އިންޑިއާ

ގެއްލުނު މަސްވެރިން ހޯދަން އިންޑިއާ މަސްވެރިން ރާއްޖެއަަށް

ތޫފާން "އޯޗީ" ގެ ސަބަބުން އިންޑިއާގެ ދެކުނު ސަރަހައްދުތަކުން ގެއްލުނު މަސްވެރިން ހޯދަން އެ ގައުމުގެ ސަރުކާރުން ކުރާ މަސައްކަތަށް އިތުބާރު ނުކުރެވިގެން އެ މަސައްކަތް އަމިއްލައަށް ކުރަން އިންޑިއާގެ މަސްވެރިންގެ ބަޔަކު ނުކުމެއްޖެ އެވެ.

"ދަ ހިންދޫ" ނޫހުން ބުނީ ގެއްލުނު މަސްވެރިން ހޯދަން އަމިއްލައަށް މަސައްކަތް ކުރަން ކަންޔާކުމާރީގެ 36 މަސްވެރިއަކު ރާއްޖެއަށް ފުރާފައިވާ ކަމަށެވެ. އަދި ބުނީ ރާއްޖެއަށް ދިއުމަށް އެމީހުން ދަތުރު ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ކަމަށެވެ.

ރާއްޖެއަށް ދަތުރު ކުރުމަށް އެމީހުން ހުއްދަ ހޯދީ ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ މެދުވެރިކޮށްގެން ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

"މަސްވެރިންގެ ޓީމަށް މިރަށް ތަކަށް [ރާއްޖެއަށް] ދެވޭނެ ކަަމަށް ލަފާ ކުރެވެނީ ޖެނުއަރީމަހުގެ ދެވަނަ ނުވަތަ ތިން ވަނަ ދުވަހު. އެކަމަކު އެމީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އަދި ނުލިބޭ. އެމީހުން މަސައްކަތް ނިންމާލާނެ ކަަމަށް ބެލެވެނީ ޖެނުއަރީ ފަސް ވަނަ ދުވަހު،" މަސްވެރިން ހިންގާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގެ ކަންތައް ބަލާ ސުނިލް ވަލަ ވިލާއީ ނޫހަށް ބުނެފައި ވެއެވެ.

ތޫފާން އޯޗީގައި ގެއްލުނު މަސްވެރިންގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު ދާދި ފަހުން ވެސް ވަނީ ފެނިފަ އެވެ. އެ ހަށިތައް ފެނުމާ އެކު ތޫފާނުގައި މަރުވި މަސްވެރިންގެ މިހާރުގެ އަދަދަކީ 10 އެވެ.