ހަބަރު

ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ހޯދައިދޭންޖެހޭ: އެޗްއާރްސީއެމް

May 3, 2015

މަސްއޫލިއްޔަތު އަދާކުރަން ނޫސްވެރިންނަށް ރައްކާތެރި މާހައުލެއް ތަނަވަސް ކޮށްދޭން އެޗްއާރްސީއެމުން ގޮވާލައިފި އެވެ.

ޕްރެސް ފްރީޑަމް ޑޭއާ ގުޅުވައި އެޗްއާރްސީއެމުން މިއަދު ވަނީ ބަޔާނެއް ނެރެފައެވެ.

ކޮމިޝަނުގެ އެ ބަޔާނުގައި ބުނަނީ ފަސޭހަ ކަމާއެކު ނޫސްވެރިންނަށް މައުލޫމާތު ފޯރުކޮށްދިނުމަކީ ދައުލަތާއި މުއައްސަސާތަކުގެ ޒިންމާއެއް ކަމަށާއި މިހާރު  ވެސް ނުރައްކާތެރި ހާލަތްތަކުގައި ގޮންޖެހުންތަކާއެކުވެސް މައުލޫމާތު ހޯދުމުގައި ނޫސްވެރިން ފަސްނުޖެހި އެކަން ކުރަމުން އަންނަ ކަމަށެވެ. ނޫސްވެރިކަމުގެ މިނިވަންކަން  ފުރިހަމަ ގޮތުގައި ލިބިދިނުމަށް އެތަކެއް މަސައްކަތެއް ކުރަންޖެހޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.

"... ނޫސްވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ޓަކައި އޮންނަން ޖެހޭ ރައްކާތެރި މާހައުލު ނޫސްވެރިންނަށް ތަނަވަސް ކޮށްދިނުމާއި، ނޫސްވެރިކަމަށް ބޭނުންވާނެ މައުލޫމާތު ފަސޭހަކަމާ އެކު އެފަރާތްތަކަށް ފޯރުކޮށްދިނުމަކީ ދައުލަތުގެ މުއައްސަސާތަކާއި އެންމެހާ ފަރާތްތަކުގެ ޒިންމާއެއްކަމަށް ވީހިނދު، މި ޒިންމާ ފުރިހަމައަށް އަދާކުރުމާ އެކު، ނޫސްވެރިކަމުގެ މިނިވަންކަމަށް އިހްތިރާމްކުރުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ،" ބަޔާން ބުނެ އެވެ.