ސީރިޔާ

ސީރިޔާ ހަނގުރާމަވެރިން ރަޝިޔާގެ ބޯޓްތަކެއް ހަލާކު ކޮށްލައިފި

ސީރިޔާގެ ވައިގެ މަރުކަޒަކަށް އެ ގައުމުގެ އިދިކޮޅު ހަނގުރާމަވެރިން ދިން ހަމަލާތަކެއްގައި ރަޝިޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކެއް ހަލާކު ކޮށްލައިފި އެވެ.

ރަޝިޔާގެ ދުވަހު ނޫހެއް ކަމަށްވާ ކޮމާސޭންޓް އާ ހަވާލާދީ ރޮއިޓާސް ބުނީ ހުމައިމީން ނަމަކަށް ކިޔާ ވައިގެ މަރުކަޒަށް މިދިޔަ ޑިސެންބަރުމަހުގެ 31 ވަނަ ދުވަހު ދިން ހަަމަލާތަކުގައި ރަޝިޔާގެ މަދުވެގެން ހަތް މަތިންދާބޯޓް ހަލާކު ކޮށްލާފައިވާ ކަމަށެވެ.

މިއީ ސީރިޔާ ސަރުކާރާ އެއްކޮޅަށް ހަނގުރާމަ ކުރަން ރަޝިޔާ ސިފައިން އެގައުމަށް ދިޔަ ފަހުން އަސްކަރީ ހާޑްވެއާއަށް އެއް ފަހަރާ އެންމެ ބޮޑު ގެއްލުމެއް ލިބުނު ފަހަރެވެ. އެގޮތުން ހަލާކުވީ ތަކެތީގެ ތެރޭގައި ބޮންއަޅާ އެސްޔޫ-24 މަރުކާގެ ހަތަރު މަތިންދާބޯޓާއި އެސްޔޫ-35 އެސް މަރުކާގެ ދެ މަތިންދާބޯޓާއި އެން -72 މަރުކާގެ ޓްރާންސްޕޯޓް މަތިންދާބޯޓެއް ހިމެނެއެވެ. އޭގެ އިތުރުންް ހަތިޔާރު ގުދަނެއް ވެސް ހަލާކު ކޮށްލާފައިވާ ކަމަށް ރަޝިޔާގެ މިލިޓަރީ ޑިޕްލޮމޭޓުންނާ ހަވާލާދީ ނޫހުން ބުންޏެވެ.

މަތިންދާބޯޓްތަކާއި ހަތިޔާރުތައް ހަލާކުކޮށްލި ހަމަލާފައި ރަޝިޔާ ސިފައިންގެ 10 މީހުން ޒަހަމްވި އެވެ.

ސީރިޔާގައި ހަރަކާތްތެރިވި ރަޝިޔާގެ ހެލިކޮޕްޓަރެއް ވެއްޓުު ހަބަރުވެސް އިއްޔެ ފެތުރުނެވެ. ރަޝިޔާ ސަރުކާރުން ބުނީ އެ ހެކިކޮޕްޓަރު ވެއްޓުނީ ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.

ސީރިޔާ ހަނގުރާމަ އަކީ ދާހިލީ ހަނގުރާމައެއް ކަމަށް ދުނިޔެއިން ސިފަ ކުރިޔަސް އެ ހަނގުރާމައިގައި އެމެރިކާ، ރަޝިޔާ، އީރާން، ތުރުކީ އަދި ބައެއް އަރަބިގައުމުތަކުން ވެސް ބައިވެރި ވެއެވެ. އެ ހަނގުރާމައިގައި ހަ ލައްކައެއްހާ މީހުން މަރުވި އިރު އޭގެ ތެރޭގައި ގިނައީ އާއްމުންނެވެ. އެ ހަނގުރާމައިގެ ސަބަބުން އެތައް މިލިޔަން މީހުންނެއް ވަނީ ރެފިއުޖީންނަށް ވެފައެވެ.