައް ގުޅިގެން ހިންގާ އޮޕަރޭޝަން ރޫމެއް ވަނީ އުފައްދާފައެވެ.

އެހުރިހާ ފިޔަވަަޅުތަކާ އެކުގައި ވެސް އުޅަނދުތަކަށް ތެޔޮ އެޅުމުގައި ބޮޑެތި ދަތިތަކެއް އާދީއްތަ ދުވަހު ކުރިމަތިވިއެވެ. އެހެންވެ، ތެޔޮ ވިއްކާ ތަންތަނުގެ ކައިރީގައި ދިގު ކިއުތައް އޮތް ކަމަށް ނޫހުން ބުންޏެވެ.

ސައުދީގައި ތެލުގެ އަގު ބޮޑުކުރީ އިއްޔެއިން ފެށިގެންނެވެ. އެގޮތުން އޮކްޓޭން 91 ގެ އަގު ވަނީ 0.75 ރިޔާލުން 1.37 ރިޔާލަށް ބޮޑުކޮށްފައެވެ. އޮކްޓޭން 95 ގެ އަގުވަނީ 0.90 ރިލާޔުން 2.04 ރިޔާލަށް ބޮޑުކޮށްފައެވެ. ނަމަވެސް ޑީސަލުގެ އަގަށް ބަދަލެއް ނުގެނެއެވެ.